ކަރަންޓުގެ އަގު ހެޔޮކުރުމަށް މުވައްސަސާތަކާއެކު މަޝްވަރާކޮށްފި

ކަރަންޓު އަގު ހެޔޮކުރުމަށް މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުން --

ކަރަންޓުގެ އަގު ހެޔޮކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ކަރަންޓުގެ ހިދުމަތް ދޭ ކުންފުނިތަކާއި އެންވަޔަރަމެންޓް މިނިސްޓްރީ އާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މަޝްވަރާ ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވެވި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މަޖިލިސް މެންބަރަކު މިރޭ ވިދާޅުވީ ކަރަންޓުގެ އަގު ބޮޑުވާ ކަމަށް ރައްޔިތުން ކުރާ ޝަކުވާ އާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރެއްވި ކަމަށެވެ. މިއާއެކު ކަރަންޓުގެ އަގު ކުޑަ ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ސްޓެލްކޯ، ފެނަކަ އަދި އެންވަޔަރަމެންޓް މިނިސްޓްރީ އާއެކު މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރުވެސް ކަރަންޓުގެ އަގު ކުޑަކުރުމަށް ސަރުކާރުން އެބަދޭ ކަރަންޓު ސަބްސިޑީ. އިތުރަށް ކުޑަކުރާނަމަވެސް ސަބްސިޑީ ދޭން މި ޖެހެނީ. ޑީސަލް ބޭނުން ކޮށްގެން ކަރަންޓު ފޯރުކޮށްދޭނަމަ އަގުހެޔޮވާނެ ގޮތެއް ނެތް. ތެލުގެ އަގަށް އަންނަ ބަދަލާއެކު ކަރަންޓު އަގުބޮޑުވޭ،"

އެ މެންބަރު ވިދާޅުވީ ޑީސަލަށް އޮތް ބަރޯސާ ކުޑަކޮށް އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު ފޯރުކޮށްދިނުމާ ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

ފާއިތުވި ދެ މަހެއްހައި ދުވަހުގެ ތެރޭގައި ކަރަންޓުގެ އަގު ބޮޑުވެ، އެކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. ކަރަންޓު އަގުބޮޑުވިކަމަށް ރައްޔިތުން ޝަކުވާ ކުރަން ފަށާފައިވަނީ ޑީސަލުން ނަގާ ޑިޔުޓީ ކަނޑާލައި، ކަރަންޓު އަގު ހެޔޮ ކުރެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނިކޮށެވެ.

މިއަދު ސްޓެލްކޯ އިން ބުނީ ކަރަންޓް އަގު ބޮޑު ނުކުރާ ކަމަށާއި ބިލަށް އެރި އަދަދު ބޮޑުވެފައިވަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ކަމަށެވެ.

comment ކޮމެންޓް