ޕާކިސްތާނުގައި ހިނގި ރޭލް އެކްސިޑެންޓެއްގައި 15 މީހުން މަރުވެއްޖެ

ބުރާސްފަތި ދުވަހު ޕާކިސްތާނުގައި ހިނގި ރޭލް އެކްސިޑެންޓް

އިސްލާމް އާބާދު (ޖުލައި 11) : ޕާކިސްތާނުގައި ހިނގި ރޭލް އެކްސިޑެންޓެއްގައި 15 މީހުން މަރުވެ ހަތްދިހަ މީހުން ޒަޚަމްވެއްޖެއެވެ.

ޕާކިސްތާނުގެ ރޭލްވޭގެ މަސްއޫލުވެރިން ވިދާޅުވީ އެކްސިޑެންޓް ހިނގީ ފަސެންޖަރުން ގޮވައިގެން ލާހޯރުން ދަތުރުކުރި ރޭލެއް، މުދާ އުފުލާ ރޭލެއްގައި ޖެހި މުޑިއެރުމުން ކަމުގައެވެ. ޕާކިސްތާނުގެ ދެކުނުގެ ޓައުން އެއް ކަމަށްވާ ރަހީމް ޔާ ޚާން ގައި ހިނގި މި ހާދިސާގައި ޒަޚަމްވި މީހުންގެ ތެރެއިން ބައެއްމީހުން ފުރާނައަށް ނުރައްކާވާ ހާލަތުގައި ވާތީ މަރުވާމީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ޕާކިސްތާނުގެ މަސްއޫލުވެރިން ވިދާޅުވިއެވެ.

ޕާކިސްތާނުގެ ޖިއޯ ޓީވީ ބުނާގޮތުން ބޮޑުވަޒީރު އިމްރާން ޚާންވަނީ މިހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި އިމްރާންޚާންވަނީ ޕާކިސްތާނުގެ ރޭލްވޭގެ ސަލާމަތީ ކަންކަން މިހާރަށްވުރެ ރަނގަނޅު ކުރުމަށް ރޭލްވޭގެ ކަންތައްތަކާބެހޭ ވަޒީރު ޝައިޚް ރަޝީދު އަހުމަދުގެ ކިބައިން އެދިވަޑައިގެންފައެވެ.

މި އެކްސިޑެންޓް ހިނގަންމެދުވެރިވި ސަބަބުތައް ދެނެގަތުމުގެ ތަހްގީގެއް ހިންގުމަށް ރޭލްވޭއާބެހޭ ވަޒީރު ޝައިޚް ރަޝީދު އަހުމަދު އަމުރު ކުރައްވާފައިވާފައިވާއިރު އޭނާވަނީ އެކްސިޑެންޓް ހިނގީ މީހަކު ގަސްދުގައި ނޫންގޮތަކަށް ހެދި ގޯހަކުން ކަމަށް ބެލެވޭ ކަމަށާ، ތަހުގީގު ނިމުމުން ހަގީގަތް އެނގޭނެކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި ހަތަރުވަރަކަށް ދުވަހުގެ ތެރޭގައި އެޙާދިސާގެ ތަހްގީގްނިމި ރިޕޯޓް ލިބޭނެކަމަށްވެސް ރޭލްވޭއާބެހޭ ވަޒީރު ވިދާޅުވިއެވެ.

ޕާކިސްތާނުގެ ރޭލްވޭއަށް މައްސަލަތައް ދިމާވަނީ ޒަމާނީ ފެންވަރަށް ރޭލްވޭ ތަރައްގީ ކުރުމަށް ބޭނުންވާ އިންވެސްޓްމަންޓްތައް ނުކުރެވުމާއި ރޭލްދަތުރުތަކުގައި ސަލާމަތީކަންކަމަށް ދޭންޖެހޭ ސަމާލުކަން އެކަށީގެންވާގޮތުގައި ނުދެވޭތީއާއި މަރާމާތުގެކަންކަމަށް ފަރުވާކުޑަކުރެވޭތީކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕާކިސްތާނުގެ ރޭލްވޭއަކީ މީގެ ހަތްދިހަ ވަރަކަށް އަހަރު ކުރީގައި އިނގިރޭސިވިލާތުން ގެންގުޅުނު ޓެކްނޮލޮޖީގެ މައްޗަށް ބިނާކޮށްފައިވާ ރޭލްވޭއަކަށްވާއިރު ޒަމާނީ ފެންވަރަށް މުޅި ޕާކިސްތާނުގައި ރޭލްވޭ ތަރައްގީ ކުރުމަށް އައްޑިހަ ވަރަކަށް ބިލިޔަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ބޭނުންވާނެކަމަށް ރިޕޯޓްތައް ބުނެއެވެ. ޕާކިސްތާނުގެ ސަރުކާރުންވަނީ މިއަދު ހިނގު ރޭލް އެކްސިޑެންޓްގައި މަރުވި މީހުންގެ އާއިލާތަކަށް ބަދަލުދޭނެކަން ހާމަކޮށްފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް