ޑާކްރެއިން އެންޓަޓެއިންމަންޓްގެ އަހަރުގެ ބޮޑު ފިލްމު "މާމުއި" މާދަމާ ރޭ ރިލީޒްކުރާނެ އެވެ.
ބޮޑު ކާސްޓަކާ އެކު "މާމުއި" މާދަމާ ރޭ ރިލީޒްކުރާއިރު ބެލުންތެރިން އަންނަނީ ފިލްމު ބަލަން ދިޔުމަށް ތައްޔާރު ވަމުންނެވެ. "މާމުއި" ބޯން ތައްޔާރުވަމުންނެވެ. ފިލްމު ޕްރޮމޯޓް ކުރަނީ ވެސް "މާމުއި ބޯނީ ޖުލައި އެކެއްގައި ދޯ" މިހެން ކިޔާފައެވެ.
މި ފިލްމަކީ ތަފާތު ޖޯންރާއަކަށް ޑާކްރެއިން ޓީމުން އުފައްދާ ފިލްމެކެވެ. އެހެން ކޮމެޑީ ފިލްމުތަކާ ހިލާފަށް "ކޮމެޑީކަން" ބޮޑު ފިލްމެކެވެ. ފިލްމު ބަލަމުންދާއިރު ހީ ހީ ބަނޑަށް ތަދުވާ ވަރުވާނެ ކަން ޔަގީނެވެ.
"މިއީ ވަރަށް ވަރުގަދަ ކޮމެޑީ ފިލްމެއް. ތަފާތު ކޮމެޑީ ފިލްމެއް. ހީ ހީ ވަރުބަލިކޮށްލާނެ،" ފިލްމާ ގުޅޭ ގޮތުން ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ.
މާމުއި ބަލަންވީ ސަބަބުތައް
ފިލްމަކީ ވަރުގަދަ ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމެކެވެ. މިއީ ބެލުންތެރިންގެ އިތުބާރާ ލޯތްބާ ހޯދާފައިވާ އެންމެ ބޮޑު އެއް ފިލްމު ކުންފުންޏެވެ. ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭއިރު ގެނެސްދޭ ކޮންމެ ފިލްމަކީ ވެސް ޝައުގުވެރި އެތައް ކަމެއް ހިނގާ ފިލްމެކެވެ. މުޖުތަމައު އާ ގުޅޭ ފިލްމުތަކެކެވެ. ހަގީގަތުގައިވެސް ޑާކްރެއިން އަދި ބެލުންތެރިން މާޔޫސްކޮށެއް ނުލައެވެ. ނިމިގެންދިޔަ ފިލްމު "ގޮށްރާޅު" އިންވެސް އެކަން ރަނގަޅަށް ސާބިތުކޮށްދީފިއެވެ.
ފިލްމު ބަލަންވީ ސަބަބުތައް ވަރަށް ގިނައެވެ. "މާމުއި" އަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި "އެންމެ އަލިގަދަ ތަރިން" އެއް ފަހަރާ ފެނިގެންދާނެ ފިލްމުވެސްމެއެވެ. މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލް އަދި މަރިޔަމް މަޖުދާ ފަދަ ވަރުގަދަ ކާސްޓުންނެވެ. ޝީލާ ނަޖީބު، ނުޒުހަތު ޝުއައިބު އަދި އަބްދުﷲ ޝާފިއު (ފުބޫ)އެވެ. ހުސް ވެސް އޭ ލިސްޓްގެ ތަރިންނެވެ. މި ފިލްމުން އެ ތަފާތު ދައްކާނެކަން ޔަގީނެވެ.
އައިޝަތު ފުއާދު ސްކްގެރީން ޕްލޭ ތަކަކީ މިހާރު ދިވެހި ސިނަމާ ގަބޫލުކުރާ ފެންވަރުގެ މޮޅު ސްކްރީން ޕްލޭ ތަކެކެވެ. ފިލްމު އެވޯޑްސްގައި އެންމެ މޮޅު ސްކްރީން ޕްލޭގެ އެވޯޑް ވެސް ލިބުނީ އައިޝަތު ފުއާދަށެވެ. އޭނާ ވަނީ "ވަކިން ލޯބިން" އަދި "މިއީ ލޯތްބަކީ" ފަދަ މޮޅު ސްކްރީން ޕްލޭތައް ގެނެސްދީފައެވެ. "މާމުއި" އަކީ އައިޝަތު ފުއާދު އާއި އަހްމަދު ތޮލާލްގެ ސްކްރީން ޕްލޭއެކެވެ.
ފިލްމު އިއުލާންކުރި ހިސާބުން ފެށިގެންވެސް އެނގޭ އެއް ކަމަކީ ފިލްމަކީ ވަރުގަދަ ކޮމެޑީ ފިލްމެއް ކަމެވެ. ރިލީޒްކުރި ޓްރެއިލާއިންވެސް އެކަން ރަނގަޅަށް ދޭހަވިއެވެ. ރިލީޒްކޮށްފައިވާ ލަވަތަކުންނާއި ޑައިލޮގްތަކުންވެސް މި ފިލްމަކީ ހަމަ "މޭޑް ކޮމެޑީ" ފިލްމެއްކަން އެނިގި ހާމަވެއެވެ.
ދިވެހި ފިލްމެއްގައި މީގެ ކުރިން ޖެޓެއްގައި ޝޫޓްކޮށްފައި ހުރި މަންޒަރެއް ދުށިން ހެއްޔެވެ. ހަމަ ގައިމުވެސް މި ފިލްމު ދިވެހި ފިލްމު އިންޑަސްޓްރީ ބަދަލުކޮށްލާނެއެވެ. ޖެޓެއްގައި މަންޒަރުތައް ޝޫޓްކުރުމުގެ އިތުރުން ކާގޯ ބޯޓެއްގައި ވެސް ފިލްމުގެ މަންޒަރު ވަނީ ޝޫޓްކޮށްފައެވެ. ވަރުގަދަ ލޮކޭޝަންތަކެއްގައި ފިލްމު ޝޫޓްކޮށް ނިންމާލިއިރު މިއީ ފިލްމުގެ އެންމެ ތަފާތު އެއް ކަންތައް ޔަގީނެވެ. އެ ފިލްމު ބެލުމަށްފަހު ބެލުންތެރިން "ސޮނިވެއްޓޭހާ" ފުރިހަމަވާނެއެވެ.
ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ. އޭނާ ވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑްވެސް އަށް ވަނަ ފިލްމު އެވޯޑްސްގައި ހޯދާފައެވެ.
ދިވެހި ފިލްމު އިންޑަސްޓްރީ މަތިން ހަދާން ނެތިފަ ތިއްބާ ޑާކްރެއިން އިން ވަނީ މޮޅެތި ފިލްމުތަކެއް ނެރެ ދިވެހިން އަނބުރާ ދިވެހި ސިނަމާއަށް ވައްދާފައެވެ.
ފިލްމު ބަލަން އަވަހަށް ތައްޔާރުވާށެވެ. މިހާރު ބެލުންތެރިންގެ ހިތުގައި އުފެދޭ ސުވާލުތައް ގިނަ ވެސް ވާނެއެވެ. ފިލްމަށް "މާމުއި ކިޔުނީ ކީއްވެ ހެއްޔެވެ؟ ފިލްމުގައި "މާމުއި" ބޮނީ ކީއްވެ ހެއްޔެވެ؟ ފިލްމާ "މާމުއި" އާ އޮންނަނީ ކޮން ގުޅުމެއް ހެއްޔެވެ؟ "މާމުއި" ބޮނީ ކޮން ތަރިއެއް ހެއްޔެވެ؟ މި ހުރިހާ ސުވާކުތަކެއްގެ ޖަވާބު ހޯދުމަށް "މާމުއި" ފިލްމު ބަލަން ވަންނާށެވެ. ޑާކްރެއިންއިން ބެލުންތެރިން މާޔޫސްކޮށްނުލާނެ ކަން ގައިމެވެ.