މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރަކަން ރިޔާޒު ރަޝީދަށް

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރު ރިޔާޒު ރަޝީދު --- ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރަކަށް ހުންނެވި ސ، މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ނަން ނެގުމުން، އެ ކޮމެޓީގެ މުގައްރިރަކަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު އައްޔަނު ކުރައްވައިފި އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރަކަށް ޖުމްހޫރީ ޕާޓީގެ ރިޔާޒު އައްޔަން ކުރެއްވީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ވޯޓާ އެކު، ޖުމްލަ ހަތް ވޯޓުންނެވެ. އެގާރަ މެމްބަރުން ތިއްބަވާ އެ ކޮމެޓީގައި ދެން ތިއްބަވަނީ އެމްޑީޕީގެ ތިން މެމްބަރުންނާއި އެމްޑީއޭގެ މެމްބަރެކެވެ.

ރޮޒައިނާގެ ނަން އެ ކޮމެޓީން މިއަދު ނެގި އިރު އޭނާ މުގައްރިރުގެ މަގާމުން ވަކިކުރުމަށް އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ވަނީ ހުށަހަޅައިފަ އެވެ.

ރޮޒައިނާ ވަކި ކުރުމަށް ޕީޕީއެމް ކޯލިޝަނުން ހުށަހަޅާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކަޅު ފައިސާ ދޮވުމުގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ބެހެއްޓުމަށް ހުކުމް ކުރި މައްސަލާގައި ޕްރޮސިކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް އަދި އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކުރަން ހުށަހެޅި މައްސަލަ ނުބަލަން ރޮޒައިނާ ނިންމެވުމުންނެވެ.

އެ މައްސަލަ ނުބެލުމަށް ނިންމާފައި ވަނީ ޝަރީއަތުގައި އޮތް މައްސަލައަކަށް ވުމުން ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ.

ރޮޒައިނާގެ ބަދަލުގައި އެ ކޮމެޓީއަށް އަށް އައްޔަނު ކޮށްފައި ވަނީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

comment ކޮމެންޓް