ސުޕްރީމް ކޯޓު ބެންޗުގައި ތިއްބަވާ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކޮށް، ބެންޗު ފަސް ފަނޑިޔާރުންނަށް މަދުކުރުމުގެ ބިލަށް ވެރިކަން ކުރާ ޕީއެންސީގެ ހުރިހާ މެންބަރުން ވެސް ތާއިދު ކުރުމަށް އެ ޕާޓީގެ ލީޑާޝިޕުން މިރޭ އަންގައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ސަރުކާރުގެ ފަރާތުން، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ބިލެއް ހުށަހެޅުއްވީ މިއަދެވެ. އެ ބިލުގެ އިބުތިދާއީ ބަހުސްވަނީ މާދަމާއަށް އެޖެންޑާކޮށްފައެވެ.
އެ ބިލާ ގުޅޭ ގޮތުން، ޕީއެންސީ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އެ ޕާޓީގެ ޕީޖީގެ ވަޓްސްއެޕް ގުރޫޕަށް މިރޭ ފޮނުއްވި މެސެޖެއްގައިވަނީ، އެ ބިލު މަޖިލީހުން ބަލައިގެން އެ ބިލަށް ޕީއެންސީގެ ޕީޖީން ތާއީދު ކުރާން ޕީއެންސީ ލީޑާޝިޕުން ނިންމައިފައިވާ ކަމަށެވެ.
އެހެންވެ، ޕީއެންސީގެ ހުރިހާ މެންބަރުން ވެސް އެ ބިލަށް ތާއިދުކޮށް، ބަހުސް މަރުހަލާގައި ވެސް ބިލަށް ތާއީދުކޮށް ވާހަކަ ދެއްކެވުމަށް ފަލާހުވަނީ އެދިވަޑައިގެންފައެވެ.
މަޖިލީހުގައި ޕީއެންސީއަށް ސުޕަމެޖޯރިޓީ އެބައޮތެވެ. އެހެންވެ، ގާނޫނަށް ބަދަލު ގެނެސްގެން އެ ޕާޓީއަށް ފަނޑިޔާރުން ވަކިކުރެވޭނެއެވެ.
އެހެންނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ޕީއެންސީގެ ގިނަ މެންބަރުންތަކެއް ދެކޮޅު ހަދައިފައިފައިވާ ކަމަށް "ސަން"އަށް ވަނީ މައުލޫމާތު ލިބިފައެވެ. އެކަން ހާމަވީ، ޕީއެންސީގެ ޕީޖީން މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.
އެ ގޮތުން ބިލާ ދެކޮޅަށް ވާހަކަދެއްކެވި މެންބަރުންގެ ތެރޭގައި:
- ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް
- ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް
- މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް
- މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު
- ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން
- ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް
- ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް
'ސަން'އަށް އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ގިނަ މެންބަރުން ވަނީ ފާޅުގައި އެ ބިލަށް ދެކޮޅު ހަދައިފައެވެ. އެހެންނަމަވެސް ސަރުކާރުން ބޭނުންވާ ގޮތަކަށް ބިލުގެ މަސައްކަތް ކުރިއަށްގެންދަން ގިނަ މެންބަރުން އެއްބަސްވެފައިވާ ކަމަށް "ސަން"އަށް މައުލޫމާތު ލިބިފައިވެއެވެ.
ޕީއެންސީން އެ ބިލު ހުށަހަޅައިފައިވަނީ، ޕާޓީން ވަކިކުރާ ނުވަތަ އަމިއްލައަށް ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް މި މަޖިލީހުން ފާސްކުރި އިސްލާހާ ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފައިވަނިކޮށެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބަލަމުން ދަނިކޮށް މިފަދަ ބިލެއް ހުށަހެޅުމަކީ ޖުޑިޝަރީއަށް ނުފޫޒު ފޯރުވައި، ބިރު ދެއްކުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަކޮށްފައެވެ.
އެ ތުހުމަތުތަކަށް ރައްދު ދެމުން ޕީއެންސީން ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ކަނޑާލުމުގެ ބިލެއް ހުށަހެޅިޔަސް އެއީ މަޖިލިސް ހަތިޔާރަކަށް ބޭނުންކުރުން ނޫން ކަމަށާއި އެފަދަ ވާހަކަތައް ބަލައެއްނުގަނެވޭނެ ކަމަށް ބުނެފައެވެ.