ތޫނު އެއްޗަކުން ހަމަލާދީ ވަރަށް އަނިޔާވެރި ގޮތަކަށް 2017 ވަނަ އަހަރުގެ ތެރޭގައި މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު، މަރާލުމުގެ މަޝްވަރާތައް ފެށީ ފުރުގާން މިސްކިތާއި ތޮއިބާ މިސްކިތުގައި ކަމަށް އެ މައްސަލައިގެ ޝަރީއަތުގައި ހެކިބަސް ދިން މީހަކު ބުނެފިއެވެ.
އޭނާ ބުނީ އެ މަޝްވަރާތައް ކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. ފުރުގާން މިސްކިތާއި ތޮއިބާ މިސްކިތުގެ އިތުރުން އެ މައްސަލާގައި ދައުވާ ލިބޭ ހ. އަންނާރުމާގެ، އިސްމާއީލް ހައިޝަމް ރަޝީދުގެ ގޭގައި ވެސް އެ މަޝްވަރާތައް ކުރި ކަމަށް ހެކިބަސްދިން މީހާ ބުންޏެވެ.
ހައިޝަމްގެ އިތުރުން އެ މައްސަލާގައި ދައުވާ އުފުލީ، މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލް އާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާން އާއި މ. ކުދެހިގޭ ހަސަން ޝިފާޒު އާއި މ. ތާއިފް އިސްމާއިލް ރަޝީދު އާއި މ. ކޮޅުފުށި، އީސްޓް ހުސައިން ޒިޔާދުގެ މައްޗަށެވެ.
ހެކިބަސްދިން މީހާ ބުނީ ފުރަތަމަ މަޝްވަރާ ބައްދަލުވުން އޮތީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފުރުގާން މިސްކިތުގައި ކަމަށެވެ. އޭގެފަހުން ތޮއިބާ މިސްކިތާއި ހައިޝަމްގެ ގޭގައި ދައުވާ ލިބޭ އެންމެން ބައްދަލުކޮށް މަޝްވަރާކޮށް 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި "ޓާސްކުތައް" އެކި މީހުންނާ ހަވާލުކުރި ކަމަށެވެ.
ހެކިބަސްދެމުން އެމީހާ ބުނީ ޔާމީން ރަޝީދު މަރާލުމުގެ ޚިޔާލު އުފަންވީ 2016 ވަނަ އަހަރު ބޭއްވި ކައްޓި ހިތްވަރު ފޮޓޯ މައުރަޒުގައި ގުރުއާނަށް ފުރައްސާރަކޮށް ކުރަހާފައި ހުރި ކުރެހުންތަކަކާ ގުޅިގެން އިސްލާމްދީނަށް ފުރައްސާރަކުރާ މީހުން މަރާލުމަށް ދައުވާ ލިބޭ މީހުން ނިންމި ހިސާބުން ކަމަށެވެ. ނަމަވެސް އެއިން ކުރެހުމެއްގައި ޔާމީން ރަޝީދުގެ ބައިވެރިވުން އޮތް ކަމަށް ހެކިވެރިޔާ ނުބުނެއެވެ.
ހެކިވެރިޔާ ބުނީ ޔާމީން ރަޝީދަށް ހަމަލާދިނުމަށް ފުރަތަމަ އިސްނެގީ ހައިޝަމް އާއި ޒިޔާދު ކަމަށެވެ. ނަމަވެސް އެކަމަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ފަރިތަކުރުންތަކުގެ ތެރޭގައި ޒިޔާދުގެ ފަޔަށް އަނިޔާވެ، ހަމަލާދިނުމަށް އެގެއަށް ޒިޔާދު ނުވަންނަ ގޮތަށް ނިންމައި، އެ މަސައްކަތް ޒިހާނާ ހަވާލުކުރި ކަމަށް ހެކިވެރިޔާ ބުންޏެވެ.
"ކުރި ފަރިތަކުރުންތަކަކީ ބުންވަރު ރަނގަޅު ކުރުމަށް ދުވަން ދިޔުމާއި ފަތަން ދިޔުން،" ހެކިވެރިޔާ ބުންޏެވެ.
ހެކިވެރިޔާ ބުނީ ފަރިތަކުރުންތަކުގެ އިތުރުން ޔާމީން ރަޝީދަށް ހަމަލާދިނުމުގެ ކުރިން ދައުވާ ލިބޭ މީހުން އެމީހުންގެ އުޅުމާއި ސިފަވެސް ބަދަލުކުރި ކަމަށެވެ. އެގޮތުން ތުނބުޅިތައް ކުރުކޮށް ކޮށުމާއި ދިގު ކުރުތާގެ ބަދަލުގައި ޓީޝާޓާއި ކަރުގައި ފަށް އަޅައި ޒަމާނީ މީހުން އުޅޭގޮތަށް އެމީހުންގެ އުޅުން ބަދަލުކުރި ކަމަށް ހެކިވެރިޔާ ބުންޏެވެ.
ޔާމީން ރަޝީދަށް ހަމަލާދިނީ ހައިޝަމާއި ޒިހާން ކަމަށާއި އެކަން އެނގެނީ ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖުގެ ސްކްރީން ޝޮޓުން ކަމަށް ހެކިވެރިޔާ ބުންޏެވެ.
"އެއީ ހައިޝަމްކަން އެނގެނީ ފުލުހުން އާންމުކުރި ފޮޓޯ އިން ދިގު އިސްތަށި ގަނޑެއްގެ ވިގެއް ޖަހާފައި ހުއްޓައި ފެންނަ މީހާ އާއި ހައިޝަމްގެ އިސްތަށިގަނޑު އެއްގޮތްވާތީ. ހަމަލާދިން މީހުންގެ ތެރޭގައި ޒިހާން ހިމެނޭކަން އެނގެނީ ފުލުހުން އާންމުކުރި ފޮޓޯ އިން ފެންނަ މީހާ އާއި ޒިހާންގެ ބޮޑީ ޝޭޕް އަދި ބޮޑީ ލޭންގުއެޖް އެއްގޮތްކަމުން،" ހެކިވެރިޔާ ބުންޏެވެ.
ހެކިވެރިޔާ ބުނީ ޔާމީން ރަޝީދު މަރާލި ރޭ ކަމުގައިވާ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު 2:00 އެހައިކަންހާއިރު އޭނާއަށް ޔާމީން ރަޝީދު ފެނުނު ކަމަށެވެ. ނަމަވެސް ފެނުނީ ކޮންތާކުން ކަމެއް ހެކިވެރިޔާ ނުބުނެއެވެ. ހަމައެހެންމެ ޔާމީން ރަޝީދަށް ހަމަލާދިން މީހުން ވެސް ހަމައެރޭ ފެނުނު ކަމަށް ހެކިވެރިޔާ ބުންޏެވެ.
އެރޭ ދަންވަރު ހެކިވެރިޔާ މަގުމަތީގައި އުޅުނީ ކީއްކުރަންތޯ ދިފާއީ ވަކީލުން ސުވާލުކުރުމުން އެ ސުވާލަށް ޖަވާބުދީފައެއް ނުވެއެވެ. އަދި ހެކިވެރިޔާއާ ގުޅޭގޮތުން ކުރި އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއެވެ.
ދިފާއީ ވަކީލުން ކުރި ގިނަ ސުވާލުތަކަކަށް ހެކިވެރިޔާ ޖަވާބު ނުދިނުމުން ވަކީލުން ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައި، އެ ހެކިވެރިޔާގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ބުނެފައެވެ.
އެ ހެކިވެރިޔާ އަކީ އެ މައްސަލާގައި ޝާމިލްވާ މީހެއް ކަމަށް ތުހުމަތުކޮށް އޭނާގެ މައްސަލަ ތަހުގީގު ކުރަންޖެހޭ ކަމަށް ދިފާއީ ވަކީލުން ވަނީ ވިދާޅުވެފައެވެ.
ތިން ފުލުހެއްގެ ހެކިބަސް ވެސް ނެގި
ޔާމީން ރަޝީދު މަރާލާފައި އޮތް ސީނަށް އެންމެ ފުރަތަމަ ދިޔަ ފުލުހުން ވެސް މިއަދު ވަނީ ހެކިބަސްދީފައެވެ. އެ ފުލުހުން ވަނީ ޔާމީން ރަޝީދު މަރާލާފައި އޮތް ގޮތާ ގުޅޭގޮތުން ހެކިބަސްދީފައެވެ.
ޔާމީން ރަޝީދު މަރުގެ މައްސަލައިގެ ފޮރިންސިކް އެނަލިސިސް އަދި ކްރައިމް ސީން އެނަލަސިސް ތައްޔާރުކުރި ފުލުހުން ވެސް މިއަދު ހެކިބަސް ދިނެވެ.
ހެކިބަސްދިން ފުލުހަކު ބުނީ ހައިޝަމް އާއި ޒިހާންގެ ހަށިގަނޑުގެ އެނަލަސިސް ހެދި ކަމަށެވެ. 2009 ވަނަ އަހަރުން ފެށިގެން ސީން އޮފް ކްރައިމް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފުލުހަކު ބުނީ އެމީހުންގެ ތެރެއިން ހައިޝަމްގެ ކަރުގައި ވަކި އަޅުވާފައި ހުރިކަން ފާހަގަވި ކަމަށެވެ. އަދި ޒިހާންގެ ފައިގެ ކުޑަހުޅަށްވުރެން މަތީގަ އާއި ދެ ފައިގެ ދައްފުށަށް އަނިޔާވެފައިވާއިރު ވައަތު ބޮޑުވާ އިނގިއްޔަށް ލޭ އަރާފައިވާ ކަމަށް ވެސް އެ ފުލުސް މީހާ ބުންޏެވެ.