ސުނާމީއާ ގުޅިގެން ނެގި ހުރިހާ ލޯނަކަށް ސަރުކާރުން ފައިސާ ދައްކައިދީފި

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެހާސް ހަތަރު ވަނަ އަހަރުގެ ޑިސެމްބަރު މަހު ދިވެހިރާއްޖެ އަށް ދިމާވި ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށް އަމިއްލަ ފަރުދުންނަށް ބީއެމްއެލް އިން ދޫކުރި ލޯނުތަކަށް ސަރުކާރުން ފައިސާ ދައްކައި ހަލާސްކޮށްފި އެވެ.

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި ސުނާމީއާ ގުޅިގެން އާންމުންނަށް ދޫކުރި ލޯނުތަކުގެ ތެރެއިން 455 ލޯނަކަށް އަނބުރާ ނުދައްކައި 30.4 މިލިޔަން ރުފިޔާ ހުއްޓެވެ.

އޭގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުގެ މަތިން 15.2 މިލިއަން ރުފިޔާ ސަރުކާރުން ބޭންކް އޮފް މޯލްޑިވްސްއަށް ދައްކާފައިވާ އިރު، ބާކީ 15.2 މިލިއަން ރުފިޔާ ބޭންކުން ވަނީ މައާފުކޮށްދީފަ އެވެ.

ބީއެމްއެލް އިން ދޫކުރި ލޯނުތައް ދައްކައި ހަލާސްކުރި އިރު ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއާއި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ފަރާތުން ސުނާމީ އާ ގުޅިގެން އަމިއްލަ ފަރުދުންނަށް ދޫކުރި ލޯނުތަކުގެ ތެރެއިން 144 މީހަކަށް ދޫކުރި 9.49 މިިލިއަން ރުފިޔާގެ ލޯނު އެ އިދާރާތަކުން ވެސް މައާފުކޮށްދީފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރުން 15.2 މިލިއަން ރުފިޔާ ދައްކައި، އަދި ބާކީ 15.2 މިލިއަން ރުފިޔާ ބީއެމްއެލްއިން މައާފުކޮށްދިނުމާ އެކު، ބޭންކަށް ފައިސާ ނުދައްކާ ހުރި އެއްވެސް ލޯނެއް މިހާރު ނުހުންނާނެ ކަމަށެވެ.

comment ކޮމެންޓް