އަންނަ ހުކުރު ދުވަހު މާލޭގެ ބައެއް މިސްކިތްތަކުގައި ޒުވާން ޚަތީބުން އިމާމުވެ ހުކުރު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އިމާމުން ލިބުން މަދުވުމާ ގުޅިގެން ގްރޭޑް 10، 11 އަދި 12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ހުކުރު ނަމާދުކޮށް ޚުތުބާ ކިޔުމަށް ޝައުގުވެެރިވާ ކުދިންނަށް މިނިސްޓްރީއިން އަންނަނީ ޕްރޮގްރާމެއް ހިންގަމުންނެވެ.
އެގޮތުން ޒުވާން ޚަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބުރު އިއްޔެ ނިމިފައިވާއިރު އެ ޚަތީބުންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީއިން ބުނެއެވެ.
މިއަދު މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ ހުކުރު ދުވަހު މާލޭގެ ބައެއް މިސްކިތްތަކުގައި ޒުވާން ޚަތީބުން އިމާމުވެ ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ނަމާދު ކުރާނެ ޚަތީބުންގެ ތަފްސީލު އަދި ހާމަކުރައްވާފައެއް ނުވެއެވެ.
ޚަތީބުން ތަމްރީނު ކުރުމުގެ ފުރަތަމަ ބުރުގައި ސަލްމާން މިސްކިތުގައި ތަމްރީނުތަކެއް ބާއްވާފައިވާކަން ފާހަގަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމަށާއި އިމާމުވެނަމާދު ކުރުމަށާއި ދީނާ ގުޅުން ހުރި އެހެނިހެން ޚާއްޞަ ތަމްރީނުތަކެއް ދެވިފައިވާ ކަމަށެވެ.
އެގޮތުން ތަމްރީނުތައް ފުރިހަމަ ކުރުމަށް ފަހު އިމާމުވެ ނަމާދު ކުރުމުގެ ހުއްދަ ދޭނެ ކަމަށް މީގެކުރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
އިމާމުވެ ހުކުރު ނަމާދު ކުރަން ވަކި ސަނަދެއް ބޭނުންވެއެވެ. މިހާރު އެ ހުއްދަ ދޫކުރަނީ އެސްއެސްސީ ނުވަތަ އެޗްއެސްސީ އިމްތިހާނުގެ ދިވެހި އަދި އިސްލާމުން ދަށްވެގެން ސީ ފާސް، ނުވަތަ އަރަބި މީޑިއަމުން ސާނަވީ ދެވަނަ އަހަރުން ފާސްވެފައިވާނަމައެވެ. އަދި، ޤުރުއާނާއި ފިޤުހު ހިމެނޭހެން ގައުމީ ސަނަދުގެ ލެވެލް ތިނަކުން މަތީގެ ސެޓްފިކެޓެއް އޮންނަން ޖެހެއެވެ.
ނަމަވެސް މިހާރު ގެނެސްފައިވާ ބަދަލާއެކު ސްކޫލު ނިންމާ ދަރިވަރުންނަށް ވެސް މިހާރު ޚުތުބާ ކިޔުމުގެ ސަނަދު ހޯދޭނެއެވެ.