ޕްރައިމަރީން ބަލިވުމުން ވާދަ ނުކުރެވޭ މާއްދާ ރަނގަޅު: ދައުލަތް

ސްޕްރީމް ކޯޓު: ޕްރައިމެރީގައި ވާދަކޮށް ބަލިވުމުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހު ރަނގަޅު ކަމަށް ދައުލަތުން މިއަދުގެ އަޑުއެހުމުގައި ވަނީ ބުނެފައި --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ޕާޓީގެ އެތެރޭގެ ޕްރައިމަރީތަކުން ބަލިވާ ފަރާތްތަކަށް އަމިއްލަ ގޮތުން އިންތިހާބްތަކުގައި ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުަށް ގެނެއި އިސްލާހު ގާނޫނު އަސާސީއާ ތައާރުޒު ނުވާ ކަމަށް ދައުލަތުގެ ފަރާތުން އެޓާނީ ޖެނަރަލްގެ ވަކީލު ވިދާޅުވެއްޖެއެވެ.

ޕްރައިމަރީގައި ވާދަކޮށް ބަލިވުމުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ މާއްދާ ބާތިލުކޮށްދޭން ތިން ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ޖަވާބު ދާރީވަމުން އެޓާނީ ޖެނަރަލްގެ ވަކީލް އަލީ ޝުރައިހު ވިދާޅުވީ، ތަހުޒީބު ބޮޑެތު ޑިމޮކްރަސީތަކުގައިވެސް ޕްރައިމަރީތަކުން ބަލިވާ ފަރާތްތަކަށް ވާދަނުކުރެވޭ ގޮތަށް އޮންނަ ކަމަށެވެ.

އެގޮތުން އެމެރިކާގެ 50 ސްޓޭޓްގެ ތެރެއިން 46 ސްޓޭޓްގައި، ޕާޓީތަކުގެ ޕްރައިމަރީތަކުން ބަލިވާ ފަރާތްތަކަށް އަމިއްލަ ގޮތުން ވާދަނުކުރެވޭ ގޮތަށް ގާނޫނު ހަދާފައިވާކަން އޭޖީގެ ވަކީލު ފާހަގަކުރެއްވިއެވެ.

އެގޮތަށް ގާނޫނު ހެދުމުގެ ބޭނުމަކީ ސިޔާސީ ޕާޓީތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން މަސައްކަތްކުރުމަށް ޖާގަ ދިނުން ކަމަށް އޭޖީގެ ވަކީލު ވިދާޅުވިއެވެ. އަދި ޕަރައިމަރީތަކުގެ މަގުސަދު ހާސިލް ވާނީވެސް އެގޮތަށް އޮތުމުން ކަމަށް ވަކީލު ވިދާޅުވިއެވެ.

އެ ނުކުތާއަށް ރައްދު ދެއްވައި މައްސަލަ ހުށަހެޅި އެއް ފަރާތްކަމަށްވާ އަހްމަދު މުހައްމަދުގެ ވަކީލް މުހައްމަދު ހިލްމީ ވިދާޅުވީ، އެމެރިކާގައި އޮންނަ ފެޑަރަލް ނިޒާމާއި ރާއްޖޭގައި އޮންނަ ޔުނިޓަރީ ދައުލަތް އަޅާ ނުކިޔޭނެ ކަމަށެވެ. އަދި ވަކިވަކި ސްޓޭޓްތަކުގައި އަމަލުކުރަމުންދާ ގޮތްތަކަށް ބަލައި އެގޮތަށް ރާއްޖެއިން އަމަލުކުރަން ނުޖެހޭ ކަމަށްވެސް ހިލްމީ ވިދާޅުވިއެވެ.

ޕްރައިމަރީގައި ވާދަކޮށް ބަލިވުމުން އިންތިހާބުގައި ވާދަ ނުކުރެވޭގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހުކޮށް އިތުރުކުރި މާއްދާ ގާނޫނު އަސާސީއާ ތައާރަޒު ނުވާކަން ފާހަގަކޮށް އޭޖީގެ ވަކީލު ވިދާޅުވީ، އިންތިހާބުތަކުގައި ވާދަކުރުމަށް ކޮންމެ ފަރާތަކަށްވެސް ފުރުސަތު ހުޅުވިފައި އޮންނަ ކަމަށާއި އެގޮތުން ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކުރަން ބެނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނައިރު އަމިއްލަ ގޮތުން ވާދަކުރަން ބޭނުންވާ ފަރާތްތަކަށްވެސް ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަނުކޮށް އެ ފުރުސަތު ހުޅުވިފައި އޮންނަ ކަމަށެވެ.

އަދި ޕާޓީއެއްގެ ޓިކެޓު ހޯދުމަށް ކުރިމަތިލާ ފަރާތްތަކުން އެ ޕާޓީއެއްގެ އަސާސީ ގަވާއިދާއި ނިޒާމު ހަރުދަނާ ކުރުމަށް ހަދާފައި ހުންނަ ގާނުނުތަކަށް ބޯލަބަން ޖެހޭނެކަން އޭޖީގެ ވަކީލު ވިދާޅުވިއެވެ.

އެ ނުކުތާއަށް ރައްދު ދެއްވައި މައްސަލަ ހުށަހެޅި ދެވަނަ ފަރާތް ކަމަށްވާ އަބްދުލްމާނިއު ހުސެއިން ވިދާޅުވީ، ޕާޓީތަކުން ބާއްވާ ޕްރައިމަރީތަކުގައި ބޮޑެތި މައްސަލަތައް ހުރިކަމަށާއި އެކަން ބަލައި ރެގިއުލޭޓުކުރާނެ ދައުލަތުގެ މުއައްސަސާއެއް ނުހުންނަ ކަމަށެވެ.

ޕާޓީއަށް އިހްލާސްތެރި ފަރާތްތަކަށް ފުރުސަތު ގެއްލޭ ގޮތަށް އަލަށް ޕާޓީއަށް އަންނަ ފަރާތްތައް ބޭނުންވާ މީހަކަށް ޓިކެޓު ލިބޭ ގޮތަށް ބައެއް ޕާޓީތަކުން ޕްރައިމަރީ ބާއްވާ ކަމަށެވެ. އެގޮތުން އެ ވޯޓު ލުމަށްވެސް ބޭނުންކުރަނީ އިލެކްޝަން ކޮމިޝަނުގެ ވޯޓާސް ލިސްޓްގެ ބަދަލުގައި ޕާޓީތަކުން އަމިއްލައަށް ހަދާ ލިސްޓެއްކަން މާނިއު ފާހަގަކުރެއްވިއެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ހުށަހެޅި ތިންވަނަ ފަރާތް ކަމަށްވާ ރައިސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ އަދި ކާށިދޫ ދާއިރާއަށް ވާދަކޮށް އެމްޑީޕީ ޕްރައިމަރީގައި ނާކާމިޔާބުވި އަބްދުﷲ ޖާބިރު ވަނީ އެ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިތުރުކުރި މާއްދާ ގާނޫނާ ހިލާފު ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި މައްސަލައިގައި ހުކުމެއް ކުރެވެންދެން ޕްރައިމަރީތަކުން ނާކާމިޔާބްވި ފަރާތްތަކަށްވެސް ކުރިއަށް އޮތް މަޖިލިސް އިންތިހާބްގައި ވާދަކުރުމުގެ ފުރުސަތު ދެއްވައި ވަގުތީ އަމުރެއް ނެރެދެއްވުމަށެވެ.

ނަމަވެސް މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ އިތުރު ކަމެއް ސާފުކުރުމަށް ނެތްނަމަ ދެން އޮންނަނީ އެ މައްސަލާގައި ހުކުމްކުރުން ކަމަށެވެ.

comment ކޮމެންޓް