އެސް24 ގެ އޭއައި ފީޗާތައް ކުރީގެ ފޯނުތަކަށް ވެސް ދެނީ

ސެމްސަންގުން ކުރިއަށް އޮތް ވަން ޔޫއައި 6.1 އަޕްޑޭޓްގެ ދަށުން އެ ކުންފުނީގެ ގެލެކްސީ އޭއައި ފީޗާތައް އެ ކުންފުނީގެ ކުރިން ނެރެފައިވާ ސްމާޓްފޯނާއި ޓެބްލެޓްތަކަށް ތައާރަފުކުރަން ނިންމައިފިއެވެ.

މީގެ މާނައަކީ ގެލެކްސީ އެސް24 ސީރީޒްގެ ސްމާޓްފޯނާ އެކު އައި އެ ކުންފުނީގެ އޭއައި ފީޗާތައް ކަމަށްވާ ސާކަލް ޓު ސާޗް، ލައިވް ޓްރާންސްލޭޓް، ފޯނު ކޯލްތަކަށް އިންޓަޕްރެޓާ މޯޑް، ވީޑިއޯތަކަށް އިންސްޓަންޓް ސްލޯ މޯ، ނޯޓް އެސިސްޓް، ބްރައުޒިން އެސިސްޓް އަދި އޭއައި ޖެނެރޭޓެޑް ވޯލްޕޭޕަރުތައް ވަރަށް އަވަހަށް ކުރީގެ ސެމްސަންގް ގެލެކްސީ ޑިވައިސްތަކުން ލިބެން ހުންނާނެއެވެ.

ސައުތު ކޮރެއާގެ އެންމެ ވަރުގަދަ ޓެކް ކުންފުނި ސެމްސަންގުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނީގެ ކުރިއަށް އޮތް ވަން ޔޫއައި 6.1 އަޕްޑޭޓްގެ ސަބަބުން ސެމްސަންގް ގެލެކްސީ އެސް23 ސީރީޒް، ގެލެކްސީ ޒެޑް ފޯލްޑް 5 އަދި ގެލެކްސީ ޒެޑް ފްލިޕް 5 ސްމާޓްފޯނުތަކަށް ގެލެކްސީ އޭއައި ފީޗާތައް ގެނެސްދޭނެ ކަމަށެވެ.

ސެމްސަންގް ގެލެކްސީ ޓެބް އެސް9 ސީރީޒް ވެސް ވަން ޔޫއައި 6.1 އަށް އަޕްޑޭޓްކޮށްލުމުން، ގެލެކްސީ އެސް24 ލައިންއަޕްގައި ލިބެން ހުރި އާ އޭއައި ފީޗާތަކަށް ސަޕޯޓް ދޭނެކަމަށް އެ އިއުލާންގައި ބުނެފައިވެއެވެ.

އެ ކުންފުނީގެ ކުރީގެ ފޯނުތަކާއި ޓެބްލެޓްތަކަށް ވަންނަ ފުރަތަމަ ގެލެކްސީ އޭއައި ފީޗާއަކީ ސާކަލް ޓު ސާޗެވެ. މި ފީޗާގެ ސަބަބުން ގޫގުލްއިން ސާޗް ކުރުމަށް ފޮޓޯތަކުގައިވާ އެއްޗެހިތަކާއި ޓެކްސްޓްތައް ވަށައިގެން ބޮޅެއް އަޅައިލުމުންނާއި، ހައިލައިޓްކޮށް، ނުވަތަ ސެލެކްޓް ކޮށްލުމުން އަމިއްލައަށް ސާޗްވާނެއެވެ. ސެމްސަންގުން މި ފީޗާ ތައާރަފުކުރީ މިދިޔަ މަހު ގެލެކްސީ އެސް24 ސީރީޒްއާ އެކުއެވެ.

ކުރިއަށް އޮތް އަޕްޑޭޓްގައި އެ ކުންފުނީގެ އިންބިލްޓް އެޕްލިކޭޝަންތަކުގެ ތެރޭގައި ފޯނު ކޯލްތަކަށް ލައިވް ޓްރާންސްލޭޓް ކުރުމާއި ޗެޓް އެސިސްޓް ބޭނުންކޮށްގެން 13 ބަހަކުން މެސެޖް ކުރުމާއި ރިއަލް ޓައިމް ޓްރާންސްލޭޝަނަށް އިންޓަޕްރެޓާ މޯޑެއް އިތުރުކުރުން ވެސް ހިމެނޭނެއެވެ.

ސެމްސަންގް ނޯޓްސް، ސެމްސަންގް އިންޓަނެޓް އަދި ރެކޯޑާ އެޕްލިކޭޝަންތަކަށް ވެސް ނޯޓް އެސިސްޓް، ބްރައުޒިން އެސިސްޓް އަދި ޓްރާންސްކްރިޕްޓް އެސިސްޓް ފީޗާތަކަށް ވެސް ސަޕޯޓް ލިބޭނެއެވެ.

މިހާރު ވެސް އެ ކުންފުނީގެ ކުރީގެ ގެލެކްސީ ސްމާޓްފޯނާއި ޓެބްލެޓްތަކަށް ޖެނެރޭޓިވް އޭއައި ޕަވާޑް ފީޗާތައް ބައެއް ހިސާބުތަކަށް ލިބެމުން އަންނައިރު، ޖެނެރޭޓިވް އެޑިޓް މެދުވެރިކޮށް ފޮޓޯތަކުގައި "ރީސައިޒް، ރީޕޮޒިޝަން ނުވަތަ ރީއެލައިން އޮބްޖެކްޓްސް" ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އިންސްޓަންޓް ސްލޯ-މޯއިން އޮޓޮމެޓިކުން އިތުރު ފްރޭމްތައް އުފައްދައި، ރެގިއުލާއިން ސްލޯ-މޯޝަން ވީޑިއޯތައް ވެސް އުފެއްދޭނެއެވެ.

ސެމްސަންގުން ބުނީ އެންޑްރޮއިޑް 14 އަށް ބިނާކޮށް އުފައްދާ ވަން ޔޫއައި 6.1 އަޕްޑޭޓް އަންނަ މާޗު މަހުގެ ނިޔަލަށް ގެލެކްސީ އެސް23 ލައިންއަޕާއި ގެލެކްސީ ޒެޑް ފޯލްޑް 5 އަދި ގެލެކްސީ ޒެޑް ފްލިޕް 5 އަދި ގެލެކްސީ ޓެބް އެސް9 ސީރީޒަށް ތައާރަފުކުރާނެ ކަމަށެވެ.

އެސް24 ސީރީޒްގެ ބައެއް ގެލެކްސީ އޭއައި ފީޗާތައް ކުރީގެ މޮޑެލްތަކުގައި ސަޕޯޓް ނުކުރެވިދާނެ ކަމަށާއި ބައެއް ފީޗާތަކަށް އިންޓަނެޓް ކަނެކްޝަނަކާއި ސެމްސަންގް އެކައުންޓެއް ނުވަތަ ކުންފުނީގެ އިންބިލްޓް އެޕްލިކޭޝަންތަކެއް ބޭނުންވާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

comment ކޮމެންޓް