ކޮމިޝަނުން ހާމަ ކުރީ ޔާމީންގެ ސަރުކާރުގައި ހޯދައިފައިވާ މައުލޫމަތު: ޕީޕީއެމް

ޕީޕީއެމް ބޭއްވި އެއްވުމެއްގެ ތެރެއިން: ކޮމިޝަނުން ހާމަ ކުރީ ޔާމީންގެ ސަރުކާރުގައި ހޯދައިފައިވާ މައުލޫމަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންއާ ގުޅޭގޮތުން މަރުތައް ބަލާ ކޮމިޝަނަނުން އިއްޔޭ ހާމަކޮށްފައިވާ މައުލޫމަތުތަކަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ތަހުގީގުގައި ހޯދާފައިވާ މައުލޫމަތުތަކެއް އެ މަނިކުފާނު ނިސްބަތްވާ އިދިކޮޅު ޕީޕީއެމް އިން ބުނެފި އެވެ.

ނޫސްވެރިޔާ ރިލްވާން ގެއްލުވާލައިފައި ވަނީ، ރައީސް ޔާމީންގެ ސަރުކާރުގައި އޮގަސްޓް، 7، 2014ގަ އެވެ. ނަމަވެސް އެ ވެރިކަން ނިމުނު އިރުވެސް، ރިލްވާންގެ އައިލާއަށް އަދި ރައްޔިތުނަށް ވެސް ރިލްވާނަށްވީ ކިހިނެތް ކަމެއް ސަރުކާރަކަށް ބުނެދެވިފައި ނުވެ އެވެ.

އިއްޔެ މަރުތައް ބަލާ ކޮމިޝަނުން ބުނެފައިވަނީ، ރިލްވާން ގެއްލުނު ރޭ ހުޅުމާލެއިން އޭނާ ރަހީނުކޮށް ގަދަކަމުން ކާރަކަށް އެރުވުމަށް ފަހު، ޑިންގީއަކަށް ލައިގެން ގެންގޮސް، އެހެން އުޅަދަކަށް އަރުވައި ރިލްވާން މަރާލާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ވަކި ދިމާލަކަށް އަނބުރާލަން ރައީސް ޔާމީން މަސައްކަތް ކުރެއްވި ކަމަށް އެ ކޮމިޝަނުން ބުނެއެވެ،

އެކަމާ ގުޅިގެން ޕީޕީއެމް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ރިލްވާންގެ ތަހުގީގަށް ރައީސް ޔާމީން ނުފޫޒުފޯރުވި ކަމަށް ރިޔާސީ ކޮމިޝަނުން ބުނެފައިވާއިރު، ކޮމިޝަނުން އާންމު ކުރި މައުލޫމަތުތަކަކީ، އެ މަނިކުފާނުގެ ވެރިކަމުގައި ފުލުހުން ތަހުގީގުކޮށް ހޯދައިފައިވާ މައުލޫމަތު ކަމަަށެވެ.

"ކުށުގެ ތުހުމަތު ކުރެވޭ ކަމަށް ބުނި މީހުންނަކީ، މީގެ ކުރިން ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަހްގީގުތަކުން ލިބުނު މައުލޫމާތުތަކަށް ބަލައި ހައްޔަރުކޮށް، ދައުލަތުން ދައުވާކޮށްފައިވާ މީހުންކަންވެސް ފާހަގަ ކުރަން،" ބަޔާނުގައި ބުންޏެވެ.

އެހެން ކަމުން، ރިލްވާންގެ މައްސަލައިގައި ރައީސް ޔާމީންގެ ސަރުކާރުން ހޯދާފައިވާ މައުލޫމަތުތަކަކީ، އިއްޔެ ރިޔާސީ ކޮމީޝަނުން ހާމަ ކުރި މައުލޫމާތުތަކަކަށް ވުމުން ރިލްވާންގެ މައްސަލައިގައި ރައިސް ޔާމީން އާއި އެމަނިކުފާނުގެ ސަރުކާރާ ގުޅުވައި، އޭރުގެ އިދިކޮޅު ފަރާތްތައް ދައްކަމުން އައި ވާހަކަތަކަކީ، ސާބިތު ނުހިފޭ ދޮގު ވަހަކަތަކެއް ކަން ހާމަ ވެއްޖެ ކަމަށް ބަޔާނުގައި ބުނެ އެވެ.

"އޭރުގެ އިދިކޮޅު ފަރާތްތަކުން ރައީސް ޢަބްދުﷲ ޔާމީން ބަދުނާމުވާގޮތަށް މި ހުރިހާ ވާހަކައެއް ދައްކާފައިވާކަމާއި، މިކަމާ ގުޅޭގޮތުން ސާބިތު ނުހިފޭ ދޮގުވާހަކަތައް ފަތުރާފައިވާ ފަރާތްތައް އޭރުގައި ދައްކާފައިވަނީ ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއްކަން މިހާރުގެ ހޯމް މިނިސްޓަރ ހާމަ ނުކޮށް ހުރުމަކީ ހޯމް މިނިސްޓަރގެ މަޤާމުގައި ހުންނެވި އައްޝައިޚް އިމްރާން ޢަބްދުﷲގެ ނިޔަތާމެދު ދިވެހިރައްޔިތުން ސުވާލު އުފައްދާނެ ކަމެއްކަންވެސް ފާހަގަ ކުރެވޭ،" ބަޔާނުގައި ބުނެއެވެ.

"ވީމާ މަރުތައް ބަލާ ކޮމިޝަނުން ކުރި ނާތަހުޒީބީ ބުހުތާނުގެ ޢަމަލު ހަރުކަށި ޢިބާރާތުން ކުއްވެރި ކުރަން. އަދި މިފަދަ ނާތަހުޒީބު އަމަލުތައް ތަކުރާރު ނުކުރުމަށް އަދުގެ ސަރުކާރަށާއި، އެންމެހައި މުއައްސަސާތަކަށް އިލްތިމާސް ކުރަން،"

އިއްޔެ ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ވިދާޅުވެފައިވަނީ،، ރިލްވާން މައްސަލައިގެ ތަހުގީގު ވަކި ދިމާލަށް އަނބުރާލުމަށްޓަކައި އެމަނިކުފާނު މަސައްކަތް ކުރެއްވި ކަމަށާއި އެކަމާ ގުޅޭ ހެކިތައްވެސް އެބަހުރި ކަމަށެވެ.

"ރިލްވާން ގެއްލިގެން ތަހުގީގު ކުރުމުގެ ތެރޭގައި އެ ތަހުގީގު ޑައިވާޓް ކުރުމަށް އޭރުގެ ރައިސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލް ގައްޔޫމު މަސައްކަތް ކުރި ކަމުގެ ހެކި ލިބިފައި އެބަހުރި. ކަހީނަކު ބޭނުންކޮށްގެން ނުބަތަ ފަންޑިތަ ހަދާ މީހަކު ބޭނުންކޮށްގެން ރަމަލު ޖަހައި، ފާލު ބަލައި، ފުލުހުންގެ ތަހުގީގުގެ ފޯކަސް އަނބުރާލުމަށްޓަކައި އެތަށް މިތަނަށް ފުލުހުން ދުއްވާފައި އެބަހުރި،"ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި، ރައީސް ޔާމީންގެ އޯޑަރަށް އޭރުގެ ޕޮލިސް ކޮމީޝަނަރު މެދުވެރިކޮށް، ރިލްވާންގެ ތަހުގީގަށް "ރޭގަނޑު ވާރޭގައި މާފަންނު ހުރި ގެޔަކުން، ވިލިނގިއްޔަށް" އަދި "އެތަންމިތަނަށް ފުލުހުން ދުއްވާފައި"ވާ ކަމަށް ކޮމިޝަނުންގެ ތަހުގީގުން އެނގޭ ކަމަށެވެ.

ސުއޫދު ވިދާޅުވީ، ތަހުގީގު ވަކި ދިމާލަކަށް އަނބުރާލުމަށް ރައީސް ޔާމީން މަސައްކަތް ކުރި ނަމަވެސް، މިހާތަނަށް ކޮމިޝަނަށް ލިބިފައިވާ ހެކިތަކުގެ އަލީގައި ރިލްވާންގެ މައްސަލައާ ރައީސް ޔާމީންއާ ސީދާ ގުޅުމެއް ނެތުމުން އެ މަނިކުފާނާ ދެކޮޅަށް ދައުވާ ނުކުރާނެ ކަމަށް ވެސް ބުންޏެވެ.

https://sun.mv/123731

comment ކޮމެންޓް