ހާލުގައި ޖެހިގެން ކޯސްޓް ގާޑުގެ އެހީތެރިކަމަށް އެދުނު ސްރީލަންކާގެ ހަތް މަސް ބޯޓު، މޫސުން ރަނގަޅު ވުމާ އެކު ރާއްޖޭގެ ސަރަހައްދުން ނުކުތުމަށް ދަތުރު ފަށައިފި އެވެ.
ލަންކާގެ ހަތް މަސް ބޯޓު ރާއްޖޭގެ އެހީތެރިކަމަށް އެދިފައިވަނީ އިހަވަންދިއްޕޮޅާ ދިމާލުން ކޮޅިގަނޑެއްގައި ޖެހުމުންނެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު އެ ހަތް ބޯޓު ވަނީ ކުޅުދުއްފުށީ ބަނދަރަށް ވައްދާފަ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ކުޅުދުއްފުށީ ބަނދަރަށް ވެއްދި ލަންކާގެ ހަތް މަސް ބޯޓު، ކޯސްޓް ގާޑްގެ ބެލުމުގެ ދަށުން މިއަދު 8:30 ހާއިރު ރާއްޖޭގެ ސަރަހައްދުން ނުކުތުމަށް ދަތުރު ފަށާފައިވާ ކަމަށެވެ.
ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދެމުންދާ ހަތް މަސް ބޯޓަށް ރާއްޖޭގެ ސަރަހައްދުން ނުކުމެވޭނީ މިއަދު މެންދުރު 14:30 ހާއިރު ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ޚިލާފަށް ބޯޓުތައް ވަދެގެން މީގެ ކުރީން އަތުލައިގަންފައިވެސް ވެއެވެ. އޭގެ ތެރޭގައި ލަންކާ މަސް ބޯޓްތައް ވެސް ހިމެނެ އެވެ.