މާލެއާ އެއް އަގެއްގައި ކާޑު ވިއްކުމަށް އެސްޓިއޯއިން ނާލު ދައްކައިދެނީ

އެސްޓިއޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ އެމްޑީ އަމްރު ވާހަކަ ދައްކަވަނީ ---- ސަން ފޮޓޯ: އަވްޝަން އިލްޔާސް

އޭޕްރިލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލެއާ އެއް އަގެއްގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކާޑުގެ ބާވަތްތައް ވިއްކުމުގެ ގޮތުން އެސްޓީއޯއިން ނާލު ދައްކައިދޭ ގޮތަށް ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މުހައްމަދު ވިދާޅުވެއްޖެއެވެ.

މާލެއާ އެއް އަގެއްގައި ކާޑުގެ ބާވާތްތައް ވިއްކުމާއި ގުޅޭ ގޮތުން އެސްޓީއޯގެ ހެޑް އޮޕީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުޅި ރާއްޖޭގައި އެއް އަގެއްގައި ކާޑުގެ ބާވާތްތައް ވިއްކުމަށް އެސްޓީއޯއިން ނިންމި ނަމަވެސް އެކަމުގެ ސަބަބުން އެސްޓިއޯއަށް އަދި ސަރުކާރުގެ ބަޖެޓަށްވެސް ބާރު ބޮޑު ނުވާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަދި ފައިސާ ހަރަދުކޮށްގެން ހުރިހާ ރަށަކަށް ކާޑު ގެންދިޔަ ނަމަވެސް އެ ރަށުގައި ތިބޭ ކާޑު އެޖޭންޓުން އެ ވިއްކަވަން ޖެހޭނީ ރަސްމީކޮށް އިއުލާން ކޮށްފައިވާ އަގަށް،" އަމްރު ވިދާޅުވިއެވެ.

އެސްޓީއޯއިން ނާލު ދެއްކުމަށްފަހު ރަށް ރަށަށް ކާޑު ގެންދިއުމުން އެ ރަށެއްގައި ހުންނަ އެޖެންޓް ކާޑު ވިއްކަނީ ކަނޑައެޅިފައިވާ އަގަށްތޯ ބަލައި މޮނިޓާ ކޮށްދިނުމަށް ސަރުކާރުގެ ކަމާބެގޭ ފަރާތްތަކާއި ކައުންސިލްތަކުގައި އަމްރު ވަނީ އެދިވަޑައިގެންފައެވެ.

މާލެއާ އެއް އަގެއްގައި ކާޑުގެ ބާވާތްތައް ވިއްކުމާއި ގުޅޭ ގޮތުން އެސްޓިއޯގެ ހެޑް އޮޕީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ---- ސަން ފޮޓޯ: އަވްޝަން އިލްޔާސް

"އެކަން އެ ގޮތަށް ކުރެވިގެން އެކީ އެކައްޗަކަށް އަޅުގަނޑުމެން ކުރަން މިއުޅޭ ކަންތައް ހާސިލްވެ ރައްޔިތުންނަށް އެއް އަގެއްގައި ކާޑު ލިބޭނެ ގޮތް މަގުފަހި ވާނީ،" އަމްރު ވިދާޅުވިއެވެ.

މާލެއާ އެއްއަގެއްގައި ރާއްޖޭގެ ހުރިހާ ރަށަކުންވެސް އޭޕްރީލްއިން ފެށިގެން ކާޑުގެ ބާވަތްތައް ގަންނަން ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

އެ ބައްދުލުވުމުގައި އެސްޓީއޯގެ ޖެނެރަލް މެނޭޖަރ ރީޖަނަލް ސޭލްސް އަބްދުލްވާހިދު މޫސާ ވިދާޅުވީ، މާލެއާ އެއް އަގެއްގައި ކާޑު ވިއްކައިދޭނެ އެޖެންޓުންތަކެއް ކޮންމެ ރަށަކުންވެސް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކާޑު ވިއްކާނެ އެޖެންޓުންނަށް ވުމުގެ ފުރުސަތު މާދަމާ ހުޅުވާލާއިރު ރަށް ރަށުގައި ހުރި އެސްޓީއޯގެ ފާމަސީތަކުން ފޯމު ލިބެން ހުންނާނެ ކަން ނިހާދު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު އަގުތަކެއް ހުށަހަޅާ ފަރާތްތަކާއި އެކު އެއް އަހަރު ދުވަހުގެ އެގްރީމެންޓެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ އޭޕްރީލް އެއް ވަނަ ދުވަހު ކާޑު މާލެއިން ނައްޓާލައިގެން ރަށުގައި އެވޭލަބަލްވާނެ ކަމަށް އެ އަގުގައި،" އަމްރު ވިދާޅުވިއެވެ.

comment ކޮމެންޓް