"މިތަން އޮޕަރޭޓް ކުރަން ފަށަންވެގެން އެއާޕޯޓު މުވައްޒަފުން އައިސް މުޅިތަން ސާފުކޮށް ގަސްތައް ނޮޅައި ހެދީ. ހުރިހާ ކަމެއް ކުރީ ހަމަ އެއާޕޯޓުގެ މުވައްޒަފުން. އަހަރެމެން އެދުވަހު ތިބީ ވަރަށް އުފަލުން." އައްޑޫ ގަމުގައި ހަދާފައިވާ ސީ ޕްލޭން "ސަން"ގެ ނޫސްވެރިންނަށް ދައްކާލަމުން ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމާ ވަގުތީ ގޮތުން ހަވާލުވެގެން ހުންނެވި ރިމްނާ ހަސަން ވިދާޅުވި އެވެ.
އެ ސީޕްލޭން ޓާމިނަލާ މެދު އައްޑޫ ރައްޔިތުން ކުރި ބޮޑު އުންމީދު ރިމްނާގެ ވާހަކައިން އެކަނިވެސް އެނގެ އެވެ. އަދި ސީޕްލޭން ޓާމިނަލްއާ މެދު އައްޑޫ އެއާޕޯޓުން ވެސް ގެންގުޅުނީ ބޮޑު ތަސައްވަރެކެވެ. ސީޕްލޭން ޓާމިނަލް ދައްކާލާނެ ކަމަށް ރިމްނާ ވިދާޅުވުމުން ފުރަތަމަ ހީކުރެވުނީ، އެތަނަކީ ހުރިހާ ކަމެއް ފުރިހަމަކޮށް އޮޕަރޭޝަނަށް މުޅިންހެން ތައްޔާރުވެފައި އޮތް ތަނެއް ކަމަށެވެ. އެކަމަކު އެތަން ފެނުމުން އެއީ ކުށްހީއެއްކަން ޔަގީންވީ އެވެ. މިހާރު ތަން އޮތީ މުޅިން "ވާވެ" ފަޅުވެފަ އެވެ. ވަށައިގެން ފެންނަނީ ވީރާނާ ކަމާއި ބޯން ޖަންގައްޔެވެ.
ގަން އެއާޕޯޓުގައި ސީޕްލޭން ޓާމިނަލްއެއް ތަރައްގީކޮށް އޮޕަރޭޓު ކުރާނެ ފަރާތެއް ހޯދަން އިއުލާނުކުރީ 2016 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ. އުންމީދަކަށް ވީ ގަން އެއާޕޯޓާއި ކައިރި އަތޮޅުތަކުގެ ރިސޯޓުތަކާ މެދު ސީޕްލޭން ދަތުރުތައްކޮށް އައްޑޫ އާއި ދެކުނު އަތޮޅުތައް ގުޅާލުމެވެ. އަދި އޭގެ ސަބަބުން އައްޑޫގެ ތަރައްގީއަށް ގިނަ ކުރިއެރުން ތަކެއް ލިބޭނެ ކަމަށް އޮތީ ޕްލޭންކޮށްފަ އެވެ. އަމާޒަކީ، ގަން އެއާޕޯޓަކީ ދެކުނުގެ މައި ގޭޓަށް ހެދުމެވެ. އެކަމަކު އެއީ ބިލާހަކަށް ވެފައިވާ ހުވަފެނެކެވެ.
ސީޕްލޭން ޓާމިނަލް އަޅަން ހަވާލުކުރީ ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭއާ) އެވެ. ޓީއެމްއޭއިން އޭރު ހެދި ސީޕްލޭން ޓާމިނަލް އިމާރާތާއި ތަނުގެ ފަރުނީޗަރު އަދި ހުރިހާ ސާމާނެއްވެސް އެތަނުގައި މިހާރުވެސް އެބަހުއްޓެވެ. ތަނުގެ އެތެރޭގައިވެސް ސީޕްލޭން ޓާމިނަލެއް އޮޕަރޭޓް ކުރަން ބޭނުންވާނެ ހުރިހާ ސާމާނެއް ހުއްޓެވެ. އަދި އެ އިމާރާތައް މިހާރުވެސް ޓީއެމްއޭއިން ދަނީ ކުލި ވެސް ދައްކަމުންނެވެ.
ތަން ވާވެ ގަސްތައް ފަޅައި، ތަން ހުޅުވަން ވެގެން އެއާޕޯޓު މުވައްޒަފުން ހެދި ގާފޮޅުތައް ހުރީ ގަސްތަކުގެ ތެރެއަށް ގެއްލިފަ އެވެ. އަދި ޖަހާފައި ހުރި ދިދަ ދަނޑި ފެންނަން ހުރި ނަމަވެސް ގަސް ބޯވުމުގެ ސަބަބުން ދިދަ ދަނޑީގެ ބުޑެއް ވެސް ފެންނާކަށް ނެތެވެ. ޓާމިނަލް ހުންނަ ހިސާބަށް އުދައަރައި އެތަނުގައި ހުރި ފަރުނީޗަރުތައް ވެސް ހަލާކުވަނީ އެވެ. ދުވަހެއް ދުވަހަކަށް އެތަނުގެ ހާލަތު ދަނީ ދަށަށެވެ. ވީރާނާވުމުގެ ނިޝާންތައް ނޫނީ އެހެން އެއްޗެއް އެތަނުން ނުފެނެ އެވެ.
އައްޑޫއަށް ސީޕްލޭން ޓާމިނަލެއް ބޭނުން
އެހާ ބޮޑު އިންވެސްޓްމެންޓެއް ކޮށް ޓީއެމްއޭއިން އެތަން އޮޕަރޭޓް ނުކޮށް ބާއްވާ ސަބަބާ ބެހޭ ގޮތުން އައްޑޫ ބައެއް ރައްޔިތުންގެ މެދުގައި ތަފާތު ހިޔާލުތައް އެނބުރެ އެވެ.
ބައެއް މީހުން ބުނާގޮތުން ސީޕްލޭން އޮޕަރޭޓް ކުރިއަސް ގެސްޓުންނެއް ނުލިބެ އެވެ. އޭރު އައްޑޫ އެއާޕޯޓަކީ އިންޓަނޭޝަނަލް ފްލައިޓް ޖައްސާ ތަނަކަށް ނުވާތީ އޭރު އައްޑޫއަށް ފްލައިޓުގައި އަންނަ މީހުންނަކީ އައްޑޫ މީހުންނާއި އައްޑޫއަށް ޒިޔާރަތް ކުރާ މީހުންނެވެ. އެހެންވެ ސީޕްލޭންގެ މާ ބޮޑު ބޭނުމެއް އޭރު ނުހިފުނީ އެވެ.
އެއާޕޯޓުގެ އެކްޓިންގް މެނޭޖިންގް ޑިރެކްޓަރު ރިމްނާ ވިދާޅުވީ މިހާރު ހާލަތު ބަދަލުވެއްޖެ ކަމަށެވެ. އެއާޕޯޓަށް ސްރީލަންކަން އެއާލައިންސްގެ ފްލައިޓްތައް ޖައްސާއިރު ގެސްޓުންނަށްވެސް މާލޭ އެއާޕޯޓަށް ނުގޮސް ލަންކާއިން ސީދާ އައްޑޫއަށް އާދެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ. އެހެންވީމަ މިހާރުގެ ހާލަތުގައި ކޮންމެހެން ސީޕްލޭން ޓާމިނަލް އޮޕަރޭޓްކުރުން މުހިންމު ކަމަށް ރިމްނާ ވިދާޅުވި އެވެ.
ރިމްނާ ވިދާޅުވި ގޮތުން އައްޑުއަށް ސްރިލަންކަންއިން ދަތުރުކުރާ ފަސިންޖަރުން މަދުވަނީވެސް ސީޕްލޭން ޓާމިނަލް އޮޕަރޭޓް ނުކުރާތީ އެވެ. ސީޕްލޭން ޓާމިނަލް އޮޕަރޭޓް ކުރަން ފެށުމުން ބޭރުން ގަމަށް އަންނަ ޓޫރިސްޓުން ގއ އަދި ގދ ގެ ރިސޯޓްތަކަށް ސީޕްލޭންގައި އުފުލޭނެ އެވެ. އައްޑޫ އާއި ގއ ގދ ގައި ހުރި ރީތި ރަށްތައް ގުޅުވާލަ ދޭނެ ފާލަމަކީ ސީޕްލޭން ޓާމިނަލް ކަމަށް ރިމްނާ ވިދާޅުވެ އެވެ.
"މިސާލަކަށް ވިސްނާ، ހަމައެކަނި އައްޑުއަށް ނޫނަސް މި ހިސާބު ގއ. އަދި ގދ. އަށް އަންނަ ފަތުރުވެރިންވެސް ތިބޭނެ. އެމީހުން ސްރީލަންކަންއިން އައްޑޫ އެއާޕޯޓަކަށް ނާންނާނެ ދެއްތޯ އެތަނަށް ދެވޭނެ އިތުރު ގޮތެއް ނެތިއްޔާ. އެކަމަކު ސީޕްލޭން އޮޕަރޭޓް ކުރާނަމަ މާލެއަށް ދިޔުމުގެ ބަދަލުގައި މިތަނަށް ދެއްތޯ އަންނާނީ،" ރިމްނާ ވިދާޅުވި އެވެ.
ރިމްނާ ދެކެވަޑައިގަންނަވާ ގޮތުން ސީޕްލޭން ޓާމިނަލް އޮޕަރޭޓްކުރަން ފަށައިފިނަމަ އައްޑުއަށް އަންނަ ފަސިންޖަރުން އިތުރުވެސް ތަނަށް މުއްސަނދި ކަމެއް ލިބޭނެ އެވެ. އަދި ބޭރުގެ އެހެން އެއާލައިންތަކުންވެސް އައްޑޫ އެއާޕޯޓަށް ދަތުރުތައް ފަށާނެކަމުގެ އުންމީދުވެސް އޮތީ ސީޕްލޭން ޓާމިނަލާ ގުޅި ލާމެހިފަ އެވެ. އައްޑޫއިން ކޮންމެ ރައްޔިތެއްގެ ވެސް އުންމީދަކީ ދެކުނުގެ ގޭޓްވޭއަށް އައްޑޫ އެއާޕޯޓު ވުމެވެ.
ތަން މިހާރު ވާވެ، ވީރާނާވަމުން ދިޔަ ނަމަވެސް އެތަނުގައި ހުރި ޓާމިނަލާއި ސާމާނު ބޭނުންކޮށްގެން އެ ސީޕްލޭން ޓާމިނަލް ބޭނުންކުރަން ފެށުމަކީ އައްޑޫ އެއާޕޯޓު ކުންފުނީގެ އުންމީދެވެ. އަދި އައްޑޫ ރައްޔިތުން ދެކޭ އެންމެ ބޮޑު ހުވަފެނެވެ. މާޔޫސްވެފައި ތިބި ނަމަވެސް އެމީހުން އަދިވެސް ސީޕްލޭން ޓާމިނަލާ މެދު ދެކޭ ހުވަފެނަށް ކުޑަ ނަމަވެސް ފަނޑުކަމެއް ނާދެ އެވެ.