މީޑިއާގެ މިނިވަންކަން ދަމަހައްޓަން ރާއްޖެއިން އިގުރާރުވެއްޖެ

މީޑިއާގެ މިނިވަންކަމުގެ އިގުރާރުގައި ރާއްޖޭގެ ފަރާތުން ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ސޮއިކުރައްވަނީ -- ފޮޓޯ/ ދިވެހި އެމްބަސީ ޔޫކޭ

މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް ވެވޭ ބައިނަލްއަގުވާމީ އިގުރާރުގައި ދިވެހިރާއްޖެއިން ސޮއިކޮށް، މީޑިއާއަށް މިނިވަން މާހައުލެއް ފަހިކޮށްދީ ދެމެހެއްޓުމަށް އިގުރާރުވެއްޖެއެވެ.

ލަންޑަނުގައި ކުރިއަށް ދިޔަ ގްލޯބަލް ކޮންފަރަންސް ފޯރ މީޑިއާ ފްރީޑަމްގެ ހަވާސާގައި، މި އިގުރާރުގައި ދިވެހިރާއްޖެއިން ސޮއިކުރެއްވީ އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރު ޑރ. ފަރަހަނާޒް ފައިސަލްއެވެ.

އެ އިގުރާރުގައި އެއްބަސްވެފައިވަނީ މުޖުތަމައުގެ ސަލާމަތާއި ހަމަޖެހުމާއި ފުދުންތެރިކަމަށްޓަކައި މީޑިއާގެ މިނިވަންކަމުގެ މުހިންމުކަން ހާމަކޮށް އެކަން ކުރިއެރުވުމަށްޓަކައި އިއްތިހާދެއްގެ ގޮތުގައި ބަހާއި އަމަލުން އެކުގައި މަސައްކަތްކުރުމަށެވެ.

އަދި ސަރުކާރުތަކުން އެގައުމެއްގެ މީޑިއާގެ މިނިވަން ވަރުގަދަކޮށް، މަދަނީ ޖަމިއްޔާތަކާއި ގާނޫނީ ވަކީލުންނާއި ނޫސްވެރިންގެ އިތުރުން ކަމާ ގުޅޭ އެހެނިހެން މާހިރުން އެއްތަންކޮށް، ގުޅިގެން މަސައްކަތްކުރެވޭނެ މަގު ފަހިކޮށްދިނުމަށް ވަނީ އިގުރާރުވެފައެވެ.

މީގެ އިތުރުން ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ނައްތާލަން އދ.އާއި އެހެނިހެން ޖަމިއްޔާތަކުން ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށާއި، އާންމު މަސްލަހަތަށްޓަކައި މަސައްކަތްކުރާ މިނިވަން މީޑިއާތައް ގާއިމުކުރުމަށްވެސް އިގުރާރުވެފައިވެއެވެ.

އަދި އެ އިގުރާރުގައި ބައިވެރިވާ ފަރާތްތަކުން އަހަރަކު އެއްފަހަރު ބައްދަލުވެ، ގޮންޖެހުންތަކާއި އެހެނިހެން ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.

ގްލޯބަލް ކޮންފަރަންސް ފޯރ މީޑިއާ ފްރީޑަމްއަކީ އިނގިރޭސި ސަރުކާރާއި ކެނެޑާގެ ސަރުކާރު ގުޅިގެން ބޭއްވި، ދެ ދުވަހުގެ ބައްދަލުވުމެކެވެ.

comment ކޮމެންޓް