ށ. ފޯކައިދޫ ބަލިކޮށް ވޭތުވެ ދިޔަ ސީޒަނުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބުން މިއަހަރުގެ ޗެރިޓީ ޝީލްޑް އުފުލާލައިފި އެވެ.
ރޭ ގަލޮޅު ދަނޑުގައި ކުޅުނު މެޗުން ފޯކައިދޫގެ މައްޗަށް ޓީސީއިން ކުރި ހޯދީ 1-3 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ޓީސީއިން ޗެރިޓީ ޝީލްޑް ކާމިޔާބު ކުރީ 2-4 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ. މިއީ ރާއްޖޭގެ ފުޓުބޯޅައިގެ ތާރީހުގައި ވެސް ފުރަތަމަ ޑިވިޝަނުގެ ދެ ޓީމު ހޯމް އެންޑް އަވޭގެ އުސޫލުން ކުޅުނު ފުރަތަމަ މެޗެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_156031685519FySN.jpg)
ޗެރިޓީ ޝީލްޑު މެޗުގައި ބައްދަލު ކުރި ޓީސީ ސްޕޯޓްސް ކުލަބް --- ފޮޓޯ/ އެފްއޭއެމް
މިނިވަން ޗެމްޕިއަންޝިޕުގެ ރަނަރަޕް ފޯކައިދޫއިން އެ ޓީމު ނިސްބަތްވާ ރަށުގައި ކުޅުނު ފުރަތަމަ ލެގުގައި ވަނީ ޓީސީ ހިފަހައްޓައިފަ އެވެ. އެ މެޗު 1-1 ގެ ނަތީޖާއަކުން ނިމުނު އިރު ދެވަނަ ލެގުގައި ކުރި ހޯދުމަށް ދެ ޓީމަށް ވެސް ފުރުސަތު އޮތެވެ.
ރޭގެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ޓީސީއިންނެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުރީ ކޮޅު އެ ޓީމުގެ އިބްރާހިމް އައިޝަމް ޖެހި އެ ގޯލާ އެކު ފޯކައިދޫއިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ތެރެއަށް ވަދެ ޓީސީއަށް އުނދަގޫތަކެއް ކުރިމަތި ކުރުވާފަ އެވެ.
ދެވަނަ ހާފު ފެށިގެން ފޯކައިދޫއިން ދިޔައީ ޓީސީގެ ހާފުތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުންނެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ މެޗުގެ 53 ވަނަ މިނަޓުގައި ޕެނަލްޓީއެއް ވެސް ހޯދައިފަ އެވެ. ޓީސީގެ އޭރިއާ ތެރެއިން އެ ޓީމުގެ ޑިފެންޑަރު އަކްރަމް އަބްދުލްޣަނީގެ އަތުގައި ބޯޅަ ޖެހުން ކަމަށް ނިންމާ ރެފްރީ ފޯކައިދޫއަށް ދިން ޕެނަލްޓީ ފޮނުވާލީ އަންސަރު އިބްރާހިމް (އަންކޮ) އެވެ. ނަމަވެސް އޭނަ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ހުރަސް ދަނޑިއަށެވެ.
އަންކޮގެ ޕެނަލްޓީއަށް ފަހު ވެސް ފޯކައިދޫއިން ދިޔައީ ހިތްވަރު ކުރަމުންނެވެ. އެގޮތުން އޭގެ ތިން މިނަޓު ފަހުން ލިބުނު ހިލޭ ޖެހުމަކުން އަލީ ޝާމިއު (މައިތޯ) ވަނީ ފޯކައިދޫއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ފޯކައިދޫއިން ގޯލެއް ޖަހައި ހިތްވަރާ އެކު ކުޅެމުން ދަނިކޮށް އެ ޓީމުގެ އުންމީދުތައް ފުނޑު ފުނޑު ކޮށްލީ ޓީސީގެ ބިދޭސީ ފޯވާޑް ބިމަލް ގާތީ މަގަރް ޖެހި ދެ ގޯލުންނެވެ. މެޗު ނިމެން ދަނިކޮށް އޭނާ ޖެހި އެ ދެ ގޯލާ އެކު ޓީސީއަށް ޗެރިޓީ ޝީލްޑް ޔަގީންވި އިރު މިއީ 2009 ވަނަ އަހަރު ކަޕް ވިނާސް ކަޕްގެ ބަދަލުގައި ޗެރިޓީ ޝީލްޑް ކުޅެންފެށި ފަހުން އެ މެޗު ކާމިޔާބު ކުރި ފަސްވަނަ ޓީމެވެ.
މީގެ ކުރިން ޗެރިޓީ ޝީލްޑް ކާމިޔާބު ކުރި ޓީމު ތަކަކީ ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ނިއު ރޭޑިއަންޓް އަދި މާޒިޔާއެވެ.