ހެންވޭރު އަލިފާނުގައި ހާލުގައި ޖެހުނު މީހުންނަށް ކޭކް ޑޯނާސްގެ އެހީ

ކޭކް ޑޮނާސްއިން ބޭއްވި ފަންޑްރެއިސިންގެ ތެރެއިން-- ފޮތޯ:ފޭސްބުކް

މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުންވެ ހާލުގައި ޖެހުނު ފަރާތްތަކަށް، ކޭކް ޑޯނާސްގެ ފަރާތުން ހާއްސަ ފަންޑްރެއިސިންއެއް ބާއްވައިފިއެވެ.

ބުދަ ދުވަހު މާލޭގެ އެކި ސަރަހައްދުތަކާއި ހުޅުމާލޭގައި ހިންގި މި ހާއްސަ ހަރަކާތުގެ އެހީގައި ކޭކް ޑޮނާސްއިން ވަނީ ޖުމްލަ 56،879.35 ރުފިޔާ އެއްކޮށްފައެވެ.

މި ހަރަކާތާއި ބެހޭގޮތުން މައުލޫމާތު ދެމުން ކޭކް ޑޮނާސްގެ މެންބަރެއްކަމުގައިވާ މުހައްމަދު އަގީލް ވިދާޅުވީ، މިއީ ހުކުރު ދުވަހު، ހެންވޭރުގައި ރޯވި އަލިފާނުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން އެ ފަރާތުން އިސްވެ ރާވާ ހިންގި ފަންޑްރެއިޒިންއެއް ކަމަށެވެ. މި ހަރަކާތުގައި ކޭކް ބޭކާސްގެ 50 އެއްހާ މެންބަރުންގެ އިތުރަށް، މަކުނުދޫ ޔޫތު މޫވްމަންޓާއި "ހެލްޕިން ހޭންޑް" އަދި އިތުރު ވޮލަންޓިއަރުންވެސް ބައިވެރިވިއެވެ.

މި ހަރަކާތުގައި މާލޭގެ އެކި ސަރަހައްދުތަކުގައްޔާއި ހުޅުމާލޭގައިވެސް ތަފާތު ފޮނި ކާތަކެއްޗާއި ކާނާގެ އެކި ބާވަތްތައް ވިއްކިއެވެ. އެގޮތުން އިއްޔެ ހެނދުނުން ފެށިގެން އިރުއޮއްސުމާ ހަމައަށް މާލޭގައި އެމްޕީއެލް ސަރަހައްދުގައި ހެނދުނު ސަޔާއި މެންދުރުގެ ކެއުން ވިއްކިއެވެ. މީގެ އިތުރުން މާލޭގެ ރަސްފަންނާއި ކުޑަކުދިންގެ ބަގީޗާއާއި ސަލްޓަން ޕާކާއި ހުޅުމާލޭގައި ހުންނަ ފެރީ ޓާމިނަލް ސަރަހައްދުގައިވެސް ވަނީ ތަކެތި ވިއްކާފައެވެ.

ކޭކް ޑޯނާސްއަކީ ތަފާތު އެކި ކަންކަމުގައި މީހުންނަށް އެހީވުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން ވަނީ ރޮހިންގާ މުސްލިމުންނަށް އެހީވުމަށާއި ސީރިއާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށްވެސް ފަންޑްރެއިޒިން ހަރަކާތްތައް މީގެކުރިން ކުރިއަށް ގެންގޮސްފައެވެ.

ކޭކް ޑޯނާސްއިން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން އެއްކުރި ފައިސާ، މިއަދު ހެނދުނުގެ ވަގުތެއްގައި ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ (އެންޑީއެމްއޭ) ފަޔާ ވިކްޓިމް ރިލީފް އެކައުންޓަށް ޖަމާކުރެވޭނެ އެވެ.

އަދި އެ ފަރާތުންވަނީ މި ހަރަކާތް ކުރިއަށް ގެންދިއުމުގައި މާފަންނު މަދަރުސާއިންނާއި، ކަލާފާނު ސްކޫލާއި، ޝޭޑީ ކެބިން، އެމްޕީއެލް، އަދި އަރަބިއްޔާ ސްކޫލުން ވެ ދިން އެހީތެރިކަން ފާހަގަކޮށް ޝުކރުު އަދާކޮށްފައެވެ. އަދި އެންމެ ބޮޑަށް އެހީތެރިވި އެމްޕީއެލް އަދި އެމްޓީސީސީއަށް ކޭކް ޑޯނާސްއިން ވަރަށް ހާއްސަ ޝުކުރެއް އަދާކުރިއެވެ.

ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި އަލިފާނުގެ ސަބަބުން ހަ ގެއަކަށް އަސަރުކުރި އިރު، 400 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ.

comment ކޮމެންޓް