ހިޔާނާތުގައި ހިމެނޭ އެޗްއާރުސީއެމްގެ މެމްބަރު ވަކިކުރަން މަސައްކަތް ފަށައިފި

އެޗްއާރުސީއެމް މެމްބަރު މޫސާ އަލީ ކަލޭފާން: އޭނާ ވަކިކުރުމުގެ މަސައްކަތް ކޮމިޓީން ވަނީ ފަށާފައި -- ފޮޓޯ/ ޕޮލިސް

ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރު މޫސާ އަލީ ކަލޭފާނުގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތާ ގުޅިގެން އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ފަށައިފި އެވެ.

މޫސާ އަލީ ކަލޭފާނުގެ މައްޗަށް ކުރެވެނީ، އޭނާ 2007 އިން 2010 އަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމުގައި ހުންނަވަނިކޮށް، އެ ސެންޓަރުގެ 1.4 މިލިއަން ރުފިޔާއަށް ހިޔާނާތްތެރި ކަމަށް ބުނާ މައްސަލަ އެވެ. އެ މައްސަލައިގައި އޭނާއާއެކު އިތުރު އަށް ބޭފަޅަކަށް ދައުވާ ކުރުމަށްވެސް ފޮނުވި އެވެ. އެ މައްސަލައިގައި 2013 ވަނަ އަހަރުގެ ކުރީކޮޅު އޭނާ ހައްޔަރުވެސް ކުރި އެވެ. ރައީސް ޔާމީންގެ ސަރުކާރުގައި، މޫސާ އަޅީ ކަލޭފާން އެޗްއާެރުސީއެމްގެ މެމްބަރު ކަމަށް އައްޔަން ކުރީ އޮގަސްޓް 27، 2015 ގައެވެ.

މަޖިލިސް މެމްބަރުންގެ ކަންބޮޑުވުމާއެކު، ރޭ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ މޫސާ އަލީ ކަލޭފާންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި، އޭނާ ވަކިކުރުމުގެ މަސައްކަތް ފަށައި، މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން އެކަން މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް ގެނައުމަށެވެ.

މަޖިލިސް އާ ގަވާއިދުގެ 210 ވަނަ މާއްދާގައި ބުނާ ގޮތުން، މިނިވަން މުއައްސާތަކުގެ މެމްބަރުން، މަގާމުން ވަކިކުރުމުގެ މައްސަލަ ގާނޫނު އަސާސީގައިވާ ގޮތުގެމަތިން މަޖިލީހަށް ހުށަހެޅިދާނެ އެވެ. އަދި އެފަދަ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން އެކަން މަޖިލީހުގެ ރައީސް އިއުލާން ކުރުމަށްފަހު، ބަހުސްކުރުމަކާ ނުލައި މައްސަލަ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ރޭ ބޭއްވި ހިއުމަންރައިޓްސް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: އެޗްއާރުސީއެމްގެ މެމްބަރުނ މޫސާ އަލީ ވަކިކުުރުމުގެ މަސައްކަތް ފެށުމަށް ކޮމިޓީން ވަނީ ނިންމާފައި --- ފޮޓޯ/ މަޖިލިސް

ރޭ ކޮމިޓީ ބައްދަލުވުން ފެށީ، ފުލުހުންނާއި، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އަދި ޕޮރޮސެކުއުޓާ ޖެނެރަލް އޮފީސް (ޕީޖީ)ގެ ފަރާތުން މަޖިލީހަށް ފޮނުވާފައިވަ އެ ހިޔާނާތުގެ މައްސަލައާ ގުޅޭ މައުލޫމަތު ކޮމިޓީގެ މެމްބަރުންނަށް އަރުވާފައެވެ.

އެ ލިޔުންތަކަށް ބެލުމަށްފަހު، ކޮމިޓީ ބައްދަލުވުމުގައި މޫސާ އަލީ ކަލޭފާނު ވަކިރުމަށް ހުށަހެޅީ، ހޮޅުދޫ ދާއިރާ މެމްބަރު ޔޫނުސް އަލީ އެވެ. އޭނާ ވިދާޅުވީ، މޫސާ އަލީ ކަލޭފާނުގެ މައްޗަށް 24 މިލިއަނެއްހާ ރުރިޔާގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ކަން ފުލުންނާއި ޕީޖީ އަދި އޭސީސީ އިން މަޖިލީހާ ހިއްސާ ކޮށްފައިވާ މައުލޫމާތުން އެނގެން އެބައޮތް ކަމަށެވެ. އެފަދަ ބޭފުޅަކު މިނިސްވަން މުއައްސަސާއެއްގައި ހުރުމަކީ، އެ މުއައްސަސާއާ މެދު ރައްޔިތުން އިތުބާރު ގެއްލޭ ފަދަ ކަމެއް ކަމށް ޔޫނުސް އަލީ ވިދާޅުވި އެވެ.

"އެހެންވީމަ، މަޖިލީހުގެ ރައީސަށް ހުށަހަޅައިގެން ނަމަވެސް މީނަ [މޫސާ އަލީ ކަލޭފާނު] ކޮމިޝަނުން ވަކިކުރެވޭނެ ކޮންމެވެސް ގޮތްތަކެއް، އޭނާ އާ މެދު ފިޔަވަޅު އެޅުމަށް،[ހުށަހަޅަން]" ޔޫނުސް އަލީ ވިދާޅުވި އެވެ.

ކޮމިޓީ ބައްދަލުވުމުގެ ތެރެއިން: (ވ) ޔޫނުސް އަލީ: އެނާ ހުށަހެޅުއްވީ މޫސާ އަލީ ކަލޭފާން ވަކިކުރުމަށް --- ފޮޓޯ މަޖިލިސް

ޔޫނުސް އަލީގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، އައްޑޫ މީދޫ ދާއިރާ މެމްބަރު ރޮޒައިނާ އާދަމެވެ. ރޮޒައިނާ ވިދާޅުވީ، މިނިވަން މުއައްސަަސާތަކަށް މެމްބަރުން މަޖިލީހުން ނެގުމުގައި އަމަލު ކުރާ މިންގަނޑަކީ އެ މީހެއްގެ މައްޗަށް ޖިނާއީ މައްސަލައެއް ސާބިތުވުން ނޫން ކަމަށެވެ.

"އަސުލު މޯރަލް ވެލިއުސްއަށް ބަލާފައި، ނަޒާހަތްތެރި ބަޔަކު މިނިވަން މުއައްސަސާއަށް ނެގުމުގައި ބަލަނީ،" ނަވާރަ ވަނަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވަމުން ގެންދަވާ ރޮޒޭނާ ވިދާޅުވިއެވެ.

އަށާރަވަނަ މަޖިލީހުގައި މޫސާ އަލީ ކަލޭފާނު އެ މަގާމަށް އައްޔަން ކުރުމަށް ފާސް ކުރި އިރުވެސް، އެނާގެ މައްޗަށް މި ތުހުމަތު ކުރެވެމުންދިޔަ ކަން ރޮޒޭނާ ފާހަގަ ކުރެއްވި އެވެ.

"އަށާރަވަނަ މަޖިލީހުން އެނގިހުރެ އޭނާ [ހިޔާނާތުގެ ތުހުމަތުތަކާއެކު] މި މަގާމަށް ކަނޑައަޅާފައި މި ވަނީ. އޭގެ މާނައަކީ، ނަވާރަނަ ވަނަ މަޖިލީހުން އެކަން އެންޓަޓެއިންކޮށްގެން ކުރިއަށް ދާން ޖެހޭ ކަމެއް ނޫން،" ރޮޒޭނާ ވިދާޅުވިއެވެ.

އަށާރަވަނަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ހިިމެނިވަޑައިގަންނަވާ އިމްތިޔާޒު ފަހުމީ ވިދާޅުވީ، އޭރު އެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހުން އޭނާގެ ނަން ދިރާސާ ކުރެއްވިއިރު ކޮމިޓީގައި އެ ތުހުމަތުތަކާ ގުޅޭ ގޮތުން މޫސާ އަލީ ކަލޭފާނާ ސުވާލު ކުރި ކަމަށެވެ. އަދި ހިޔާނާތުގެ މައްސަލައިގައި އޭނާ ހަތް ދުވަހަށް ޖަލަށްލި ކަމަށް މޫސާ އަލީ ކަލޭފާން ކޮމިޓީގައި އޭރު ވިދާޅުވި ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ. އެކަމަކު އޭރުގެ މަޖިލީހުން އެކަމަށް ފަރުވާލެއް ނުބެހެއްޓީ އެވެ.

ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: -- ފޮޓޯ/ މަޖިލިސް

މުސާ އަލީ ކަލޭފާނު ވަގުތުން ވަގުތަށް ވަކިކުރަމާ ދެކޮޅަށް ހަމައެކަނި ވާހަކަ ދެއްކެވީ، ދަނގެތި ދާއިރާ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ.

އޭނާ ވިދާޅުވީ ލިޔެކުޔުންތަކުން މޫސާ އަލީ ކަލޭފާނުގެ މައްޗަށް އެއްވެސް ޖިނާއީ ކުށެއް ސާބިތުވެފައިވާ ކަން އެނގެން ނެތް ކަމަށެވެ. އަދި އެއްވެސް މީހެއްގެ މައްޗަށް މައްސަލައެއް ސާބިތުނުވާހާ ހިނދަކު އޭނާ އާ ދޭތެރޭ ފިޔަވަޅު އެޅުމަކީ، ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑުވެސް ގަބޫލުކުރަން މިފަދަ މަގާމެއްގައި ހުންނަ ބޭފުޅެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ނުވުމަކީ ރަނގަޅު ކަމެއް. އެހެން ނަމަވެސް މިހާ ދުވަހު އޭނާ މި މަގާމުގައި ހުރުމުން މިކަންމުން ބަރީއަވުމަށް ފުރުސަތެއް ދޭން ޖެހޭ،" ނާޒިމް ވިދާޅުވި އެވެ.

މޫސާ އަލީ ކަލޭފާނު މެމްބަރު ކަމުން ވަކިކުރުމުގެ މަސައްކަތް ފެށައި، މަޖިލިސް ރައީސްގެ ސަމާލުކަމަށް ގެނައުމަށް ވޯޓަށް އެހުމުން އެ ހުށަހެޅުން ފާސްވީ، ކޮމިޓީގެ އަގުލަބިއްޔަތުންނެވެ. އެ ހުށަހެޅުމަށް ވޯޓު ނުދެއްވީ ހަމައެކަނި ނާޒިމް އާއި، ނިލަންދޫ ދާއިރާ މެމްބަރު އަބްދުލް މުހްސިން ހަމީދެވެ.

މެމްބަރުންނާ ހިއްސާ ކުރި ލިޔުމުގައިވާގޮތުން އެ މައްސަލަ ފުލުހުން ތަހުގީގުކޮށް ނިންމައި، މެއި، 13 2014 ގައި ޕީޖީ އޮފީހަށް ފޮނުވި އެވެ. ނަމަވެސް އެ މައްސަލަ ޝަރީއަތަށް ނުފޮނުވާ، އޭގެ ދެ އަހަރު ފަހުން، މޭއި، 22، 2016 ގައި މައުލޫމަތު ފުރިހަމަ ކުރުމަށްޓަކައި އަލުން އަނބުރާ އެ މައްސަލަ ޕީޖީ އިން ފުލުހުންނަށް ފޮނުވި އެވެ. އަދި އެ މައުލޫމަތު ފުލުހުން ޕީޖީއާ ހިއްސާ ކުރީ، އޮގޮސްޓް 17، 2016 ގައި ކަމަށް ޕީޖީ އިން މަޖިލީހާ ހިއްސާ ކުރި މައުލޫމާތުގައި ބުނެ އެވެ.

ފުލުހުން މަޖިލީހާ ހިއްސާ ކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، މެއި، 22، 2016 ގައި ޕީޖީ އިން އެ މައްސަލަ އަނބުރާ ފޮނުވާލުމުން ހަމަ އެދުވަހު މައްސަލަ އާ ގުޅޭ އިތުރު މައުލޫމަތު ޕީޖީއާ ހިއްސާ ކުރި އެވެ. ނަމަވެސް ޕީޖީ އިން އެދުނު ބައެއް މައުލޫމަތުތަކަކީ، މައްސަލަ ހިނގިތާ ގިނަ ދުވަސްތަކެއްވުމުން އެންމެ އެކަށީގެންވާ މައުލޫމަތުތަކެއް ނޫން ކަމަށެެވެ.

ނަމަވެސް އެ މައުލޫމަތު ސާފު ކުރުމުން ދަނިކޮށް، ޖިނާއީ އިޖުރާތުގެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު، ދައުވާކުރުމަށް އެ ގާނޫނުގައ ބުނެފައިވާ މުހުލަތު، އޮގަސްޓް 15، 2016 އަށް ހަމަވެފައިވާތީވެ، އެ މުއްދަތާ ހަމައަށް ފުލުހުން ހޯދާފައިވާ މައުލޫމަތުތަކަކީ، ޝަރީއަތުގައި ޝައްކެއް ނެތް މިންވަރަށް ސާބިތު ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށް ޕީޖީ އިން ފުލުހުންނަށް އެންގި ކަމަށެވެ. އަދި އެ މައްސަލަ އެސެޓް ރިކަވަރީ ކޮމީޝަނަށް ހުށަހެޅުމަށް ޕީޖީ އިން ލަފާ ދިން ކަމަށް ފުލުހުން މަޖިލީހާ ހިއްސާ ކޮށްފައިވާ މައުލޫމަތުތަކުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް