ފަނޑިޔާރުންނަށް އިނާޔަތް ދޭ ބިލާއެކު ހޫނު ބަހުސްތަކެއް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން. -- ފޮޓޯ | މަޖިލިސް

މަގާމުން ވަކިވެފައިވާ ފަނޑިޔާރުންނަށް އިނާޔާތް ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާޙު ގެނައުމަށް ހުށަހެޅި ބިލަށް ރައްޔިތުންގެ މަޖިލީހުގައި ހޫނު ބަހުސްތަކެއް ކޮށްފި އެވެ.

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު އެވެ. މިއަދު ފުރަތަމަ ކިޔުން އިއްވައި އިބްތިދާއީ ބަހުސް މަރުހަލާވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ބަހުސް މަރުހަލާގައި ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރުން އެ ބިލާ މެދު ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި އެވެ. ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމްގެ މެމްބަރުން ބިލަށް ތާއީދުކޮށް ބިލާ އެއްކޮޅަށް ވާހަކަ ދެއްކެވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ފަނޑިޔާރުގޭގެ މައްސަލައަކީ ދިވެހި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އޮތް މައްސަލައެއް ކަމަށެވެ. އަދި މަޖިލީހުގެ ދައުރު ނިމެންވެފައި ވަނިކޮށް އިނާޔަތްތަކާ ބެހުން ގަބޫލު ނުކުރެވޭ ކަމަށް އިވާ ވިދާޅުވި އެވެ.

"މިވަރަށް މެންޑޭޓް ގެއްލިފައި އޮތް ރައްޔިތުންގެ މަޖިލީހަކުން މިހާ އަވަސް ކޮށްލައިގެން ފާސްކުރަން އުޅުމަކީ ކޮށްގެން ނުވާނެ ކަމެއް." އީވާ ވިދާޅުވި އެވެ.

މަޖިލީހުގެ ދަނގެތި ދާއިރާ މެމްބަރު އިލްހާމް އަހުމަދު ވަނީ އެ ބިލަށް ތާއީދު ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. އިލްހާމް ވިދާޅުވީ ވަކި ބަޔަކަށް އިނާޔަތް ލިބިފައި އަނެއް ބަޔަކަށް އިނާޔަތް ނުލިބޭ ގޮތަށް އޮތުމަކީ މައްސަލައެއް ކަމަށެވެ.

"ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް މިދައުރުތެރޭގައި އަޅުގަނޑުމެން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކެއް އަދާކުރާނެ. އަޅުގަނޑުމެންގެ ތެރެއިން ވަކި ބަޔަކު ބިލު ލީމަ އެބިލު ރަނގަޅުވޭ. އަނެއްބަޔަކު ބިލު ލައިފިއްޔާ އެއީ ރައްޔިތުންނަށް ގުޅޭ އެއްޗެއް ނޫން." އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އަތުވެއްޖެ ނަމަ އަބަދުވެސް ފެންނަނީ ފަނޑިޔާރުންނަށް ކޮންމެވެސް ގޯނާއެއް ކުރާ މަންޒަރު ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ 18 ވަނަ މަޖިލިސް ނިމެން ދާއިރު އަބަދުވެސް އިވެނީ އިނާޔަތާއި ހިމާޔަތުގެ ވާހަކަ ކަމަށެވެ. އެއީ ދިވެހި ރައްޔިތުންނަށް ހޯދައިދޭން ޖެހޭ އެއްޗެއް ނަމަވެސް ފެނިގެން ދަނީ ވަކި މީހަކަށް އިނާޔަތް ހޯދަން މަސައްކަތް ކުރާތަން ކަމަށް ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީވެސް ވަނީ މިއަދު ހުށަހެޅި ބިލާ ގުޅިގެން ފަނޑިޔާރުންނަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ. އިންތި ވިދާޅުވީ 19 ވަނަ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަށް ރައްޔިތުން ދިން ވޯޓަކީ ފަނޑިޔާރުގެ އިސްލާހު ކުރުމަށް ދިން ވޯޓެއް ކަމަށެވެ.

"އަޅުގަނޑުމެން ދޭނަން ފަނޑިޔާރުންނާ ހައްގުވާ އިނާޔަތާއި ހިމާޔަތާއި ހުރިހާއެއްޗެއްވެސް. ފަނޑިޔާރުގެ މިނިވަން ކުރާނަން އަޅުގަނޑުމެން. އަޅުގަނޑުމެން މިއުޅެނީ ފަނޑިޔާރުގެއާ ޖައްސާކައް ނޫން. އަޅުގަނޑުމެން ލޯބިވަނީ ފަނޑިޔާރުގެ ދެކެ." އިންތި ވިދާޅުވި އެވެ.

ގާނޫނޫއަސާސީއާ ކަނޑައެޅިގެން ހިލާފުވާ "މުޖުރިމުން" ތިބި ފަނޑިޔާރުގެއެއް ރާއްޖޭގައި މިހާރު އޮތް ކަމަށް އިންތި ވަނީ ވިދާޅުވެފަ އެވެ. އިންތި އެހެން ވިދާޅުވުމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ، އެގޮތަށް ވާހަކަ ނުދެއްކެވުމަށް އިންތިއަށް އިލްތިމާސް ކުރައްވައިފަ އެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ފަނޑިޔާރުންނަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ފަނޑިޔާރުގެއަށް ފާޑުކިޔާތީ އެމްޑީޕީއަށް ބަހުގެ ހަމަލާތަކެއް އަދުރޭ ރައްދު ކުރެއްވި އެވެ. އަދުރޭ ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމު ފުނޑާލުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތަކީ ރައްޔިތުންގެ ލޯމަތިން ފެންނަން ހުރި ކަންކަން ކަމަށެވެ.

"އެމީހުންގެ [އެމްޑީޕީގެ] އިންސާފުވެރިކަމެއް ނުހުންނާނެ އޯގާތެރިކަމެއް ނުހުންނާނެ. ހިތުގަ ރަހުމެއް ނޯންނާނެ. އެެއީ އެމްޑީޕީ ދަންނަ ސިފަތަކެއް ނޫން. އަޅުގަނޑު މި ބިލާ އެއްކޮޅު އެއްކޮޅު އެއްކޮޅު." މޭޒުގައި އަތް ޖައްސަވަމުން އަދުރޭ ވިދާޅުވި އެވެ.

މަގާމުން ވަކިވެފައިވާ ފަނޑިޔާރުންނަށް އިނާޔަތްތަކެއް ދޭން ހުށަހެޅި އިރު މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ބޭފުޅުންނަށް ވެސް އިތުރު އިނާޔަތްތަކެއް ހޯދަން މިހާރު ވަނީ މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ. އެކަމާ ގުޅިގެން ވެސް ފާޑުކިޔުން އެބަ އޮތެވެ.

comment ކޮމެންޓް