ޑޮލަރު ވިއްކި ފައިސާއަށް ވީގޮތް ބަލަންޖެހޭ: ރެޑްވޭވް ސަލީމް

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް --- ފޮޓޯ މަޖިލިސް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓުގައި ވިޔަފާރިވެރިންގެ އަގު ވައްޓާލާފައިވާ ކަމަށާއި ވިޔަފާރިވެރިން ކުރިހައިވެސް ކަމަކީ އެ ކުންފުނިން ޑޮލަރު ގަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ސަލީމް މިއަދު ވިދާޅުވީ ވިޔަފާރިވެރިން ޑޮލަރު ގަތުމަކީ ހިޔާނާތެއް ނޫން ކަމަށެވެ. ވިޔަފާރިވެރިންގެ ނަންތައް ރިޕޯޓުގައި އާންމު ކޮށްފައިވާތީ ސަލީމް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"އެބުނާ ޑޮލަރެއް ގަތް މައްސަލާގައި އެބަހިމެނޭ މި ގައުމުގައި އޮތް ހުރިހާ ބޮޑެތި ކުންފުނިތަކެއް. އެމީހުންނަށް ކޮން އެއްޗެއްތޯ އެނގޭނީ އެސްއޯއެފް އަށް ވަންނަ ޑޮލަރަކީ ދައުލަތުން ވަގަށް ނަގައިގެން އުޅޭ އެއްޗެއް ކަމަށް؟ އެ ފައިސާ މާރުކޮށްފައި ދިން މީހުން ކޮބައިތޯ؟ އެމީހުން ނޫންތޯ ހޯދަންވީ؟ އެ ޑޮލަރު ވިއްކީ އެ ފައިސާ މާރު ކުރާށޭ. އެ ފައިސާ މާރުކޮށްގެން ލިބުނު ދިވެހި ފައިސާތައް ވަން ދިމާލެއް ހޯދަންވީ، އެއީ ހޯދަންވީ ބަޔަކީ" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ނުހައްގުން މުއްސަނދިކަން ހުއްޓުވުމަށް ގާނޫނެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށާއި މިހާރު ހުށަހަޅާފައިވާ ބިލަށް ޖުމްލަ ގޮތެއްގައި ތާޢީދު ކުރައްވާ ކަމަށެވެ. މައްސަލަ އުފެދިގެން އަންނަނީ ގާނޫނު އުފެދުމަށްފަހު ގާނޫނުގެ ނާޖާއިޒު ފައިދާ އެއިރަކު އޮންނަ ސަރުކާރަކުން ނަގާތީ ކަމަށް ސަލީމް ވިދާޅުވިއެވެ.

"ސަރުކާރުން ފިޔަވަޅު އަޅަނީ ސަރުކާރުން ބޭނުންވާ މީހުންގެ މައްޗަށް" ކަމަށާއި އެއްވެސް ސަރުކާރެއްގައި އިހުލާސްތެރިކަމެއް ނެތް ކަމަށް ސަލީމް ވިދާޅުވިއެވެ.

comment ކޮމެންޓް