ނިއުރޭޑިއަންޓް ސްޕޯޓްސްއަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެދީފައިވާ ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އާއި ނިއުރޭޑިއަންޓާ ދެމެދު ވާ ކޮންޓްރެކްޓް އެފްއޭއެމް އިން އުވާލައިފިއެވެ.
ކުޅުންތެރިންނަށް މުސާރައާއި އުޖޫރަ ނުދިނުމުގެ މައްސަލައިގައި އެފްއޭއެމްގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ނިއު ސަސްޕެންޑު ކޮށްފައިވާ މި ދަނޑިވަޅުގައި މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިން ދަނީ އެ އެހެން ޓީމުތަކާ ގުޅެމުންނެވެ. އަދި ނިއުރޭޑިއަންޓާ އެކު ކޮންޓްރެެކްޓް ހަދާފައިވާ ކުޅުންތެރިންގެ ކޮންޓްރެކްޓްތައް ވެސް އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ދަނީ އުވާލަމުންނެވެ.
އިއްޔޭގެ ވަގުތެއްގައި ހޮކޭ އާއި ނިއުއާއި ދެމެދުގެ އެއްބަސްވުން އެފްއޭއެމްއިން އުވާލާފައިވާ އިރު ހޮކޭ ވަނީ ވޭތުވެ ދިޔަ ފަސް އަހަރު ނިއު ހޯދި ކާމިޔާބު ތަކުގައި ބޮޑު ދައުރެއް އަދާކޮށް އެ ޓީމުގެ ކެޕްޓަންކަން ވެސް ގިނަ މެޗު ތަކެއް ކޮށްފައެވެ.

ރާއްޖޭގެ ޤައުމީ ޓީމްގައި ހޮކޭ ކުޅެނީ --- ސަން ފައިލް ފޮޓޯ
ނިއުގެ ދިހަ ކުޅުންތެރިއަކަށް މުސާރައާއި އުޖޫރައިގެ ގޮތުގައި ޖުމުލަ 3.8 މިލިއަން ރުފިޔާ ނުދީ ވާކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ނިއު އިން ބުނީ ކުޅުންތެރިންނަށް ހަރަދު ކުރާނެ މާލީ ތަނަވަސްކަން ކުލަބުގައި ނެތް ކަމަށާއި ހުރިހާ ރުފިޔާއެއް ހަރަދު ކޮށް ނިމިފައިވާ ކަމަށެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން އެފްއޭއެމް އިން އެ ކުލަބަށް ދޭން ޖެހޭ ފައިސާ ދީފައި ނުވާ ކަމަށް އެ ކުލަބުން ބުންޏެވެ.
ހޮކޭގެ އިތުރުން ނިއުރޭޑިއަންޓަށް ގިނަ ދުވަސްތަކެއް ކުޅެދީފައިވާ ހަމްޒާ މުހައްމަދު (ހަމްޕު) އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު ދަގަނޑޭގެ އެއްބަސްވުން ވެސް މީގެ ކުރިން އެފްއޭއެމް އިން ވަނީ އުވާލާފައެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ ސީޒަނުގެ ފުރަތަމަ ކޮޅު ނިއުއަށް ކުޅުނު އަފްގާނިސްތާނުގެ ގައުމީ ޓީމުގެ ކެޕްޓަން ހާރޫން އަމީރީ އަށް ދޭން ޖެހޭ މުސާރަ ދިނުމަށް އެ ކްލަބަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ވެސް ވަނީ އަންގާފައެވެ.