ވަޒީފާ އަދާ ނުކުރާ ޒުވާނުން ގިނަވުމަކީ ކަންބޮޑުވުމެއް: މިނިސްޓަރު

މޯލްޑިވްސް އެންހޭންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮގުޖެކްޓް އިފްތިތާހު ކުތުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ވަޒީފާ އަދާނުކުރާ ޒުވާނުން ގިނަވެފައިވާ ކަމަށާއި އެކަމަކީ ކަންބޮޑުވާ ކަމެއްކަމަށް ހަޔާ އެޑިއުކޭޝަންގެ މިނިސްޓަރު ޑރ އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އެންހޭންސިން އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓް އިފްތިތާހްކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޒުވާނުން ވަޒީފާއަށް ނުކުތުން މަދުވުމަކީ ފަރުދީ ހައިސިއްޔަތުންވެސް ވިސްނާ ފިކުރުކުރަންޖެހޭ ކަމެއް ކަމަށެވެ.

ވަޒީފާ އަދާނުކުރާ ޒުވާނުން ގިނަ ވާނަމަ އޭގެ ނުރަނގަޅު އަސަރު މުޖުތަމައުއަށް ކުރާނެ ކަމަށާއި އެކަން ނުހުއްޓިއްޖެނަމަ މުޖުތަމައުގެ ފުދުންތެރިކަން ދަށަށްދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެކަމުގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު ދަށަށް ގޮސް ކުށްކުރުން ގިނަވެ މުސްތަގްބަލް ބަނަވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މޯލްޑިވްސް އެންހޭންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮގުޖެކްޓް އިފްތިތާހު ކުތުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިނިސްޓަރު ޑރ އިބްރާހިމް ހަސަން ވިދާޅުވީ ޒުވާނުންނަކީ ޒިންމާދާރު މުރާލި މަސްއޫލިއްޔަތު ނަގަން ކެރޭ ބަޔަކަށް ހެދުމަށް މި ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މިއަދު އިފްތިތާހްކުރެވިގެންދިޔަ ޕްރޮޖެކްޓަކީ ޒުވާނުންނަށް ފުރުސަތުތައް ލިބިގެންދާނެ ގޮތަކަށް ބަށްޓަންކޮށްފައިވާ ޕްރޮޖެކްޓެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި މަޝްރޫއުއަކީ ޖިންސީ ތަފާތުކުރުމެއްނެތި އާމްދަނީ ހޯދުމަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދޭނެ އަދި އިގްތިސާދަށް އެދެވޭ އަސަރުތަކެއް ގެނެސްދޭނެ މަޝްރޫއެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ހަޔާ އެޑިއުކޭޝަންގެ މިނިސްޓަރު ވިދާޅުވީ ޕްރޮޖެކްޓްގެ ތެރެއިން ޒުވާނުންނަށް އާމްދަނީ ހޯދޭނެ އެކި ކަހަލަ ހުނަރު ދަސްވެގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ޒުވާން ވިޔަފާރިވެރިން ބިނާކުރެވޭނެ ކަމަށެވެ. އަދި އާމްދަނީ ލިބޭ މަސައްކަތެއްގައި މަޝްއޫލުވެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މޯލްޑިވްސް އެންހޭންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮގުޖެކްޓް އިފްތިތާހު ކުތުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަމްރީން ހެދުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިވާނެ. ޕްރޮޖެކްޓްގެ ދަށުން ޓުއަރިޒަމް އާއި ގުޅުން ހުރި ކޮންސްޓްރަކްޝަން ދާއިރާ އަދި އައިސީޓީ ދާއިރާތަކުން މީހުން ބިނާކުރުމަށް އިސްކަންދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ،

އިގްތިސާދު ބިނާކުރުމުގައި ޒުވާނުންގެ ރޯލު ބޮޑު ކަން ފާހަގަކުރުމާއި އެކަމަށް ހިއްވަރުދިނުމުގެ ގޮތުން ތައާރަފްކުރެވޭ އެންޓަޕްރޮނޯޝިޕް ސަޕޯޓްސް ފެސިލިީޓީސް ގާއިމްކުރުމާއި އެ ތަންތަނަށް ސަޕޯޓްދޭނެ ނިޒާމެއް ބޭނުންކުރުމަކީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން އާއި އިކޮނޮމިކް މިނިސްޓްރީއިން ގުޅިގެން ތަންފީޒުކުރާ އެ ޕްރޮޖެކްޓުގެ 20 މިލިއަން ޑޮލަރުގެ ތެރެއިން 10 މިލިއަން ޑޮލަރަކީ ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ވޯލްޑް ބޭންކުންދޭ ފައިސާ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ބައެއް ޒުވާން ވިޔަފާރިވެރިންގެ ވާހަކަ ހިއްސާކޮށްފަ އެވެ.

comment ކޮމެންޓް