ލަންކާގައި މެނިންޖައިޓިސްގެ ކޭސްތައް އިތުރުވެ 243އަށް، ގިނައީ ސްކޫލް ކުދިން

ސްރީލަންކާގެ ދަރިވަރުންތަކެއް -- ފޮޓޯ/ ޝިންހުއާ

ސްރީލަންކާގައި މެނިންޖައިޓިސްގެ ކޭސްތައް އިތުރުވެ 243އަށް އަރައިފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ސްކޫލް ކުދިން ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ލަންކާގެ ޑެއިލީ މިރާގައިވާ ގޮތުން، މެނިންޖައިޓިސްގެ ކޭސްތައް ފެނިފައިވަނީ މަތަރަ، ކެންޑީ، ނޫރަލިޔާ އަދި ބަދުއްލާ ޑިސްޓްރިކްޓުންނެވެ. އެ ބަލީގެ ކްލަސްޓާ އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު މަތަރަގެ ސްކޫލަކުން ކަމަށް އެ ނޫހުގައިވެއެވެ. އެ ކްލަސްޓާ ފެނުމާއެކު، ބަލި ފެތުރޭ މިންވަރު ބެލުމަށް ގައުމީ ފެންވަރުގައި ސަވެއިލެންސް މަސައްކަތް ފެށި ކަމަށް ޑެއިލީ މިރާގައިވެއެވެ.

އެ ބައްޔާ ގުޅޭ ގޮތުން، ލަންކާގެ ހެލްތު މިނިސްޓްރީގެ އެޕިޑެމިއޮލޮޖީ ޔުނިޓްގެ ކޮންސަލްޓެންޓް ކޮމިއުނިޓީ ފިޒީޝަން، ޑރ. ތުޝާނީ ޑަބަރެރާ ވިދާޅުވީ، މެނިންޖައިޓިސްގެ ކޭސްތައް ކޮންމެ އަހަރަކު ވެސް އެ ގައުމުގައި ރިޕޯޓުކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ މި އަހަރު އެ ބަލި ޖެހިފައިވާ މީހުންގެ ތެރެއިން އެއްވެސް މީހަކު މަރުވެފައިނުވާ ކަމަށާއި، ބަލި ޖެހުނު ކަމަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ސްކޫލް ކުދިންނަށް ކަމަށެވެ.

ޑރ. ތުޝާނީ ވިދާޅުވީ ބަލި އާންމުކޮށް ފެތުރެނީ އެ ބަލީގެ އަސަރު ހުންނަ ކާބޯތަކެއްޗާއި އެހެނިހެން ތަކެތިން ކަމަށެވެ.

ޑެއިލީ މިރާގައި ވަނީ މިދިޔަ މަހުގެ ނިޔަލަށް، މެނިންޖައިޓިސް ޖެހިގެން ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދިޔައީ 59 މީހުން ކަމަށާއި އެހެން މީހުން ފަރުވާއަށް ފަހު ދޫކޮށްލައިފައިވާ ކަމަށެވެ.

އެ ނޫހުގައިވާ ގޮތުން މިދިޔަ އޭޕްރިލް މަހު އެންމެ ފުރަތަމަ ބަލި ފެތުރުނީ ބަލީގެ އަސަރު ހުރި ފެނުންނެވެ. އެހެންވެ، ހެލްތު މިނިސްޓްރީއާއި ނެޝަނަލް ވޯޓާ ސަޕްލައި އާއި އެހެނިހެން ފަރާތްތައް ގުޅިގެން، ފެނަށް ކްލޮރިން އެޅުމުގެ މަސައްކަތް އަވަސް ކުރަމުން އަންނަ ކަމަށް ޑެއިލީ މިރާގައިވެއެވެ.

މެނިންޖައިޓިސް ފެތުރުން މަދުކުރުމަށް، ލަންކާގެ ސްކޫލްތަކަށާއި ހޮސްޕިޓަލްތަކަށް ވަނީ ޚާއްސަ ގައިޑްލައިންތަކެއް ފޮނުވައިފައެވެ. އެގޮތުން ފެނާއި ސައިބޯނިން ރަނގަޅަށް އަތް ދޮވުމަށާއި، ބޯފެނުގެ ސާފުތާރިހުކަން ކަށަަވަރު ކުރުމާއި، ފާޚާނާ ކޮންމެ ދުވަހަކު ވެސް ސާފު ކުރުމަށް ގައިޑްލައިންގައިވެއެވެ.

މީގެ އިތުރުން ބަލީގެ އަލާމާތްތައް ހުންނަ ކުދިންނާ ގާތް ނުވުމަށާއި، ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ މާސްކް އެޅުމަށް ގައިޑްލައިންގައިވެއެވެ.

އެ ބައްޔާ ގުޅޭ ގޮތުން ޑރ. ތުޝާނީ ވަނީ، އާންމު ރައްޔިތުން މާސްކް އަޅައިގެން އުޅޭ ހިސާބަށް އަދި ނުދާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ބަލި އިތުރަށް ފެތުރެމުންދާނަމަ، އާންމު ރައްޔިތުން ވެސް މާސްކް އަޅައިގެން އުޅެން ޖެހޭ ހިސާބަށް ގޮސްދާނެ ކަމަށް، އެހެން ޑޮކްޓަރަކާ ހަވާލާދީ ޑެއިލީ މިރާގައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ އަދި އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ގައުމެކެވެ.

ސްރީލަންކާގެ ބައެއް ސަރަޙައްދުތަކުގައި މެނިންޖައިޓިސް ފެތުރެމުންދާތީ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ. މި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ ތަޣައްޔަރުވެފައިވާ ފެނާއި ކާބޯތަކެތީގެ ޒަރީޢާއިން ކަމަށްވާއިރު، މިހާތަނަށް 243 މީހަކަށް ބަލިޖެހިފައިވެއެވެ. ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ފެނަށް ކްލޮރިން އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، ސާފުތާހިރުކަމަށް އިސްކަންދިނުމަށް ޞިއްޙީ އިދާރާތަކުން ވަނީ އަންގައިފައެވެ. ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ އަދި ދަތުރުކުރާ ޤައުމަކަށް ލަންކާ ވުމާއެކު، މި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ ނުހަނު މުހިންމު ކަމެކެވެ. މިއަހަރުގެ މިހާތަނަށް މި ބަލީގައި މީހަކު މަރުވެފައި ނުވި ނަމަވެސް، ބަލި ފެތުރޭ މިންވަރު އިތުރުވާނަމަ ޢާންމުކޮށް މާސްކު އެޅުމަށް ޖެހިދާނެކަމުގެ އިންޒާރު ޑޮކްޓަރުން ވަނީ ދެއްވާފައެވެ.

  • ލަންކާގައި މެނިންޖައިޓިސް ޖެހުނު މީހުންގެ ޢަދަދު 243 އަށް އަރައިފައިވާއިރު އޭގެތެރޭގައި ގިނައީ ސްކޫލް ކުދިންނެވެ.
  • ބަލި ފެތުރެނީ ތަޣައްޔަރުވެފައިވާ ފެނާއި ކާބޯތަކެތީގެ ޒަރީޢާއިން ކަމަށްވާތީ، ފެނާއި ސައިބޯނި ލައިގެން އަތްދޮވުމަށް ވަނީ އަންގައިފައެވެ.
  • ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އެހެން މީހުންނާ އެކަހެރިވެ މާސްކު އެޅުމަށް ޞިއްޙީ މާހިރުން ލަފާދެއްވައެވެ.
  • ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސްކޫލްތަކާއި ހޮސްޕިޓަލްތަކަށް ޚާއްޞަ ގައިޑްލައިންތަކެއް ވަނީ ފޮނުވައިފައެވެ.
  • ސްރީލަންކާއަކީ ދިވެހިން ގިނައިން ޒިޔާރަތްކުރާ ޤައުމަކަށްވާތީ، ދިވެހިންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުން މުހިންމެވެ.
comment ކޮމެންޓް