ޕާކިސްތާނުން ހައްޔަރު ކުރި "ޖާސޫސާ" ބައްދަލުކުރަން އިންޑިއާއަށް ހުއްދަ ދީފި

އިންޑިއާގެ ޖާސޫސެއް ކަމަށް ބުނެ ޕާކިސްތާނުން ހައްޔަރު ކުރި ގުލްބުޝާން ޖާދަވްއާ ބައްދަލު ކުރުމަށް އިންޑިއާގެ އޮފިޝަލުންނަށް ވަނީ ހުއްދަ ދީފަ - ފޮޓޯ: އޭއެފްޕީ

އިސްލާމްއާބާދު (ސެޕްޓެމްބަރު 2): އިންޑިއާގެ ޖާސޫސެއް ކަމަށް ބުނެ ޕާކިސްތާނުން ހައްޔަރު ކުރި ގުލްބުޝާން ޖާދަވްއާ ބައްދަލު ކުރުމަށް ޕާކިސްތާނުން އިންޑިއާއަށް ހުއްދަ ދީފި އެވެ.

ޕާކިސްތާނުގެ ނޫސްތަކުގައިވާ ގޮތުން އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ގައުރަވް އަހްލުވާލިއާ ވަނީ މިއަދު ޖަލުގައި ޖާދަވްއާ ބައްދަލު ކުރައްވާފަ އެވެ. ނަމަވެސް އެބައްދަލުވުމާ ބެހޭ ގޮތުން އިންޑިއާއިން އަދި ރަސްމީ ގޮތެއްގައި އެއްޗެކޭ ބުނެފައި ނުވެ އެވެ.

ޕާކިސްތާނުން އެބައްދަލުވުމަށް ހުއްދަ ދިނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން މިދިޔަ ޖުލައި މަހު ކުރި އަމުރަކާ ގުޅިގެންނެވެ. އެއަމުރުގައި އައިސީޖޭއިން ވަނީ ޖާދަވްއާ ބައްދަލުކުރުމަށް އިންޑިއާގެ ކޮންސުލްއަށް ހުއްދަ ދިނުމަށް އަންގާފަ އެވެ.

ޕާކިސްތާނުން 49 އަހަރުގެ ޖާދަވް ހައްޔަރު ކުރީ 2016 ވަނަ އަހަރެވެ. އެގައުމުން ބުނި ގޮތުގައި އޭނާ ހައްޔަރު ކުރީ ވަގު ޕާސްޕޯޓެއް ބޭނުންކޮށްގެން އެގައުމަށް ގޮސް، ބަލޮޗިސްތާނުގައި ހުއްޓާ އެވެ. އޭގެ ފަހުން ޕާކިސްތާނުން ވަނީ ޖާދަވްގެ މައްޗަށް ޖާސޫސު ކުރުމުގެ ދައުވާކޮށް، މަރަން ހުކުމްކޮށްފަ އެވެ. އަދި އެގައުމުން ވަނީ އޭނާ ޖާސޫސު ކުރި ކަމަށް އިއުތިރާފުވާ ވީޑިއޯއެއް އާއްމުކޮށްފަ އެވެ.

ނަމަވެސް އިންޑިއާއިން ވަނީ ޕާކިސްތާނުގެ ތުހުމަތުތައް ދޮގުކޮށް، ޖާދަވް ލައްވާ ކުށަށް އިއުތިރާފު ކުރުވީ ބިރު ދައްކައިގެން ކަމަށް ބުނެފަ އެވެ. އަދި ޕާކިސްތާނުން އޭނާ ހައްޔަރު ކުރީ އީރާނުގައި ހުއްޓާ ކަމަށާއި އޭނާއަކީ ޖާސޫސެއް ނޫން ކަމަށް ބުނެފަ އެވެ.

ޖާދަވްއަކީ މީގެ ކުރިން އިންޑިއާގެ ނޭވީ އޮފިސަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ. އަދި އޭނާގެ މައްސަލަ މިދިޔަ އަހަރު އައިސީޖޭއަށް ހުށަހެޅުމަށް ފަހު އިންޑިއާއިން ވަނީ ޕާކިސްތާނުން ކުރި މަރުގެ ހުކުމް ބާތިލު ކުރުމަށް އެދިފަ އެވެ. ނަމަވެސް އައިސީޖޭއިން ވަނީ ހުކުމް ބާތިލު ކުރަން ދެކޮޅު ހަދާފަ އެވެ.

ޕާކިސްތާނުން އެބައްދަލުވުމަށް ހުއްދަ ދިނީ ކަޝްމީރުގެ މައްސަލައިގައި ދެގައުމުގެ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެއީ މިދިޔަ މަހުގެ ފަހެއްގައި އިންޑިއާއިން ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލައި، ކަޝްމީރު މައި ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމާ ގުޅިގެންނެވެ.

comment ކޮމެންޓް