ނޭޝަނަލް އެޕްރެންޓިސްޝިޕް ޕުރޮގްރާމްގެ 43 ބައިވެރިން ދަސްވެނިވެއްޖެ

"ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް" ގެ ބައިވެރިވިން--- ފޮޓޯ

ޔޫތު މިނިސްޓްރީން ހިންގި "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް"ގެ 43 ބައިވެރިވިން ދަސްވެނިވެއްޖެއެވެ.

ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓު އެންޑް ސްޕާގައި ބޭއްވި ރަސްމިއްޔާތެއްގައި، ދަސްވެނިވި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދެވެ.

އެ ޕްރޮގުރާމުގައި 43 ޒުވާނުން ދަސްވެނިވިއިރު އޭގެ ތެރެއިން 21 ޒުވާނުންނަށްވަނީ ވަޒީފާ ޔަގީންވެފައެވެ.

މި ޕުރޮގްރާމްގައި ގުރެޖުއޭޓް ވި ދާއިރާތައް:

• ނެޝަނަލް ސެޓްފިކެޓް 3 އިން ފްރޮންޓް އޮފިސް

• ނެޝަނަލް ސެޓްފިކެޓް 3 އިން ހައުސްކީޕިން

• ނެޝަނަލް ސެޓްފިކެޓް 3 އިން ލޯންދަރީ ސާވިސަސް

• ނެޝަނަލް ސެޓްފިކެޓް 3 އިން ކޮމާޝަލް ކުކަރީ

• ނެޝަނަލް ސެޓްފިކެޓް 3 އިން ޕޭސްޓްރީ އެންޑް ބޭކަރީ

• ނެޝަނަލް ސެޓްފިކެޓް 3 އިން ލައިފް ގާޑިން

• ނެޝަނަލް ސެޓްފިކެޓް 3 އިން ބަރިސްޓާ

• ނެޝަނަލް ސެޓްފިކެޓް 3 އިން އިލެކްޓްރިކަލް އިންސްޓްލޭޝަން އެންޑް މެއިންޓެއިންސް

• ފުޑް އެންޑް ބެވަރޭޖް ސާވިސަސް

މި ޕްރޮގުރާމުގައި މޯލްޑިވްސް އިންސްޓިއުޓިއުޓް އޮފް ޓެކްނޮލޮޖީން ވެސް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މި ޕްރޮގުރާމުގެ މަގުސަދުތަކުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުގުވެރިވާ ހުރިހާ އުމުރެއްގެ ދިވެހީންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ގަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މަސައްކަތްތަކާ ގުޅޭގޮތުން ނެޝަނަލް ކޮމްޕިޓެންސީ ބޭސްޑް ޓްރެއިނިންގް ސްޓެންޑާޑްތަކުގައި ހިމަނާފައިވާ ހުރިހާ ކޮމްޕިޓެންސީއެއް ހާސިލްކުރެވިފައިވޭތޯ ބަލައި، ކަށަވަރުކުރުމަށްފަހު، ތަމްރީން ފުރިހަމަކުރި ކަމުގެ ގައުމީ ސަނަދު ދޫކުރުން މި ޕްރޮގުރާމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މިނިސްޓާ އޮފް ޔޫތު އެމްޕަވާމެންޓް، އިންފޮމޭޝަން އެންޑް އާޓްސް

ހަމައެހެންމެ މަސައްކަތްތެރިކަމުގެ ދާއިރާގައި މިހާރު ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު މަދުކުރުމާއި ވަޒީފާތައް އަދާކުރުމަށް އިތުބާރާއެކު، މަސައްކަތްކުރެވޭނެ ފެންވަރުގެ ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރީންތަކެއް ވަޒީފާގެ ބާޒާރަށް ނެރުން ވެސް މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި އިޙުލާސްތެރިކަމާއި، ނަޒާހަތްތެރިކަމާއިއެކު އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ޚަރަދު ހަމަޖައްސާލެވޭނެ މިންވަރުގެ އާމްދަނީއެއް ހޯދައި، އަބުރުވެރިކަމާއިއެކު ދިރިއުޅެވޭނެމަގު ޒުވާން ދިވެހީންނަށް ފަހިކޮށްދިނުމަކީ ވެސް މިޕްރޮގުރާމުގެ މަގްސަދެއް ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުތިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.

comment ކޮމެންޓް