އެމްޑީޕީގެ ޕީޖީ ލީޑަރު ކަމަށް ކުރިމަތިލީ އަލީ އާޒިމް އެކަނި

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ސުޕް މެޖޯރިޓީ އޮތް ވެރިކަން ކުރާ އެމްޑީޕީގެ ޕާލިމެންޓްރީ ލީޑަރު ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ކުރިމަތިލީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެކަންޏެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ 12 މަގާމަކަށް ކުރިމަތިލާން ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހު އެވެ. އެއީ ޕީޖީ ލީޑަރާއެކު ދެ ޑެޕިއުޓީ ޕީޖީ ލީޑަރުންނާއި އަމީންއާންމު އަދި އަމީންއާންމުގެ ނައިބުގެ އިތުރުން ޗީފް ވިޕާއި ހަ ވިޕުންނެވެ.

އެފުރުސަތުގައި ޕީޖީ ލީޑަރު ކަމަށް އަލީ އާޒިމް ކުރިމަތިލީ އިރު ޑެޕިއުޓީންނަށް ކުރިމަތިލީ ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބާއި ހެންވޭރު ދެނުކު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް އެވެ.

އަމީންއާންމަކަށް ކުރިމަތިލީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިނެވެ. އަދި އަމީންއާންމުގެ ނައިބަކަށް ކުރިމަތިލީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ އެވެ.

ޗީފް ވިޕަކަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރިމަތިލާފައިވާއިރު ވިޕުންނަށް ކުރިމަތިލީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް އާއި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު އަދި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުގެ އިތުރުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ އިންތިހާބުގައި ވާދަވެރިކަމެއް އޮތީ ހަމަ އެކަނި ވިޕުންގެ މަގާމުތަކުގަ އެވެ. އެއީ ހަ ވިޕުން ނަގާއިރު އެ މަގާމަތް ހަތް މީހަކު ކުރިމަތިލާފައި ވާތީ އެވެ. އެހެން މަގާމުތަކުގައި ނަގާނީ ފެންނަ ނުފެންނަ ވޯޓެއް ކަމަށް ބެލެވެ އެވެ.

އެޕާޓީގެ ޕީޖީ އިންތިހާބު ބޭއްވުމަށް ހަމަ ޖެހިފައިވަނީ، އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 އިން 5:00 އަށެވެ.

comment ކޮމެންޓް