އީމާންގެ ދަޅުން އުފެދުނު 'ވެޓިކޯ' މިހާރު އަތުކުރީގައި!

ވެޓިކޯ އުފެއްދި 21 އަހަރުގެ އަލީ އީމާން އަހްމަދު -- ފޮޓޯ : ވެޓިކޯ

ދިވެހި ޒުވާނުންނަކީ އެކި ދާއިރާތަކުން ތަފާތު ހުނަރުވެރިކަން ހުރިކަން ދައްކަމުން އަންނަ ބައެކެވެ. ލިބިފައިވާ މަދު ވަސީލަތްތަކުގެ އެހީގައި ނަމަވެސް އަމިއްލަ ތަފާތު ވާހަކަތައް ކިޔައިދެމުން އަންނަ ޒުވާނުން މަދެއް ނޫނެވެ. އުމުރުން 21 އަހަރުގެ އަލީ އީމަން އަހްމަދުގެ ހުނަރުވެރި ވާހަކަ ވެސް ތަފާތެވެ. އީމާންގެ ވާހަކަ ފެށެނީ ދަޅަކުންނެވެ.

އައްޑުއަށް ނިސްބަތް އީމާން މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ ރިޒޯޓެއްގައެވެ. ފްރަންޓް އޮފީހުގެ ބިޒީ ޝެޑިއުލްތަކަށް ފަހުވެސް ރިޒޯޓުގެ މާހައުލަކީ އެހެން މަސައްކަތްތަކަށް ވުރެ ތަފާތު މާހައުލެކެވެ. މާކަށް ގިނަ ކަންތައްތަކެއް ކުރެވޭކަށް ރިޒޯޓެއްގައި ނޯވެއެވެ. އެއާއެކު ހުސްވަގުތުކޮޅެއް ލިބިއްޖެ ނަމަ އެ ވަގުތު ވަރަށް ދިގުވެއެވެ.

މިފަދަ ހުސްވަގުތުތަކުގައި ރިޒޯޓުގައި މަސައްކަތް ކުރާ މީހުން އެކި ކަންތައް ކުރެއެވެ. އެގޮތުން ބައެއް ކޮލީގުންނާ ބައްދަލުކޮށް ހެދުމައި ބައެއް ކުޅިވަރުތަކަށް ވަގުތު ހުސްކުރުން ހިމެނެއެވެ. އީމާން މި ވަގުތު ހޭދަކުރަން ފެށީ ތަފާތު ގޮތަކަށެވެ. އަމިއްލަ ބްރޭންޑެއް އުފެއްދުމަށެވެ. އެ ވިސްނުމާއެކު އުފެދިގެން އައީ "ވެޓިކޯ" ނަމަކަށް ކިޔާ ބްރޭންޑެކެވެ.

"ވަރަށް ދުވަސް ވެއްޖެ އަސްލު އަމިއްލަ މަސައްކަތެއް ފެށުމަށް ވިސްނަމުން އަންނަތާ. އެކަމަށް އެކި ކަހަލަ ދިރާސާތައް ކުރަމުން ގޮސް އެންމެ ފަހުން މިދިޔަ އަހަރު ވެޓިކޯ އުފެދިގެން އައީ،" އީމާން ކިޔައިދިނެވެ.

ކީއްވެ ވެޓިކޯ؟

އީމާންގެ ވެޓިކޯ ނަމަކީ ވެސް ހާއްސަ ވާ ކަމެކެވެ. އެގޮތުން ވެޓިކޯ ނަމަކީ ވެސް އޭނާގެ އަމިއްލަ ވިސްނުމެކެވެ. އަމިއްލައަށް އުފެއްދި ބަހެކެވެ.

"އަދި އެނގިފައިވާ ގޮތުގައި ވެޓިކޯ ކިޔާ ބަހެއް ނީނދެ. އަމިއްލަ ހެދި ނަމެއް އަސްލު. ބޭނުންވީ ހަމަ މުޅިން އާ ބަހަކުން ބްރޭންޑެއް ހަދައި އެ ބަހަކީ ވަރުގަދަ ލޭބަލްއަކަށް ހެދުމަށް،" އީމާން ކިޔައިދިނެވެ.

އަމިއްލަ ޑިޒައިންތަކާއި ހިޔާލުތަކުން ތަފާތު އެކި ޕްރޮޑަކްޓުތައް އުފެއްދުމުގެ ވިސްނުމުގައި އުފަންކުރި ވެޓިކޯގެ މައިގަނޑު އިންސްޕިރޭޝަން އަކީ ދިވެހި ތާރީހާއި ކުރީގެ ހަނދާންތައް ނުވަތަ ނޮސްޓަލްޖާއެވެ. މި ހުރިހާ ކަމެއް އެއްކޮށްލައިގެން އެކި ޕްރޮޑަކްޓުތައް އުފެއްދުމަށް ވިސްނި ވިސްނުމާއެކު އުފަންވި ފުރަތަމަ ޕްރޮޑަކްޓަކީ ވެޓިކޯ ގިނަ ބައެއްގެ ސަމާލު ކަމަށް އައި ޕްރޮޑަކްޓެވެ.

އީމާންގެ ބްރޭންޑް 'ވެޓިކޯ' --

ވެޓިކޯގެ ފުރަތަމަ ޕްރޮޑަކްޓަކަށް ވެގެން ދިޔައީ ޓީޝާޓެކެވެ. ނަމަވެސް މި ޓީޝާޓު ބަންދުކުރެވި އާންމުންނަށް ދޫކޮށްލާފައިވަނީ ދަޅެއްގައި ބަންދުކޮށެވެ.

"ޑަކުސާނާ ދަޅު"ގެ ނަމުގައި އަލަށް ތައާރަފު ކުރި ޕްރޮޑަކްޓަކީ މީގެކުރީން ފެނިފައިނުވާ ގޮތަކަށް ޕެކޭޖުކޮށް އާންމުކުރި ޕްރޮޑަކްޓެކެވެ. ދަޅެއްގައި ބަންދުކޮށްގެން ނެރުނު ޓީޝާޓުގައި ވެޓިކޯގެ މައިގަނޑު ރަހަތައް ހިމެނެއެވެ. އެގޮތުން ތާރީހުގެ ތެރެއިން ފާހަގަކޮށްލެވޭ ޑިޒައިން އިންސްޕިރޭޝަންގެ ގޮތުގައި މި ޓީޝާޓުގައި ބޭނުން ކުރިއެވެ.

ކާމިޔާބު ޑެބީއުއަކަށް ފަހު އީމާންގެ އިތުރު މަސައްކަތްތައް އިތުރަށް ހަލުވި ސްޕީޑުގައި ބާރަށް ފެށިއެވެ. އަލަށް ތައާރަފު ކުރާނެ ޕްރޮޑަކްޓެއްގެ ވިސްނުމުގައި އެކި ދިރާސާތައްކޮށް ޑިޒައިންތަކަށް ފަހު އަހަރެއްގެ މަސައްކަތައް ފަހު މިއޮތީ ވެޓިކޯގެ ދެވަނަ ޕްރޮޑަކްޓު ހަގީގަތަކަށް ވެފައެވެ.

ވެޓިކޯއިން މި ފަހަރު ނެރެފައިވަނީ ކުރީގެ ދިވެހި ރުފިޔާ ސީރީޒް އިންސްޕިރޭޝަނަކަށް ނަގައިގެން އަތުކުރި ގަޑި ސީރީޒް އެކެވެ. މި ޕްރޮޑަކްޓާއެކު ވެސް އީމާން ބޭނުންވީ ވެޓިކޯގެ ފުރިހަމަ ރަހަ ހިމެނޭ އުފެއްދުމެއް އާންމުކުރުމަށެވެ.

"ރުފިޔާ ސީރީޒްއާއެކު ބޭނުންވީ ކުރީގެ ނޮސްޓަލްޖާގެ އިހުސާސް ގެނުވައިދިނުމަށް. އެހެންވެ މި ސީރީޒްއަށް ބޭނުންކޮށްފައިވާނީ ކުރީގެ ފައިސާ ސީރީޒްގެ ޑިޒައިން،" އީމާން ކިޔައިދިނެވެ.

އީމާން، ވެޓިކޯގެ ރުފިޔާ ސީރީޒްގެ އަތުކުރި ގަޑީގެ "100" ވާޝަން އާ އެކު ފޮޓޯގައި --- ފޮޓޯ : ވެޓިކޯ

ގަޑި ސީރީޒްގެ ހިޔާލު ހޯދުމުގައި ފުރަތަމަ ވިސްނުން ހުރީ މިހާރު ގެންގުޅޭ ފައިސާ ސީރީޒްގެ 5000 ނޫޓު ޑިޒައިން އަށެވެ. ނަމަވެސް މިއީ ގިނަ ބަޔަކަށް ހަމަ ލޮލަށް ވެސް ފެނިފައިނުވާ ލިމިޓެޑް އެޑިޝަންގެ ނޫޓެކެވެ. އެއާއެކު އީމާން ޕްރޮޑަކްޓު އުފައްދަން ބޭނުންވީ ކުރީގެ ހަނދާންތައް އާ ކޮށްދޭނެ ގިނަ ބަޔަކަށް ފެނިިފައިވާނެ އުފެއްދުމެއް އަސްލަށް ބަލައިގެންނެވެ.

މި ޑިޒައިންތައް އަސްލަކަށް ނަގައިގެން ރުފިޔާ ސީރީޒް ގަޑީގެ ދެ ވޭރިއޭޝަނެއް ނެރެފައިވެއެވެ. އެއީ "ސަތޭކަ" އަދި "ފަސް ސަތޭކަ" އެވެ. މި ދެ ގަޑި ވެސް އުފައްދާފައިވަނީ ދިވެހި ފައިސާގެ ޑިޒައިންތަކަށް ބަލައިގެންނެވެ.

މި ކަންތައް ކުރީ ކިހިނެއް؟

ވެޓިކޯއަށް ވަގުތު ހޭދަކޮށް ރިޒޯޓުގައި ހުރެ ޕްރޮޑަކްޓުތައް އުފެއްދި ގޮތްތައް އީމާން ވަނީ ކިޔައިދީފައެވެ. އެގޮތުން އޭނާ އުފެއްދި ޕްރޮޑަކްޓުތަކުގެ ހިޔާލު އަދި ޑިޒައިންގެ ހުރިހާ މަސައްކަތްތަކެއް ކޮށްފައިވަނީ އީމާނެވެ. ރިޒޯޓުގައި ހުރެ ލިބޭ ހުސްވަގުތު ހޭދަކޮށްފައިވަނީ ޑިޒައިން ކުރަން ދަސްކޮށް ޕްރޮޑަކްޓު އުފައްދާނެ ގޮތްތައް ދިރާސާ ކުރުމުގައެވެ.

ރުފިޔާ ސީރީޒް އަތުކުރި ގަޑީގެ ދެ ވާޝަން --- ފޮޓޯ : ވެޓިކޯ

މި ޕްރޮޑަކްޓުތަކަކީ ރާއްޖެއިން ބޭރުން އުފައްދައިގެން ގެނެސް މާލޭގައި ވިއްކާ ޕްރޮޑަކްޓުތަކެކެވެ. މި މަސައްކަތްތަކުގައި އެންމެ ބޮޑު ގޮންޖެހުމަށް ވެގެން ދިޔައީ ކަމާ ގުޅޭ އެންމެ އެކަށީގެންވާ މީހުން ހޯދުމަށެވެ.

"އިތުރު އަމިއްލަ ވިޔަފާރިއެއް ހިންގާ ކުއްޖެއްގެ އެހީ ވަރަށް ބޮޑަށް ލިބުނު މި މަސައްކަތުގައި. ހުރިހާ ކަމެއް ވެސް ހަގީގަތަކަށް ވުމުގައި ފަހަތުގައި އޭނާގެ ބޮޑު ރޯލެއް އޮންނާނެ،" އީމާން ކިޔައިދިނެވެ.

ވެޓިކޯއާ އެކު ތަފާތު އެކި މީހުން މެނޭޖު ކުރާނެ ގޮތް ދަސްވެގެން ދިޔައިރު މިއީ މުޅި ޕްރޮސެސްގެ އެންމެ ދަތި އެއް ކަންތައް ކަމުގައި އީމާން ފާހަގަކުރެއެވެ. މީހުން މެނޭޖްކުރުމުގެ ހުނަރު މިހާރު އީމާންގެ ހުރި އިރު އެކަންތައް ވެގެން ދިޔައީ ވަރަށް ބޮޑު އުފަލަކަށް ވީ ކަމަކަށެވެ.

ނަމަވެސް ވެޓިކޯއާ އެކު ލިބުނު އެންމެ ބޮޑު އުފަލަކީ އޭނާގެ އަމިއްލަ ޕްރޮޑަކްޓުތައް އެހެން މީހުން ބޭނުން ކުރުމެވެ.

"އަމިއްލަ ހަދާފައި ހުރި އެއްޗެއް މީހުން ބޭނުން ކުރާތަން ފެނުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހިގެންދޭ. އަސްލު ބުނަން ދަތި އިހުސާސެއް ކުރެވެނީ،" އީމާން ކިޔައިދިނެވެ.

ރުފިޔާ ސީރީޒްއާއެކު ވެޓިކޯގެ ވާހަކަ އަދި ހަމަ ފެށުނީއެވެ. އީމާންގެ އަމާޒު ހުރީ ވެޓިކޯ އިތުރަށް ފުޅާ ކުރާށެވެ. އަދިން މުޅީން އާ އުފެއްދުންތައް އާންމުންނާ ހަމައަށް ގެނައުމަށް އީމާން މިހާރު ވެސް އަންނަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. އަދި، ކުރިއަށް އޮތް ތަނުގައި މި އުފެއްދުންތަކާއި ވާހަކަތައް ފެނިގެންދާނެ ކަމުގެ ޔަގީންކަން އީމާން ދެއެވެ.

comment ކޮމެންޓް