ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން، ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު)ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިރާގު ރޯޑް ރޭސް މި ފަހަރު ބާއްވަނީ ފުވައްމުލަކު ސިޓީގައި ކަމަށްވާއިރު މިއީ، އެ ސިޓީގައި މި ރޭސް ބާއްވާ ފުރަތަމަ ފަހަރެވެ.
އެ ރޭހުން 1500 ޖާގައަށް ރެޖިސްޓާ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ވެބްސައިޓް މެދުވެރިކޮށެވެ.
ދިރާގުން މިއަދު ބޭއްވި ޕޮރެސް ކޮންފެރެންސްގައި ބުނީ ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ބާއްވާ މި ތާރީޚީ ދުވުން ބާއްވަން ހަމަޖެހިފައިވަނީ މޭ މަހުގެ ދެވަނަ ދުވަހު ކަމަށެވެ.
ދިރާގުން ބުނީ މި ރޭސް ފުވައްމުލައް ސިޓީގައި ބޭއްވި ނަމަވެސް އޮކްޓޯބަރު 24ގައި ހުޅުމާލޭގައި ވެސް ބާއްވާނެ ކަމަށެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭސްއިން ދޭން ހަމަޖެހިފައިވާ އިނާމުތައް:
ހާފް މެރަތަން (18 އަހަރުން މަތި)
- އެއްވަނައަށް - 25،000 ރުފިޔާ
- ދެވަނައަށް - 15،000ރުފިޔާ
- ތިންވަނައަށް- 10،000ރުފިޔާ
10 ކިލޯމީޓަރުގެ ދުވުން (16 އަހަރުން މަތި)
- އެއްވަނައަށް 10،000 ރުފިޔާ
- ދެވަނައަށް - 8،000 ރުފިޔާ
- ތިންވަނައަށް- 6،000 ރުފިޔާ
ފަސް ކިލޯމީޓަރުގެ ދުވުން
- އެއްވަނައަށް - 10،000 ރުފިޔާ
- ދެވަނައަށް - 8،000 ރުފިޔާ
- ތިންވަނައަށް - 6،000 ރުފިޔާ
ފަސް ކިލޯމީޓަރު (13 އަހަރުން ދަށް)
- އެއްވަނައަށް 5،000 ރުފިޔާ
- ދެވަނައަށް -3،000ރުފިޔާ
- ތިންވަނައަށް 1،000ރުފިޔާ
ފަސް ކިލޯމީޓަރު (13 އަހަރުން މަތި)
- އެއްވަނައަށް 5،000 ރުފިޔާ
- ދެވަނައަށް -3،000ރުފިޔާ
- ތިންވަނައަށް 1000ރުފިޔާ
ދިރާގުން ބުނީ ފުވައްމުލަކުގެ ދުވުން ވެސް ކުރިއަށްގެންދާނީ އެހެން ދުވުންތަކާ އެއްގޮތަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ކަމަށެވެ. އެގޮތުން މިހާރު ހުޅުމާލޭގައި އޮންނަނީ ބައިނަލްއަގުވާމީ ގޮތުން ސެޓިފައި ކޮށްފައިވާ ރޫޓެއްކަމަށާއި އެފަދަ ދެވަނަ ރޫޓަކަށް ވާނީ ފުވައްމުލަކު ސިޓީގައި އޮންނަ ރޫޓްކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ބުނީ މި ރޭހުގެ ތައްޔާރީތައް މިދިޔަ އަހަރުގެ ކުރީކޮޅުން ފަށައިފައިވާ ކަމަށެވެ. އަދި މި ރޭހުގެ މަގުސަދަކީ، އަތޮޅުތެރޭގައި ފުރަތަމަ ފަހަރަށް ބާއްވާއިރު ބައިވެރިންނަށް ރަނގަޅު ތަޖުރިބާއެއް ދިނުންކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެއިތުރުން ފުވައްމުލަކަކީ ދުވުންތެރިންނަށް ވަރަށް ހިތްގައިމު މަންޒިލަކަށް ވާނެ ކަމަށާއި މި ދުވުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ބައިވެރިން ދާނެ ކަމުގެ އުއްމީދު އޮތް ކަމަށް ވެސް ވަނީ ދިރާގުން ވަނީ ފާހަގަކޮށްފައެވެ.
މި ދުވުން މާލޭގެ އިތުރުން ފުވައްމުލަކުގައި ބާއްވައި، ޑީއެމްއެމްއާރު ފުޅާ ކުރުމަކީ ދުޅަހެޔޮ، ހީވާގި މުޖުތަމައެއް ބިނާކުރުމަށާއި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ދިރާގުން އިސް ނަގައިގެން ކުރަމުން އަންނަ ބުރަ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.