ރިލްވާން މަރާލި މީހުން އިންސާފުގެ ކުރި މައްޗަށް ގެންނަން މީޑިއާ ކައުންސިލްއިން ގޮވާލައިފި

ރިލްވާންއަށް ވީގޮތް ތަހުގީގުކުރުމަށް އެދި ބޭއްވި މުޒާހަރާއެއްގެ ތެރެއިން---

މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލި މީހުން ވީހާ ވެސް އަވަހަކަށް އިންސާފުގެ ކުރި މައްޗަށް ގެނެސް ،އިންސާފު ގާއިމްކޮށް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ރިލްވާން ގެއްލުނު މައްސަލައާ ގުޅޭ ތަފްސީލީ މައުލޫމާތުތަކެއް ދާދި ފަހުން ވަނީ ހާމަކޮށްފަ އެވެ.

އެކަމާ ގުޅިގެން އެމްއެމްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ރިލްވާން މަރާލީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ރިޔާސީ ކޮމިޝަންގެ ތަހުގީގުން ހާމަވެގެން ދިއުމަކީ ހުރިހާ ނޫސްވެރިންނާއި އަދި އާންމު ރައްޔިތުންގެ އިތުރުން މުޅި މުޖުތަމައުއަށް ނުރައްކަލެއް ކަމަށެވެ.

"ހަމަ އެހެންމެ ދުރާލާ ރާވައިގެން ރިލްވާން މަރާލި މަރާލުމަކީ މުޅި މީޑިއާއަށް ދިން އުދުވާނީ ހަމަލާއެއް ކަމަށްވެސް މީޑިއާ ކައުންސިލްއިން ދެކެމެވެ. އެހެންކަމުން މީޑިއާއަށް ދެވޭ މިފަދަ ހީލަތްތެރި ހަމަލާތަކާމެދު މީޑިއާ ކައުންސިލްއިން އިންތިހާއަށް ކަންބޮޑުވާ ހާލު، މި ކަންކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ." އެމްއެމްސީގެ ބަޔާނުގައި ވެއެވެ.

ރިލްވާން މަރާލި ހާދިސާއަކީ ރާއްޖޭގެ މީިޑިއާގެ ކުރިމަގަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުރިމަތިލި ބިރުވެރިކަމެއް ކަމެއްގެ ގޮތުގައިވެސް އެމްއެމްސީން ވަނީ ސިފަކޮށްފަ އެވެ. އަދި އޭގެ އިތުރުން ރިލްވާންގެ އާއިލާއިން އެ ހާދިސާގެ ތަފްސީލް އާންމުކުރުމަށް އެދުމުންވެސް ވުމައްސަސާތަކުން އޭގެ ހަގީގަތް އެނގިތިބެވެސް އެކަން ސިއްރުކުރުމަކީ އާއިލާއިން ލިބުނު އިތުރު ހިތްދަތިކަމެއް ކަމަށްވެސް އެމްއެމްސީން ބުންޏެވެ.

ރިލްވާންގެ އާއިލާއަށް އިންސާފު ހޯދައިދީ އެކަން ފުރިހަމައަށް ތަހުގީގްކޮށް އެފަދަ ޖަރީމާއެއް ތަކުރާރުވެ ނުދިއުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ އިތުރުން ހިޔާލު ފާޅުކުރުމަށް ކުރިމަތިވެފައިވާ އެންމެހާ ހުރަސްތައް ނައްތާލުމަށްވެސް އެމްއެމްސީން ވަނީ ގޮވާލައިފަ އެވެ.

މީގެ އިތުރުން، ނޫސްވެރިންނާއި މީޑިއާ ސްޓޭޝަންތަކަށް އިންޒާރުތައް ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް މީޑިއާ ކައުންސިލުން ވަނީ ގޮވާލައިފަ އެވެ. އަދި ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށް ދިނުމަށް ހުރިހާ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ވެސް ގޮވާލާފައިވެ އެވެ.

"ނޫސްވެރިންނާއި މީޑިއާ ސްޓޭޝަންތަކަށް ދޭ އެކި އިންޒާރުތައް ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި ތަޙުޤީޤުކޮށް އަދި ނޫސްވެރިންގެ މަސައްކަތަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް މި ކައުންސިލުން އިލްތިމާސް ކުރަމެވެ،" ބަޔާނުގައިވެ އެވެ.

ނޫސްވެރިންގެ ރައްކާތެރިކަމަށާއި، މިނިވަން މީޑިއާގެ ވެއްޓެއް ގާއިމުކުރުމަށް އަދި ނޫސްވެރިންގެ މަސައްކަތަށް ހުރި ހުރަސްތައް ނައްތާލުމަށް މި ކައުންސިލުން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއް ނެތި ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި ރިލްވާންގެ އާއިލާއަށް އިންސާފު ހޯދައިދިނުމަށް ކުރެވޭ މަސައްކަތަށް ހުރަސްއެޅޭނެ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

"މިކަމާ ގުޅޭ ހަބަރާއި މައުލޫމާތުތައް ފެތުރުމުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް ގޮވާލަމެވެ. މި ހިތްދަތި ވަގުތުގައި ރި؛ްވާންގެ މަންމައާއި ބައްޕަ އަދި އާއިލާއަށް ކެތްތެރިކަން ދެއްވައި، ރި؛ްވާނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުން އެދި މާތްﷲ ގެ ހަޒްރަތުގައި ދުއާ ދަންނަވަމެވެ!،" ބަޔާނުގައިވެ އެވެ.

comment ކޮމެންޓް