ސައިކަލު ވަގަށް ނެގުމުގެ ރެކޯޑު އޮތް ދެމީހުން އެ ކުށުގައި ހައްޔަރުކޮށްފި

ވެލާނާގެ ސަރަހައްދުގައި ހަދާފައިވާ ޕާކިން ޒޯން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސަރަހައްދުން ސައިކަލު ވަގަށް ނެގުމުގެ ރެކޯޑު އޮތް ދެމީހުން ހަމަ އެ އެކުށުގައި އިއްޔެ ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެ މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

މި ދެ މީހުން ބަންދު ކުރުމަށް އަމުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައި ވަނީ ދެ މީހުންގެ މައްޗަށް ވެސް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައި ވާކަމަށެވެ. އެގޮތުން އުމުރުން 31 އަހަރުގެ މީހާގެ މައްޗަށް ވެސް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައި ވާއިރު، އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ސައިކަލު ވަގަށް ނަގައިގެން ދުއްވި ކަމަށެވެ.

ކޯޓު އަމުރުގައި ވާގޮތުން، އުމުރުން 38 އަހަރުގެ މީހާއާ ސީންގައި ފުލުހުން ސުވާލު ކުރުމުން އޭނާ ބުނެފައި ވަނީ އެ ސައިކަލަކީ އަފީފު ކިޔާ ބޭބެއެއްގެ ސައިކަލެއް ކަމަށެވެ. ނަމަވެސް، ޝަރީއަތުގައި ސުވާލު ކުރުމުން އޭނާ ބުނީ އެ ސައިކަލަކީ ފަޔާޒު ކިޔާ ރައްޓެއްސެއްގެ ސައިކަލެއް ކަމަށެވެ.

ސައިކަލުގެ ވެރިމީހާ ބުނީ އެއީ އޭނާ އެހެންތާކު ޕާކު ކޮށްފައިވާ ސައިކަލެއް ކަމަށެވެ. ސައިކަލު ވަގަށް ނެގީ ކޮންތާކުން ކަމެއް ކޯޓު އަމުރުގައި ހާމަކޮށްފައެއް ނުވެއެވެ.

މާލޭ ސަރަހައްދުން ސައިކަލު ވަގަށް ނެގުމަކީ ވަރަށް އާންމުކޮށް ހިނގާ ކަމެކެވެ. މި މައްސަލަ ބޮޑުވެ، ސައިކަލު ޕާކު ކުރުމުގައި ސަމާލު ވުމަށް ވެސް ފުލުހުން މީގެ ކުރިން އިލްތިމާސް ކުރިއެވެ.

އެގޮތުން ސައިކަލު ޒޯނުގައި ޕާކު ކުރާއިރު، އަލިކަން ހުރި ތަނެއްގައި ޕާކު ކުރުމަށާއި ސީސީޓީވީއަކަށް އަރާނެ ފަދައިން ޕާކު ކުރުމަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ބައެއް ފަހަރު ވަގަށް ނަގައިގެން ގެއްލޭ ސައިކަލް ފެންނައިރު އަނެއްބައި ސައިކަލްތައް ހުންނަނީ ވަރަށް ބޮޑަށް މޮޑިފައިކޮށް އަސްލު އޮޅުވާލާފައެވެ. ސައިކަލު ވަގަށް ނެގުމުގެ މައްސަލައިގައި ކުށުގެ ރެކޯޑު އޮންނަ މީހުން މީގެ ކުރިން ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

comment ކޮމެންޓް