ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު، މީރާގެ މިހާރުގެ ކޮމިޝަނާ ޖެނެރަލާއި ބޯޑުގެ ހުރިހާ މެމްބަރުންގެ މަގާމު ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ބަދަލުކޮށް، އެ އިސްލާހު ފާސްކޮށްފިއެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު އެވެ.
ސަރުކާރުން މަޖިލީހަށް އެ އިސްލާހު ހުށަހެޅުއްވި އިރު ޔަޒީދު އަދި މީރާގެ ބޯޑު މެމްބަރުންގެ މަގާމު ގެއްލޭ ގޮތަށް ބިލުގައި ހިމަނާފައެއް ނުވެއެވެ. އެކަމަކު އިގްތިސާދީ ކޮމިޓީއިން އެ ބިލު ދިރާސާކޮށް ނިންމައި ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ހުށަހެޅި އިސްލާހުތައް މަޖިލީހުން ފާސްކޮށް ތަސްދީގުކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މީރާގެ ބޯޑަށް މެމްބަރުން އައްޔަނުކުރަން ޖެހޭނެ ގޮތަށް ބިލު ވަނީ އިސްލާހު ކޮށްފައެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ރ) ގައި ބުނާގޮތުން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަނާއެކު ހަތް މެމްބަރުން މީރާގެ ބޯޑަށް އައްޔަނުކުރަން ޖެހޭނެއެވެ.
މަޖިލީހުގެ ކޮމިޓީއިން ބިލު އިސްލާހު ކުރި އިރު އިތުރު މެމްބަރަކު ބޯޑަށް އިތުރުކުރަންވެސް ވަނީ ނިންމާފައެވެ. އެއީ ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައިވާ ވުޒާރާގައި ޓެކުހާ ބެހޭ ސިޔާސަތުތަކާއި ގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅާފައިވާ ފަރާތެއް، ބޯޑުގައި ހިމެނޭނެ ގޮތަށެވެ.
އޭގެ އިތުރުން މިހާރު ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދުގެ މަގާމު ގެއްލޭނޭ ގޮތަށް ވަކި މާއްދާއެއް ވަނީ ބިލުގައި ހިމަނާފައެވެ. ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 37 ވަނަ މާއްދާގައި ބުނެފައިވަނީ އެ އިސްލާހު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރާތާ 30 ދުވަހުގެ ތެރޭގައި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަންވާނެ ކަމަށެވެ.
މީރާގެ ބޯޑާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންވެސް އައްޔަން ކުރާނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލުގައި ވަނީ ބުނެފައެވެ.
އޭގެ އިތުރުން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަކީ ފަސް އަހަރުގެ ދެ ދައުރު ކަމަށް ކޮމިޓީއިން ބިލު އިސްލާހުކުރި އިރު ވަނީ ބުނެފައެވެ.
މިހާރު ގާނޫނު އެކުލަވާލާފައި އޮތް ގޮތުން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންއަށް ބޯޑުގައި ނަގާ ވޯޓުތަކުގައި ބައިވެރިވެއެވެ. ނަމަވެސް ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ބޯޑުގައި ހިމެނޭނީ ވޯޓު ނުދެވޭ މެމްބަރެއްގެ ގޮތުގައި ކަމަށެވެ.
އޭގެ އިތުރުން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން މަގާމުން ވަކިކުރެވޭނެ އުސޫލުތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. މިހާރު އޮންނަ ގޮތުން ކޮމިޝަނަރުގެ މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިއްޖެ ހާލަތެއްގައި މަޖިލީހަށް ހުށަހަޅައިގެން އެކަން ކުރެވިދާނެއެވެ.
ނަމަވެސް ޓެކުހާ ބެހޭ އިދާރީ ގާނޫނަށް އިލްޔާސް ހުށަހެޅުއްވި އިސްލާހުގައި ވާގޮތުން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އިހުމާލުވި ކަމަށް ނުވަތަ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރާ ކަމަށް ނުވަތަ ބޯޑުން ފާސްކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް މަޖިލީހުގެ ކޮމިޓީއަށް ފެނިގެން ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ހުށަހެޅިދާނެއެވެ.
މަޖިލީހުގެ ކޮމިޓީއިން އެ އިސްލާހުތައް ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. އެ އިސްލާހަށް ވޯޓަށް އެހުން މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފައެވެ.