ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރަތައް ކުޑަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް މި ވަގުތު އެކަން ކުރެވެން ނެތް ކަމަށް ލަފާދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 44 މެންބަރުންގެ އިއްތިފާގުން ވަނީ އެގޮތަށް ފާސްކޮށްފައެވެ. ނަމަވެސް ސަރުކާރާ އިދިކޮޅު އެއްވެސް މެންބަރަކު ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.
ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ތެރެއިން ބައެއް މުވައްޒަފުންގެ މުސާރަތައް ކުޑަކުރަން ރައީސް ވަނީ ނިންމަވާފައެވެ. ރައީސް އިއުލާނުކުރެއްވި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
- ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 އިންސައްތަ އުނިކުރަން
- މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރަން
- ޝަރުއީ ދާއިރާގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރުން
- މެންބަރުންގެ މުސާރައިގެ 10 އިންސައްތަ އުނިކުރުން
- ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ގިނަވެގެން ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން
- ރައީސްގެ މުސާރައިގެ 50 އިންސައްތަ ނުނަންގަވަން ނިންމެވުން

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: އެ ކޮމިޓީން ނިންމީ މުސާރަތައް ބޮޑުކުރެވެން ނެތް ކަމަށް ލަފާދޭން -- ފޮޓޯ/ މަޖިލީސް
އެ އިސްލާހީ ފިޔަވަޅުތަކާ ގުޅޭ ގޮތުން މިމިދިޔަ ހަފުތާގެ އަންގާރަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީން ނިންމީ މިހާރު ގާނޫނު އޮތް ގޮތުން ރައީސް ނިންމެވި ގޮތަށް މުސާރަތައް ކުޑަކުރެވެން ނެތް ކަމަށް ލަފާދިނުމަށެވެ. އެ ގޮތަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. އެ ހުށަހެޅުމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު ތާއީދުކުރެއްވިއެވެ. ކޮމިޓީން އެ ހުށަހެޅުން ފާސްކުރީ ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބޭރުގެ މާލީ އިދާރާތަކުން ވެސް އަންނަނީ ޚަރަދުތައް ކުޑަކުރަން ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ. އެހެން އެކަން އޮއްވައި ވެސް ޚަރަދުތައް ކުޑަވާތަން ނުފެންނަކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ.

މާލިއްޔަތު ކޮމިޓީގައި ނާޒިމް ވާހަކަދައްކަވަނީ--- ފޮޓޯ/ ސަން
މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް ވަނީ އެ ކަންބޮޑުވުން މީގެކުރިން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި މިދިޔަ މަހު ވެސް ދައުލަތަށް ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އަދި، ޚަރަދު ވެސް ކުޑަވާތަން ނުފެންނަކަން ފާހަގަކުރައްވައި އޭނާ ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސަރުކާރުން ވަނީ ޚަރަދުތައް ކުޑަކޮށް، މާލީ އިސްލާހީ ފިޔަވަޅުތަކާ އެކު އިގުތިސާދީ ހާލަތު ރަނގަޅުވާނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.
ވަގުތު ކުޑަތަންވަމުންދާ ކަމަށް ބުނެ، ސަރުކާރުން އަޅަން ހުށަހަޅާފައިވާ މާލީ އިސްލާހީ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވެސް ވަނީ މިފަހުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގްތިސޯދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ ބައްދަލުވުމުގައި ބުނެފައެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ. އެހެންކަމުން ޚަރަދު ކުޑަކުރުން އަވަސް ކުރަންޖެހޭކަމަށް ވޯލްޑް ބޭންކުންނާއި އައިއެމްއެފުން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ.
މި ސަރުކާރުން މި އަހަރަށް ފާސްކުރި ބަޖެޓު 56.6 ބިލިއަން ރުފިޔާއަށް އަރައެވެ. އެ ބަޖެޓުގައިވަނީ، މި އަހަރު ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ކުރަންޖެހޭ ހޭދަ 9.4 ބިލިއަން ރުފިޔާއަށް ދަށްކުރެވޭނެ ކަމަށް ބުނެފައެވެ.