ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން އެ ކޯޓަށް ހަމަޖެއްސުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ފާތިމަތު ދިޔާނާ ސައީދާއި މަހާޒް އަލީ ޒާހިރުއަށް އިސްކަން ދެއްވައި، ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ފޮނުވައިފިއެވެ.
ޖޭއެސްސީން މިއަދު ހާމަކުރި ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެ ކޮމިޝަނަށް ލިބުނު ނަންތަކުގެ ތެރެއިން އެ ކޮމިޝަނުން "ހައިލީ ރިކޮމެންޑެޑް" ދެ ބޭފުޅުންނަކީ ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދާއި، ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރެވެ.
އޭގެ އިތުރުން "ރިކޮމެންޑެޑް" ތިން ބޭފުޅެއްގެ ނަންވެސް ވަނީ ފޮނުވާފައެވެ. އެއީ ސުޕްރީމް ކޯޓަށް ކުރިމަތިލެއްވި، އަދި މިހާރު ހައި ކޯޓުގައި މަސައްކަތްކުރައްވާ ތިން ފަނޑިޔާރުން ކަމުގައިވާ މުހައްމަދު ނިޔާޒު، އަލީ ސަމީރު އަދި ޝުއައިބު ހަސަން ޒަކަރިއްޔާއެވެ.
މި ނަންތައް ޖޭއެސްސީން ރައީސަށް ފޮނުވީ، ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހުއެވެ. އިންޓަވިއުކޮށްފައިވަނީ ކޮމިޝަނުން އެކުލަވާލި ކޮމިޓީއަކުންނެވެ.
ދެ ބޭފުޅުންގެ ނަމެއް ޖޭއެސްސީން "ހައިލީ ރިކޮމެންޑް"ކޮށްފައި މިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވަކިކޮށްފައިވާތީ ހުސްވެފައިވާ މަގާމަށް އައްޔަނުކުރުމަށެވެ. އަބްދުﷲ ދީދީ ވަކިކުރީ އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ، އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނު ކުރަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު އެ މަޖިލީހުން ރުހުން ހޯދުމަށްފަހު އެވެ.
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވެސް ވަނީ ކުރިމަތި ލައްވާފައެވެ. ނަމަވެސް ނިހާޔަތުގެ ނަން ޖޭއެސްސީން ރައީސަށް ފޮނުވާފައެއް ނުވެއެވެ.
މީގެ އިތުރުން އެ މަގާމަށް ކުރިމަތިލެއްވި ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ ނަންވެސް ފޮނުވާފައެއް ނުވެއެވެ. އަދި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ބަލަމުންދާ، ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ މައްސަލައާ ގުޅިގެން ހަސަން އަލީ ސަސްޕެންޑުކުރުމަށް މިއަދު ޖޭއެސްސީން ނިންމާފައި ވެއެވެ.
ރިލްވާން ގެއްލުނު އިރު ހަސަން އަލީ ހުންނެވީ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައެވެ.