އެމްޓީސީސީން ދޭ ބަސް އަދި ފެރީގެ ހިދުމަތްތައް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެއްވެސް އަގަކާ ނުލައި ހިލޭ ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި މިގޮތަށް ހަމަޖެއްސީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައު ތެރޭގައި ބާރުވެރިކޮށް، އެފަރާތްތަކަށް ލިބޭ ހިދުމަތްތައް ލުއިފަސޭހަކޮށްދިނުމަށެވެ.
އެގޮތުން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުން، އެ އޭޖެންސީން ފޯރުކޮށްދޭ ހާއްސަ ކާޑު ދެއްކުމުން އެމްޓީސީސީގެ ދަތުރުފަތުރުގެ ހިދުމަތް ހިލޭ ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.
"އެމްޓީސީސީގެ ފެރީ ގިމަތައާއި ފެރީތަކާއި ހުޅުމާލޭގައި ދުއްވާ ބަސްތައްވެސް ފަރުމާކުރެވިފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، އަދި ހާއްސަކޮށް ފިޒިކަލް ޑިސްއެބިލިޓީ ހުންނަ ފަރާތްތަކަށް އަރައި ފޭބުމަށް ފަސޭހަވާނެ ފަދަ ގޮތަކަށް،" އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ދަނީ ހުޅުމާލޭގެ އެތެރޭގައި، އަދި ހުޅުމާލެއާ ހުޅުލެއާ ދެމެދު ބަހުގެ ހިދުމަތް ދެމުންނެވެ.
އަދި މާލެއާއި ހުޅުމާލެ އަދި މާލެއާއި ވިލިމާލެއާ ދެމެދު ފެރީގެ ހިދުމަތުގެ އިތުރުން ރާއްޖޭގެ ޒޯން 1، ޒޯން 2، ޒޯން 3، ޒޯން 5 އަދި ޒޯން 6 ގައި ގެރީގެ ހިދުމަތް ދެއެވެ.
އެކުންފުނިން ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެފަރާތްތަކަށް މުޖުތަމައުތެރޭގައި ފުރުސަތުތައް ފަހިކޮށް ދިނުމަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.