ކްރިމިނަލް ކޯޓަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަން ހައްލު ކުރުމަށްޓަކައި، މި ސަރުކާރުން ހުޅުމާލޭގައި އަޅަމުން އަންނަ ކްރިމިނަލް ކޯޓުގެ އާ އިމާރާތް އަންނަ އަހަރުގެ އޭޕްރީލް ހިސާބަށް ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އަންނަ އަހަރުގެ މާޗު ނުވަތަ އޭޕްރީލް ހިސާބުގައި އާ އިމާރާތުގެ މަސައްކަތް ނިމުމާ އެކު، ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ބާރަށް ހިނގާނެ ކަމަށެވެ.
މީގެ އިތުރުން، ވެސް ރައީސްވަނީ އަންނަ އަހަރުގެ ތެރޭގައި ޝަރުއީ ދާއިރާއަށް ބޭނުންވާ އިމާރާތްތަކުގެ ކަންކަން ހަމަޖެހިގެންދާން ފަށާނެ ކަމަށް ވިދާޅުވެފައެވެ. އެ ގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައިވާ ޝަރުއީ ދާއިރާގެ ސުޕީރިއާ ކޮމްޕްލެކްސް ހުޅުމާލޭގައި އެޅުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި، ސުޕްރީމް ކޯޓަށް ބޭނުންވާ ބިން މިދިޔަ ހަފުތާގެ ތެރޭގައި މާލެއިން ހަމަޖެހިފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ހަމައެއާ އެކު، އަންނަ އަހަރުގެ ތެރޭގައި ސިވިލް ސާވިސް މުވައްޒަފުންނާ އެކުގައި، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުވެގެންދާނެކަން ވެސް އެ މަނިކުފާނު ވަނީ ހާމަކުރައްވައިފައެވެ.
"އެހެންވީމާ ޝަރުއީ ދާއިރާ މިނިވަންކޮށް، އެހެން ބަޔަކަށް ބަރޯސާނުވެ، އާދޭސް ކުރަން ނުޖެހި، ސަލާން ޖަހަން ނުޖެހި އުޅެވޭގޮތް ހެދުން އެއީ ހަގީގީ އިޚުލާސްތެރި ވެރިކަން ކުރާނެ މީހުން ކަންކުރާނެ ގޮތަކީ. އެ ގޮތަށް އިރާދަކުރެއްވިއްޔާ އެ ކަން ދާތަން ފެންނާނެ،" ރައީސް ވިދާޅުވިއެވެ.
ޝަރުއީ ދާއިރާއަށް ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗަކީ ޖާގައިގެ ދަތިކަމެވެ. ޝަރީއަތްތައް ލަސްވެ، ފުނިޖެހެން ދިމާވާ މައިގަނޑު އެއް ސަބަބަކީ ވެސް އެއީއެވެ.
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަމަށް ގެނައުމަކީ މި ސަރުކާރުގެ ވައުދެކެވެ.
ރައީސް ވިދާޅުވީ, އެ މަނިކުފާނު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ރައްޔިތުންނާ މުޚާތަބުކުރައްވައި، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން އެހައިރުން ފެށިގެން ނިމުނީ ކަމަށް ވިދާޅުވި ހިސާބުން، ޝަރުއީ ދާއިރާއަށް ސަރުކާރުގެ ފަރާތުން އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ދާއިރާއަށް އެއްވެސް ނުފޫޒެއް ސަރުކާރުގެ ފަރާތުން ނުފޯރުވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.