މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރާއްޖެއިން ބޭރަށް ދިޔަކަށް ދެއްކުމުގެ ގޮތުން ފޭކް ލިޔުމެއް ތައްޔާރު ކުރަން ރޭވުމުގެ ތުހުމަތުގައި ހައިކޯޓްގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލައެއް ބަލަން ޖުޑިޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީއާ ގުޅޭ އިތުރު ސުލޫކީ މައްސަލައެއް ބެލުމަށް މިއަދު އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ އަކީ ނޫސްވެރިޔާ ރިލްވާންގެ މަރުގެ ތަހުގީގާ ގުޅިގެން މަރު ކޮމިޝަނުން ނެރުނު ރިޕޯޓުގައި ހަސަން އަލީއާ ގުޅޭގޮތުން ފާހަގަކޮށްފައިވާ މައްސަލައެވެ.
އެ ކޮމިޝަނުން އާންމުކުރި ރިޕޯޓުގައި ބަޔާންކޮށްފައި ވަނީ ނޮވެމްބަރު 23، 2013 އިން ފެށިގެން ޖެނުއަރީ 20، 2015 ވަނަ ދުވަހާ ހަމައަށް އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހަސަން އަލީ ހުންނެވިއިރު، ރިލްވާން ރާއްޖެއިން ބޭރަށް ގޮސް ހަނގުރާމައިގައި މަރުވެފައިވާކަން ދެއްކުމަށްޓަކައި، އޭނާގެ ޕާސްޕޯޓެއް ހަދައިދިނުމަށް އިންޓެލް ދެ ފުލުހަކު އޭނަގާތު އެދުނު ކަމަށެވެ. އަދި އެގޮތަށް އެދުމުން ރަސްމީކޮށް ލިޔުމަކުން އެދިގެން ނޫނީ އެފަދަކަމެއް ނުކުރެވޭނެކަމަށް ހަސަން އަލީ ވިދާޅުވި ކަމަށާއި ޖަވާބުގައި ރަސްމީލިޔުމެއް ނުގެނެވޭނެކަމަށް އެދެމީހުން ބުނިކަމަށް އެ ރިޕޯޓުގައިވެއެވެ.
ރަސްމީ ލިޔުމެއް ނުގެނެވޭނެކަމަށް ބުނުމުން އެމީހުން ބޭނުންނަމަ ރިލްވާންގެ އަސްލު ޕާސްޕޯޓް އިންނަ ގޮތަށް އެއްޗެއް ހެދިދާނެ ނޫންހޭ ހަސަން އަލީ ވިދާޅުވި ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.
އެކަން މަރު ކޮމިޝަނަށް އެނގިފައި ވަނީ ހަސަން އަލީ ފުލުހުންނަށް ދީފައިވާ ބަޔާނުން ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.
ހަސަން އަލީއާ ގުޅޭގޮތުން މިހާރު ވެސް ޖޭއެސްސީން އަންނަނީ އިތުރު މައްސަލައެއް ބަލަމުންނެވެ. އެއީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކެމްޕެއިން ކޮށްދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.