ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބިލުގެ އިބްތިދާއީ ބަހުސް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ސުޕްރީމް ކޯޓު ބެންޗުގައި ތިއްބަވާ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކޮށް، ބެންޗު ފަސް ފަނޑިޔާރުންނަށް މަދުކުރަން އިއްޔެ ބިލެއް ވަނީ ހުށަހަޅާފައެވެ. އެ ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.
އެ ބިލުގެ ބަހުސް ފެށުމަށް މާދަމާގެ އެޖެންޑާގައި ވަނީ ހިމަނައިފައެވެ.
މާދަމާގެ އެޖެންޑާގައި ވަނީ، ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ހުށަހަޅައިފައިވާ މައްސަލަ ވެސް ހިމަނައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސުޕްރީމް ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރަން ހުށަހެޅީ، ޕީއެންސީން ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަނިކޮށެވެ. އެއީ، އެ މައްސަލައަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.
މަޖިލީހުގައި ޕީއެންސީއަށް ސުޕަމެޖޯރިޓީ އެބައޮތެވެ. އެހެންވެ، ގާނޫނަށް ބަދަލު ގެނެސްގެން އެ ޕާޓީއަށް ފަނޑިޔާރުން ވަކިކުރެވޭނެއެވެ.
އެ ބިލާ ގުޅޭ ގޮތުން ޕީއެންސީން މިއަދު ޕީޖީ ބައްދަލުވުމެއް ބާއްވައިފައި ވެސްވެއެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ގިނަ މެންބަރުން ވަނީ ފާޅުގައި އެ ބިލަށް ދެކޮޅު ހަދައިފައެވެ. އެހެންނަމަވެސް ސަރުކާރުން ބޭނުންވާ ގޮތަކަށް ބިލުގެ މަސައްކަތް ކުރިއަށްގެންދަން ގިނަ މެންބަރުން އެއްބަސްވެފައިވާ ކަމަށް "ސަން"އަށް މައުލޫމާތު ލިބިފައިވެއެވެ.