ބޯޓުގައި ރޯވުން: ދިވެއްސަކާއި ބިދޭސީއަކަށް ފަރުވާދޭން ކުޑަހުވަދުއަށް ގެންދަނީ

ހޮޅުދޫ ބޯޓުގައި އަލިފާން ރޯވެފައި: އެމްއެންޑީއެފުން ވަނީ އަލިފާން ނިއްވަން މަސައްކަތް ކުރަމުން ދާ ކަމަށް ބުނެފައި -- ފޮޓޯ/ އެމްއެންޑީއެފް

ތ. އަތޮޅުގައި ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއްގައި މިރޭ ވަރަށް ބޮޑަށް ރޯވެ, ދެ މީހަކަށް ފަރުވާދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، 'ހޮޅުދޫ ބޯޓު' ކިޔާ މުދާ އުފުލާ ބޯޓެއްގައި އަލިފާން ރޯވެގެން ކައްދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

"ސަން"އަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އެ ބޯޓު އޮތީ ތ. ކަނޑޫދޫ ކައިރީގައެވެ.

https://sun.mv/204333

ކަނޑޫދޫ ހެލްތު ސެންޓަރުން "ސަން"އަށް މައުލޫމާތު ދެމުން ބުނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ދިވެއްސަކާއި ބިދޭސީއަކަށް ފަރުވާދެމުން އަންނަ ކަމަށެވެ.

އެ ދެ މީހުންނަށް ވެސް ބޭރުފުށުން އަނިޔާ ލިބިފައިނުވާ ކަމަށާއި، އެހެން ނަމަވެސް ހާދިސާގެ ސަބަބުން ވަރަށް ބޮޑު ޝޮކެއް ލިބިފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދިނެވެ. އަދި އިތުރު ފަރުވާއަށް އެ ދެމީހުން ވެސް ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ކަނޑޫދޫ ހެލްތު ސެންޓަރު: ބޯޓުގައި ރޯވި ހާދިސާއާ ގުޅިގެން ފަރުވާ ދިނުމަށް އެ މަރުކަޒަށް ދެ މީހަކު ގެންދިޔަ -- ސަން ފޮޓޯ/ ކިޔުންތެރިއެއް

އެމްއެންޑީއެފުން ބުނީ އެ ބޯޓުން ދަތުރު ކުރަމުން ދިޔައީ ކެޕްޓަންއާއެކު 18 މީހުންކަމަށާއި 17 މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަކުވަނީ ކަނޑަށް ގެއްލިފައެވެ.

އެމްއެންޑީއެފުން ބުނީ، މިހާތަނަށް ނުފެންނަނީ ލ. މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކިޔާ މީހެއް ކަމަށެވެ.

ސިފައިން ބުނި ގޮތުގައި، އޭނާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑާއި އެ ސަރަހައްދުގެ ގިނަ އުޅަނދުތަކެއް ދަނީ ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް