ކުރިއަށް އޮތް އީދު ބަންދާ ދިމާކޮށް ކަނޑުމަގުން ދަތުރުކުރާ އުޅަނދު ފަހަރުތައް ޗެކު ކުރުމުގެ އޮޕަރޭޝަނެއް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ފަށައިފި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ، ކެޕްޓަން އިބްރާހިމް އާޒިމް 'ސަން' އަށް ވިދާޅުވީ ތިން ދުވަހުގެ އެ އޮޕަރޭޝަނުގައި މައިގަނޑު ގޮތެއްގައި ޗެކު ކުރަމުން ދާނީ މީހުން ގޮވައިގެން ދަތުރަށް ފުރަން ތައްޔާރުވެފައިވާ އުޅަނދުތައް ކަމަށެވެ.
"ޗެކް ކުރާއިރު ބަލާނަން ސަލާމަތީ ކަންކަން ހުރީ ފުރިހަމަ ކޮށްތޯ. އަދި ގަވާއިދަށް ނުފެތޭ ނަމަ އެކަމަށް ރަނގަޅު ކުރުމަށް ނަސޭހަތްތެރިވަމުން ދާނީ،" އާޒިމް ވިދާޅުވި އެވެ.
ކޯސްޓްގާޑުން މިއަދު ފެށި އެ އޮޕަރޭޝަން، އެމްއެންޑީއެފްގެ ހުރިހާ އޭރިއާތަކެއްގައި ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަން އާޒިމް ފާހަގަކުރެއްވި އެވެ. އަދި އީދު ބަންދާ ދިމާކޮށް ކަނޑުމަގުން ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އެ މީހަކު އެ ދަތުރުކުރާ އުޅަނދެއްގެ ސަލާމަތީ ކަންކަން ހުރީ ފުރިހަމައަށްތޯ ބަލައި ފަރުދީ ޒިންމާ އަދާކުރެއްވުމަށް ވެސް އާޒިމް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
"އޮޑިވެރިންގެ އިތުރުން ދޯނީގެ ކެޕްޓަނުން އުޅަނދުގެ ސަލާމަތީކަންކަން ފުރިހަމަ ކޮށްފައިވޭތޯ ބެލުމަށް ސަމާލުކަން ދީ އުޅަނދުގައި ދަތުރުކުރުމަށް ހުއްދަ ދެވިފައިވާ އަދަދައް ވުރެން އިތުރަށް މީހުން ނުއުފުލުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުން ވެސް އެދެން،" އާޒިމް ވިދާޅުވި އެވެ.
ދަތުރަށް ފެށުމުގެ ކުރިން މުއާސަލާތީ ހިދުމަތް ރަނގަޅަށްތޯ ހުރީ ބެލުމާއި ދަތުރުގެ މިސްރާބު ބަނދަރައް ރައްކާތެރިކަމާއި އެކު ދެވޭނެ އެންމެ ކަންކަން ބަލައި ޗެކް ކުރެއްވުމަށް ވެސް އާޒިމް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
މިއަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ އާދިއްތަ ދުވަހެވެ. އަދި ހޮނިހިރު ދުވަހަކީ ހައްޖު ދުވަހެވެ. އީދު ބަންދަށް ފަހު އަލުން ސަރުކާރު ހުޅުވޭނީ މިމަހުގެ 18 ވާ އާދިއްތަ ދުވަހު އެވެ. ކުރިން އޮތް ގޮތުން ނަމަ އީދު ބަންދު ނިމި އަލުން ސަރުކާރު ހުޅުވެން އޮތީ 15 ވާ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް ގިނަ ފަރާތްތަކަކުން ރަށުން ބޭރަށް ދަތުރުކޮށް އީދު އުފާ ފާޅު ކުރުމުށް ފުރުސަތު ދިނުމުގެ ގޮތުން ސަރުކާރުން ވަނީ ބުރާސްފަތި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ.
އޮގަސްޓް މަހަކީ އާންމުކޮށްވެސް ރާއްޖެއަށް ވިއްސާރަ ކުރާ މަހެކެވެ.
މެޓް އޮފީހުން ބުނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން މެދު ރާއްޖެތެރެއާއި އުތުރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށްވެސް އަންނަ އާދިއްތަ އަދި ހޯމަ ދުވަހު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.