އަމިއްލަ ގޮތުން ވާދަ ކުރަައްވަން ރުކުމާ ފޯމު ހުށަހަޅުއްވައިފި

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވަނީ --

އަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވައިފި އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އެމްޑީޕީން ވަކިވެވަޑައިގެންނެވި ރުކުމާ އަމިއްލަ ގޮތުން ވާދަ ކުރައްވަން ފޯމު ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާ އަށެވެ.

މިއަދު ރުކުމާ ފޯމު ހުށަހެޅުއްވި އިރު އޭނާއަށް ތާއީދު ކުރާ ހެންވޭރު ދެކުނު ދާއިރާގެ ބައެއް ރައްޔިތުން ވަނީ އޭނާއާ އެކު އިލެކްޝަންސް ކޮމިޝަނަށް ގޮސްފަ އެވެ. އެ މީހުންނާ އެކު ނަގާފައި ހުރި ފޮޓޯއެއް ޓްވީޓު ކުރައްވައި ރުކުމާ މިއަދު ވިދާޅުވީ، ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައިވާ ގޮތުން ދައުލަތުގެ ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ ވެސް ދެމި އޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށެވެ.

ރުކުމާ ވަނީ އެމްޑީޕީގެ ހެންވޭރު ދެކުނު ދާއިރާގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެވަޑައިގެންފަ އެވެ. އެ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ހުސައިން ޝަމީމް (އަނދުން ހުސައިން) އެވެ.

ޕްރައިމަރީން ވާދަކޮށް ނާކާމިޔާބުވި ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް 2016 ވަނަ އަހަރު އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ދާދި ފަހުން ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. އަދި ޕްރައިމަރީން ނާކާމިޔާބުވި ކެންޑިޑޭޓުންނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ދިނުމަށް އެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އެމްޑީޕީން މަޖިލިސް އިންތިހާބުގެ ޕްރައިމެރީ ކުރިއަށް ގެންދިޔަ ގޮތާ މެދު ރުކުމާ މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާ ވިދާޅުވީ ޕްރައިމެރީގައި ޕާޓީގެ ބައެއް ވަޒީރުންނާއި އިސް ބޭފުޅުން އެނާއާ ދެކޮޅަށް ކެމްޕެއިން ކުރެއްވި ކަމަށެވެ. އަދި ވޯޓުލީ ދުވަހު ވެސް އޭނާގެ ނަމުގައި އޭނާގެ ފޯނު ނަމްބަރުން ދާއިރާގެ ރައްޔިތުންނަށް ނަފުރަތުގެ މެސެޖްތަކެއް ފޮނުވާފައިވާ ކަމަށާއި ދަތިތަކެއް ކުރިމަތި ކުރުވި ކަަމަށް މީގެ ކުރިން ވިދާޅުވި އެވެ.

comment ކޮމެންޓް