މޫސުން ގޯސްވެ ފޯކައިދޫ ޓީމަށް މާލެ ނާދެވުމުން ޗެރިޓީ ޝީލްޑް މެޗު ފަސްކޮށްފި

އެފްއޭއެމް ޗެރިޓީ ޝީލްޑުގެ ފުރަތަމަ ލެގުގައި ޓީސީ ސްޕޯޓްސްއާއި ފޯކައިދޫ އެފްސީ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/އެފްއޭއެމް

މިއަހަރުގެ ފުޓުބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑުގެ ދެވަނަ ލެގު ކުޅުމަށް މޫސުން ގޯސްވުމުގެ ސަބަބުން ފޯކައިދޫގެ ޓީމަށް މާލެ އައުމުގައި ދަތިތަކެއް ކުރިމަތިވެފައި ވާތީ އެ މެޗު އަންނަ އަންގާރަ ދުވަހުގެ ރެޔަށް ފަސް ކޮށްފި އެވެ.

މާދަން ރޭ ކުޅުމަށް ހަމަޖެހިފައިވާ އެ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބާއި ދެ ކޮޅަށް ފޯކައިދޫއިން ނުކުންނަށް އޮތް ނަމަވެސް އެ ޓީމަށް އަދިވެސް ވަނީ މާލެ އާދެވޭ ގޮތް ނުވެފަ އެވެ. އަދި މޫސުން ކުރިއަށް އޮތްތާ ވެސް އިތުރަށް ގަދަ ވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން އަންގާފައިވާ އިރު ފޯކައިދޫ ޓީމަށް މާލެ އައުމުގައި އިތުރު ދަތި ތަކާ ކުރިމަތި ވާނެ ކަމަށް ބެލެވެ އެވެ.

މިދިޔަ ހުކުރު ދުވަހު ޗެރިޓީ ޝީލްޑުގެ ފުރަތަމަ ލެގު ކުޅުނު އިރު އެ މެޗު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފަ އެވެ. ވީމާ ކުރިއަށް އޮތް މެޗަކީ ނަތީޖާ ނެރުމަށް ދެ ޓީމަށް ވެސް ފުރުސަތު އޮތް މެޗަކަށް ވީ އިރު ދެ ޓީމަށް ވެސް ހަމަހަމަ އަށް މެޗުގެ ޕްރެކްޓިސް ކުރުމާއި ރެސްޓު ދިނުމުގެ ގޮތުން އެފްއޭއެމް އިން މިއަދު ވަނީ ދެވަނަ ލެގު ކުޅުން ފަސްކޮށްފަ އެވެ.

މީގެ ކުރީ އަހަރުތަކުގައި ވެސް އަތޮޅު ތެރެއިން މާލެއަށް މުބާރާތް ކުރާ ޓީމުތަކަށް ވަނީ އެ މައްސަލަ ކުރިމަތި ވެފަ އެވެ. މޫސުން ގޯސްވުމުގެ ސަބަބުން ޓީސީ ސްޕޯޓްސް ކުލަބަށް ވެސް ފޯކައިދޫގައި ކުޅުނު ފުރަތަމަ ލެގަށް ދެވުނީ ތާވަލު ކުރި ދުވަހަށް ވުރެން އެއް ދުވަސް ފަހުންނެވެ.

މީގެ ކުރިން ޗެރިޓީ ޝީލްޑް މެޗުގައި ކުޅެނީ އެންމެ މެޗެކެވެ. ނަމަވެސް އެހެން އަހަރުތަކާ ޙިލާފަށް މިއަހަރުގެ އެ މެޗު ކުޅެނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.

ވޭތުވެ ދިޔަ އަހަރުގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބާއި ވާދަ ކުރަން ފޯކައިދޫއަށް ފުރުސަތު ލިބުނީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ތިމަރަފުށީ ފުޓްބޯޅަ ޓީމު ފުރުސަތު ދޫކޮށްލުމުން އެ މުބާރާތުގެ ރަނަރަޕް ޓީމުގެ ހައިސިއްޔަތުންނެވެ.

comment ކޮމެންޓް