ހައްދުފަހަނައެޅި ވިސްނުމުގެ މީހުން ކޯޓު އަމުރަކާ ނުލާ ހައްޔަރުކުރުމުގެ ބާރު ދެނީ

ފުލުހުން މީހަކު ހައްޔަރުކުރަނީ --- ފޮޓޯ/ ފުލުހުން

ހަރުކަށި ފިކުރާއި އަދި ހައްދުފަހަނަ އެޅި މީހުން ހިމެނޭ ގޮތަށް، ޓެރަރިޒަމްގެ ކުށުގެ ތުހުމަތުވާ މީހުން ކޯޓު އަމުރަކާ ނުލާ ހައްޔަރުކޮށް، ފާސްކުުރުމުގެ ބާރު ދިނުމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނައިފިއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް މާދަމާ ހުށަހަޅަން އެޖެންޑާކޮށްފައިވާ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވަނީ، މިހާރު ގާނޫނުގައި އޮތް ގޮތަށް ވުރެ ފުޅާކޮށް ޓެރަރިޒަމް މާނަކޮށްފައެވެ.

އެގޮތުން ވަކި ސިޔާސީ، ދީނީ ނުވަތަ ހައްދުފަހަނައެޅި ވިސްނުމެއް ކުރިއެރުވުމަށްޓަކައި ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމަށްޓަކައި މީހުންނަށް ގެއްލުން ދިނުމުގެ އަމަލުތަކެއް ހިންގުން ވަނީ ޓެރަރިޒަމްގެ ގޮތުގައި މާނަކޮށްފައެވެ.

އެ އަމަލުތަކަކީ:

  • މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން
  • ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން؛
  • ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން؛
  • މުދަލަށް ބޮޑެތި ގެއްލުން ދިނުން؛
  • ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން؛
  • އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއް ވާފަދަ ހާލަތެއް ކުރިމަތިކުރުވުން؛
  • މުހިންމު އުމްރާނީ ވަސީލަތަކަށް ގެއްލުން ދިނުން ނުވަތަ އަސާސީ ޚިދުމަތެއް މެދުކަނޑުވާލުން.

ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް، ހައްޔަރުކުރާތާ 24 ގަޑި އިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދަންޖެހެއެވެ. ނަމަވެސް ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހަޅާ ބިލުގައި ބުނެފައިވަނީ ޓެރެރިޒަމްގެ ކުށުގެ ތުހުމަތުވާ މީހުން ކޯޓު އަމުރަކާ ނުލާ ހައްޔަރުކޮށް، އަދި 48 ގަޑި އިރުވަންދެން ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަަށް ލިބިގެންވެއެވެ.

އަދި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށްޓަކައި ކޯޓު އަމުރަކާ ނުލާ އަމިއްލަ ތަންތަނަށް ވަނުމުގެ ބާރު ފުލުހުންނަށް ދޭން ވަނީ ބިލުގައި ހިމަނާފައެވެ.

ބަލައި ފާސްކުރާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ކުށާ ގުޅޭ އެއްޗެއް އޭނާގެ ހަށިގަނޑުގައި ފޮރުވާފައިވާކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ސަބަބެއް އޮތްނަމަ، ކޯޓު އަމުރަކާނުލައި އޭނާގެ ޖިންސީ ގުނަވަން ހާމަވާގޮތަށް ބަލައި ފާސްކުރުމުގެ އިހްތިޔާރު ފުލުހުންނަށް ވަނީ ދީފައެވެ.

ބިލުގައި ކުށް ކަމުގައި ކަނޑައަޅަން ހުށަހަޅާ ކަންކަން:

  • ހަނގުރާމައަށް ދިއުން، ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުން. އަދި ހަނގުރާމަވެރި އަމަލެއް ކުރަން އުޅުން ނުވަތަ އެފަދަ ކަމެއް ކުރަން އެހީވުން ނުވަތަ އެކަމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުން.
  • ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފެއްދުން ނުވަތަ ބޭނުންކުރުން އަދި އެފަދަ ތަކެތިން ވިޔަފާރިކުރުން.
  • ޓެރަރިސްޓް ޖަމާއާތަކަށް ތާއީދުކުރުން އަދި ތާއީދުކުރުމަށް ގޮވާލުން
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ހަރަކާތްތަކަށް ހިތްވަރުދީ އެފަދަ ހިޔާލެއް ފާޅުކުރުން. އަދި އެކަަމަށް ހިތްވަރު ލިބޭ ހަރަކާތެއްގައި ބައިވެރިވުން. އަދި އެފަދަ ހަރަކާތެއް ރާވަައި ހިންގުން.
  • ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރެއްކަމަށް ނުވަތަ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ އަންނައުނެއް އާންމު ތަނެއްގައި ލުން. ނުވަތަ އެފަދަ ދޭހައެއްވުން އެކަށީގެންވާ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ބަޔަކަށް ފެންނާނެ ގޮތަށް ގެންގުޅުން ނުވަތަ ބޭނުންކުރުން.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތުން ޖިނާއީ ކުށެއްގެ ތަހުގީގަށް މީހަކު ހައްޔަރުކޮށްގެން ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދާތާ 30 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމައި، ދައުވާ އުފުލަން ޖެހެއެވެ. އއަދި އެ މުއްދަތުގައި ދައުވާ ނުކުރެވިއްޖެނަމަ އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެވޭނެއެވެ.

އެހެން ނަމަވެސް ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލުގައި ވަނީ އެ ގާނޫނުގެ ދަށުން ހައްޔަރުކުރެވޭ މީހުންގެ ތަހުގީގު 45 ދުވަހުގެ ތެރޭގައި ނިންމައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންޖެހޭނެ ކަމަށާއި، އަދި ޕީޖީ އޮފީހަށް ފޮނުވާތާ 15 ދުވަހުގެ ތެރޭގައި ދައުވާ އުފުލަންވާން ވާނެކަމަށް ހިމަނާފައެވެ.

މި ބިލު ހުށަހެޅުމަށްޓަކައި އެމްޑީޕީން އެދިގެން މާދަމާ ހެނދުނު މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ޖަލްސާ އޮންނާނީ ހެނދުނު 10:00 ގައެވެ.

comment ކޮމެންޓް