ތަފާތު ކުލަތަކުގެ ''ގެލެކްސީ ރިންގް'' މިއަހަރު ފަހުކޮޅު ތައާރަފު ކުރަނީ

ސްމާޓްފޯނާއި، އެފަދަ އެހެނިހެން ޑިވައިސްތައް އުފެއްދުމުގައި ދެކުނު ކޮރެއާގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ސެމްސަންގުން އެ ކުންފުނީގެ "ގެލެކްސީ ރިންގް" އެކި ކުލަތަކުން ލިބެން ހުންނަ ގޮތަށް، މި އަހަރު ފަހުކޮޅު ނެރެން ނިންމައިފިއެވެ.

ޓެކް ރިޕޯޓެއްގައި ވާގޮތުން ސެމްސަންގުން ވަނީ ތިން ކުލައެއްގެ "ގެލެކްސީ ރިންގް" ތައާރަފުކުރަން ނިންމައިފައެވެ.

އަނގޮޓިއެއްގެ ގޮތަށް އޮންނަ މި އާދަޔާ ޚިލާފު ޑިވައިސްއަކީ ސިއްހީ އަދި ފިޓްނަސް ޓްރެކާތައް ހުންނާނެ ޑިވައިސްއެއް ކަމަށް ބެލެވެއެވެ. މިފަދަ އެހެނިހެން ޑިވައިސްތައް ފަދައިން ގެލެކްސީ ރިންގަށް ވެސް ސިއްހީ މައުލޫމާތު ދެނެގަތުމަށް ފޯނާ ގުޅައިލެވޭނެ އެޕްލިކޭޝަނެއް ބޭނުންވާނެ ކަމަށް ބެލެވެއެވެ.

ސެމްސަންގް ގެލެކްސީ ރިންގުގެ ޕްރޮޓޯޓައިޕް ތަޖުރިބާކުރުމުގެ ފުރުޞަތު ލިބިފައިވާ ކަމަށް ބުނާ ޓެކް އެނަލިސްޓް "އަވީ ގްރީންގާޓް"އާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވަނީ މި ޑިވައިސްއަކީ ވަރަށް ލުއި ޑިވައިސްއެއް ކަމަށްވާއިރު، މި ޑިވައިސް ގިނަ ސައިޒުތަކުން ލިބެން ހުންނާނެ ކަމަށެވެ.

ސެމްސަންގުން ގެލެކްސީ ރިންގް މި މަހުގެ ކުރީކޮޅު ގެލެކްސީ އަންޕެކްޑް އިވެންޓުގައި ދައްކާލައިފައިވާއިރު، އެ އިވެންޓްގައި ރިންގް ދައްކާލައިފައިވަނީ ހެލްތު ޑިވައިސްއެއްގެ ގޮތުގައެވެ.

ގެލެކްސީ ރިންގްގައި މީހާގެ ސިއްޙީ މައްސަލަތައް ޓްރެކްކޮށް، ޖިސްމާނީ ހަރަކާތްތައް ރެކޯޑް ކުރުމަށް ގިނަ ސެންސަރުތަކެއް ހަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ތެރެއިން ބައެއް ސެންސަރުތައް ޓީޒާ ވީޑިއޯއިން ފެންނައިރު، އެ ކުންފުނިން ވަނީ މިއީ ވަރަށް ފުރިހަމަ، ބޭނުންކުރަން ފަސޭހަ، އެކިޔުރެސީ މަތި، ބަލަން ވެސް ރީތި ޑިވައިސްއެއް ކަމަށް ބުނެފައެވެ.

comment ކޮމެންޓް