އެޕަލް ފަހަތަށް ޖައްސާލާ، ވާވޭ ކުރިއަށް

--

ސްމާޓް ފޯނުގެ ބާޒާރުގައި އެޕަލް ފަހަތަށް ޖައްސާލުމަށް ފަހު ޗައިނާގެ ވާވޭ އިން ކުރިއަށް އަރައިފި އެވެ.

މީގެ ކުރިން ސްމާޓްފޯނުގެ ރަސްގެފާނު ކަމުގައި ބެލެވުނު އެޕަލް އައިފޯނު ފަހަތަށް ޖައްސާލާ ވާދަވެރި ސެމްސަންގުން ވަނީ މާކެޓުގެ އެއްވަނަ ހޯދައިފަ އެވެ. އެޕަލް ދެވަނައަށް ސޮއްސާލާފައި އޮއްވާ، ވާވޭ އިން މިވަނީ ކުރިއަރައި އެޕަލް ތިންވަނަ އަށް ފަހަތަށް ޖައްސާލައިފަ އެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރު ނިމިފައިވާއިރު، ފުރަތަމަ ކުއާޓަރުގައި ސްމާޓްފޯނު ކުންފުނިތަކުން 310 މިލިއަން ފޯނު ދުނިޔޭގެ އެކި ސަރަހައްދުތަކަށް ވިއްކާފައިވެ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 10 ޕަސެންޓު ދަށް ވުމެކެވެ.

އެންމެ ގިނައިން ފޯނު ވިއްކި ކުންފުންޏަކީ ސެމްސަންގެވެ. އެކުންފުނިން ފުރަތަމަ ކުއާޓަރުގައި 71.9 މިލިއަން ފޯނު ވިއްކި އިރު ދެވަނަ އަށް އެންމެ ގިނަ ފޯނު ވިއްކީ ވާވޭ އިންނެވެ. ވާވޭއިން ވަނީ ފުރަތަމަ ކުއާޓަރުގައި 59.1 މިލިއަން ފޯނު ވިއްކައިފަ އެވެ. ތިންވަނާގައި އުޅޭ އެޕަލް އިން އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވިއްކާފައި ވަނީ 36.4 މިލިއަން ފޯނެވެ.

މި ތަފާސް ހިސާބުތަކަށް ބަލާއިރު ސެމްސަންގުން އެންމެ ފަހުން ނެރުނު ގެލެސްސީ އެސް10 އަދި އެސް10 ޕްލަސް އަށް މާކެތުން ލިބޭ ތަރުހީބު ބޮޑުކަން ފާހަގަ ކުރެވެ އެވެ. ނަމަވެސް ސެމްސަންގުގެ މިޑް ރޭންޖު ފޯނުތަކަށް އޮންނަތ ތަރުހީބު ވަނީ ފަނޑުވެފަ އެވެ.

ވާވޭ އިން އެންމެ ފަހުން ނެރުނު ޕީ30 ސީރީޒްވެސް ވަނީ މަކެޓުގައި ރަނގަޅު ކާމިޔާބީއެއް ހޯދައިފަ އެވެ. މާކެޓުގެ 19 ޕަސެންޓު ވާވޭ އިން ހޯދާފައިވާ އިރު ކުރިއަށް އޮތްތަނުގައި އެކުންފުންޏަށް ސެމްސަންގު ވައްޓާލެވިދާނެ ކަމަށްވެސް ބެލެވެ އެވެ. ޗައިނާގެ އިތުރުން އެހެން ގައުމުތަކުގައި ވެސް ވާވޭ އަށް ތަރުހީބު ބޮޑެވެ. އެކުންފުނީގެ މިޑް ރޭންޖު ފޯނުތަކަށް އޮންނަ ތަރުހީބު ވެސް ވަކި ކުޑައެއް ނުވެ އެވެ.

އެޕަލް އަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މާކެޓް ޝެއާގެ ހަތަރު ޕަސެންޓް ވަނީ ގެއްލިފަ އެވެ. ކުންފުނީގެ އާ ފޯނެއް މި އަހަރު އަދި ނެރެފައެއް ނުވެ އެވެ. އެޕަލް ގެ 5ޖީ ސްޓްރެޓެޖީ އެއް ނެތުމަކީ ވެސް އޮތް ގޮންޖެހުމެކެވެ.

ސްމާޓް ފޯނުގެ ބާޒާރަށް ބަލާއިރު އެންމެ ކުރީގައި އުޅެނީ ޗައިނީޒް ކުންފުނިތަކެވެ. އެގޮތުން ޒިއޯމީ، ވީވޯ އަދި އޮޕޯ އިން ވެސް ވަނީ މާކެޓުގައި ކުރިއެރުން ހޯދައިފަ އެވެ.

comment ކޮމެންޓް