ހަނގުރާމައިން އަންނަ ދިވެހިން ރިހިބިލިޓޭޓް ކުރާނެ ނިޒާމެއް ބިލުގައި ހިމަނައިފި

ދިވެހީންތަކެއް ސީރިއާގައި --

ރާއްޖެ އިން ބޭރުގައި ކުރާ ހަނގުރާމަތަކުގައި ކުށުގެ ޝިކާރައަށް ވާ ފަރާތްތައް ރާއްޖެ އެނބުރި އައުމުން ފަރުވާ ދިނުމުގެ ނިޒާމެއް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ހިމަނައިފި އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް މިއަދު ފުރަތަމަ ކިޔުން އިއްވާ ޓެރަރިޒްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވަނީ ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ހަނގުރާމަވެރިންނާއި، އެމީހުންނާއެކު އަންނަ އެމީހުންގެ އާއިލާއާމެދު އަމަލުކުރާނެ އުސޫލުތަކެއް ބަޔާން ކުރާ ހައްސަ ބާބެއް ހިމަނާފަ އެވެ.

އެ ބާބުގައި ހަނގުރާމަވެރިން މާނަ ކުރާ ގޮތް:

  • ބޭރު ގައުމެއްގައި ޓެރަރިސްޓް ޖަމާއަތަކުން ނުވަތަ އެފަދަ ޖަމާއަތަކަށް ނިސްބަތްނުވާ ޓެރަރިސްޓުން ހިންގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ދާ މީހުން.
  • ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވުމަށް، ނުވަތަ ތައްޔާރުވުމަށް، ނުވަތަ އެފަދަ އަމަލު ހިންގުމުގައި ބައިވެރިވުމަށް ނުވަތަ އެހީތެރިވުމަށް

  • ހަނގުރާމަކުރުން ހިމެނޭގޮތަށް ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ތަމްރީނު ފޯރުކޮށްދިނުމަށް ނުވަތަ ލިބިގަތުމަށް

އެ ބާބުގައި ބުނެފައިވާ ގޮތުން، ހަނގުރާއަމަށް ގޮސް އަބުރާ ރާއްޖެ އަންނަ މީހުންނަށް ހާއްސަ ހާލަތެއްގެ ދަށުން ފަރުވާ ދެވި، އެ މީހުން މުޖްތަމައުއަށް އަނބުރާ ރުޖޫއުވުމުގެ ފުރުސަތު ލިބިގެންވާ ކަމަށެވެ. ނަމަވެސް، އެމީހުން މުޖުތަމައަށް އަނބުރާ ރުޖޫއަވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، އެމީހުން ރާއްޖެ އައުމާއެކު، ހައްޔަރުކުރުމަށްފަހު، ރިސްކް އެސެސްމެންޓެެއް ހެދުމަށްޓަކައި އެމީހުންނަށް ހާއްސަ ވަގުތީ މަރުކަޒެއްގައި އެމީހުން ބަންދުކުރަންވާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މި ގޮތަށް ހައްޔަރު ކުރެވޭ މީހުން، ބަންދުކުރާތާ 48 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެނެސް، ބަންދާ މެދު ގޮތެއް ނިންމަންވާނެ ކަމަށް ހިމަނާފައިވެ އެވެ. އަދި އެ ވަގުތީ މަރުކަޒުގައި އެމީހުން ބަންދު ކުރެވޭ މުއްދަތަކީ ގިނަވެގެން 30 ދުވަސް ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި އެމީހަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ މީހެއް ކަމުގައި ބަލައި، ރިސްކް އެސެސްމަންޓް ހެދުމަކާ ނުލައި އަދި ގާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ ފަރުވާ ފުރިހަމަކުރުމަކާ ނުލައި ގިނަވެގެން 30 ދުވަހުގެ މުއްދަތަށް އެމީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު އަމުރުކުރަންވާނެ ކަމަށްވެސް ބިލުގައި ބުނެއެވެ.

ރިސްކް އެސިސްމަންޓް އަކީ ކޮބާ؟

ބިލުގައިވާ ގޮތުން، ރިސްކް އެސިސްމަންޓަކީ، ވަގުތީ މަރުކަޒުގައި ބަންދުކުރެވޭ ފަރާތްތަކަކީ، ޓެރަރިޒަމްގެ އަމަލުތައް ކުރުމުގައި އެއްވެސް މިންވަރަކަށް ބައިވެރިވެފައިވާ ބައެއްތޯ ބެލުމަށާއި، އެފަދަ އަމަލުތައް ކުރުމުގައި ސީދާ ބައިވެރިނުވިޔަސް އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ބައެއްތޯ ބެލުމަށާއި، އެފަދަ ޢަމަލުތައް ކުރުމަށް ތަމްރީނުލިބިފައިވާ ބައެއްތޯ ނުވަތަ ކުށުގެ ޝިކާރައަކަށްވެފައިވާ ބައެއްތޯ ބެލުމަށްޓަކައި، ބަޔާންކުރާ ކޮމިޓީން ކުރާ ކަމެކެވެ. އެ ރިސްކް އެސެސްމެންޓް 30 ދުވަހުގެ ތެރޭގައި ހަދައި ނިންމަން ވާނެ ކަމަށް ބިލުގައި ބުނެއެވެ.

ރިސްކް އެސެސްމެންޓް ހެދުމަށްފަހު، އެ މީހުން ދެ ގިންތިއަކަށް ގިންތި ކުރެވެއެވެ؛

  1. ކުށުގެ ތުހުމަތުކުރެވޭ ފަރާތެއް؛

ރިސްކް އެސެސްމަންޓް ހެދުމަށްފަހު، ކުށުގެ ތުހުމަތުވާ ފަރާތަކީ، ޓެރަރިޒަމްގެ އަމަލުކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހެއް ކަމުގައި ކަނޑައަޅަަން ވާނެ ކަމަށް ބިލުގައި ބުނެއެވެ. އޭގެ ތެރޭގައި އެފަދަ އަމަމަލުތައް ކޮށްފައިވާ ނުވަތަ ކުރުމުގައި ބައިވެރިވި މީހުން ނުވަތަ ޓެރަރިޒަމްގެ ޢަމަލުތައް ހިންގުމަށް ތަމްރީނު ލިބިފައިވާ މީހުން ހިމެނެއެވެ. އަދި އެމީހުން އިތުރަށް ބަންދުގައި ބަހައްޓައި ދައުވާ ކުރުމަށް ވެސް ފޮނުވޭނެއެވެ. އެމީހުންގެ ތެރޭގައި ކުޑަ ކުއްޖެއް ހުރި ނަމަ ކުޑަ ކުއްޖާއާ މެދު އަމަލު ކުރަން ވާނީ ޖިނާއީ އަދުލުގެ ގާނޫނުގެ ތެރެއިން ކަމަށް ބިލް ގައި ވަނީ ބުނެފައެވެ.

ބަަންދުކޮށްފައިވާ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ސާބިތުނުވި ނަމަވެސް، އެމީހަކީ، ހަނގުރާމަވެރި ސަރަޙައްދަކުން އައިސްފައިވާ ފަރާތެއް ކަމުގައިވާތީ، އެމީހަކީ އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް މީހެއް ކަމުގައި ބަލައި، އެމީހަކު، މި ޤާނޫނުގައި ބަޔާންކުރާ ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރުން ލާޒިމުވާ ކަމުގައި ފަނޑިޔާރު ކަނޑައަޅަންވާނެއެވެ.

2. ކުށުގެ ޝިކާރައަކަށްވާ ފަރާތެއް.

ރިސްކް އެސެސްމަންޓް ހެދުމަށްފަހު، އެ މީހަކީ ޓެރަރިޒަމްގެ އަމަލުތައް ކުރިކަމަށް ނުވަތަ ކުރުމުގައި ބައިވެރިވި ފަރާތެއް ކަމުގައި ނުބެލެވޭ ކަމުގައިވާނަމަ، ނުވަތަ އެފަދަ އަމަލުތައް ކުރުމަށް ތަމްރީނުހޯދާފައިވާ ފަރާތެއް ކަމުގައިނުވާނަމަ، އެ މީހަކީ، ކުށުގެ ޝިކާރައަކަށްވެފައިވާ މީހެއް ކަމުގައި ކަނޑައަޅަންވާނެ ކަމަށް ބިލް ގައި ބުނެއެވެ. އަދި އެފަދަ ފަރާތްތައް މުޖުމައުއަށް އަލުން އަނބުރާ ނެރުމަށްޓަކައި މިނިސްޓްރީން ރިހަބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަން ވާނެ ކަމަށް ބިލުގައި ބުނެއެވެ.

https://sun.mv/124260

ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަ ތަކަށް ދިވެހިން ގޮސް މަރުވެފައިވެސް އެބަ ހުއްޓެވެ. އަދި އޭގެ ތެރެއިން ސީރިޔާއަށް ދިޔަ ބައެއް މީހުންގެ ހުވަފެން ވެފައިވާ އެ މީހުންގެ އަނބިންނާއި ޔަތީމުވެފައިވާ ދަރިން އެނބުރި ނާދެވި ރެފިއުޖީ ކޭމްޕްތަކުގައި ވަނީ ތާށިވެފަ އެވެ. އެ މީހުން ރާއްޖެ ގެނެސް ދިނުމަށް އާއިލާތަކުން ދަނީ އެދެމުން އެވެ.

ކައުންޓާ ޓެރަރިޒަމް ސެންޓަރުން ލަފާކުރާ ގޮތުގައި 60 އަށް އެ އަށް ވުރެ ގިނަ ދިވެހިން ވަނީ ބޭރުގައި ކުރާ ހަނގުރާމަތަކަށް ގޮސްފަ އެވެ.

comment ކޮމެންޓް