މުރްސީގެ މަރު ތަހްގީގު ކުރުމަށް އދ. އިން ގޮވާލައިފި

މުރްސީ

އދ. މަޖިލިސް (ޖޫން 19) : މިސްރުގެ ކުރީގެ ރައީސް މުޙައްމަދު މުރްސީގެ މަރުގެ ޙާދިސާ މުސްތަގިއްލު ގޮތެއްގައި ތަހްގީގް ކުރުމަށް އދ. ން ގޮވާލައިފި އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރުގެ ތަރްޖަމާން ރޮބަޓް ކޮލްވިލް ވިދާޅުވީ މުރްސީ ޖަލުގައި ބެހެއްޓި ހަ އަހަރު ތެރޭގައި މުރްސީއާ މެދު މިސްރު ސަރުކާރުން ކަންތައްތައް ކުރިގޮތާ މެދު ކަންބޮޑުވުންތަކެއް އެބަހުރިކަމަށާ އޭގެ ތެރޭގައި މުރްސީއަށް ސިއްހީ ފަރުވާ ނުދިނުމާއި އާއިލާ އާއި ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ނުދިނުމުގެ އިތުރު އެކަހެރިކޮށް ބެހެއްޓުން ހިމެނޭ ކަމުގަ އެވެ.

މުރްސީ އަވަހާރަވީ އޭނާ ހައްޔަރުކޮށްފައިވާ ޖަލުގައި މިދިޔަ އާދީޢްތަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި ހުންނަވަނިކޮށް ހާޓް އެޓޭކެއް ޖެހިގެން ކުއްލި ގޮތަކަށް ވެއްޓިވަޑައިގެން ކަމަށް މިސްރު ސަރުކާރުން ބުނާއިރު މުރްސީ ވެއްޓި ވަޑައިގަތުމުން ޖަލުގެ މަސްއޫލުވެރިން އޭނާއަށް ފަރުވާ ދިނުމަށް ޓަކައި އެއްވެސް ކަމެއްނުކޮށް ވިއްސަކަށް މިނިއްޓު ވަންދެން ބިންމަތީގައި ބޭއްވި މައްސަލަ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކޮށްފައި ވަނީ މުރްސީ އަވަހާރަކޮށްލުމުގެ ނިޔަތުގައި މިސްރު ސަރުކާރުން ހިންގި މަކަރުވެރި އަމަލެއްގެ ގޮތުގަ އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިންވެސްވަނީ މުރްސީގެ މަރުގެ ޒިންމާ އުފުލަން ޖެހޭނީ މިސްރު ސަރުކާރުން ކަމަށް ބުނެ ގައިދީއެއްގެ ޖަލުގައި އޭނާ ހުންނެވި އިރު އެންމެ އަސާސީ ބޭސް ފަރުވާއާއި ސިއްހީ ކާނާއާއި އެނޫން ވެސް އެތައް ހައްގުތަކަކުން އޭނާ މަހްރޫމްކޮށްފައިވާ ކަމަށް ތުހުމަތުކޮށް ބަޔާނެއް ނެރެފަ އެވެ.

މިސްރު ސަރުކާރުން ވަނީ މުރްސީގެ މަރުގެ ޙާދިސާ މުސްތަގިއްލު ގޮތެއްގައި ތަހްގީގް ކުރުމަށް އދ. އން ގޮވާލި ގޮވާލުމަށް ދެކޮޅު ހަދާފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް