ހަންކެޑެ ތަރައްގީކުރުމުގެ އެއްބަސްވުން ބާތިލުކޮށްފި

ހަންކެޑެ---

އައްޑޫ ސިޓީގެ ހަންކެޑޭގައި ސިޓީހޮޓަލެއް ތަރައްގީކުރުމުގެ އެއްބަސްވުން ބާތިލުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

އައްޑޫ ސިޓީގެ ހަންކެޑޭގައި ސިޓީ ހޮޓަލެއް ތަރައްގީކުރުމަށް ހަވާލުކުރީ 2006 ވަނަ އަހަރު، ތޫނޑު ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ. ނަމަވެސް އެއްވެސް މަސައްކަތެއް ހިނގާފައި ނުވާތީ އެ ކުންފުނި ޖޫރިމަނާކޮށް، ހާފް ޑިގްރީ ކިޔާ ކުންފުންޏަކާ 2008 ވަނަ އަހަރު ހަންކެޑެ ހަވާލުކުރިއެވެ. އެ ކުންފުނިންވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެއެވެ.

އޭގެ ފަހުން 2011 ވަނަ އަހަރުގެ ޖޫން މަހު ހަންކެޑެއާ ގުޅޭ ހުރިހާ ހައްގުތައް ޑޮލަރޓަން ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކަށް ވަނީ ބަދަލުކޮށްފައެވެ.

ހަންކެޑެގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ 2006 ވަނަ އަހަރު ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑާއެވެ. 18 މަސް ތެރޭ ނިންމަން ހަވާލުކުރި އެ މަސައްކަތް އެ ކުންފުނިން ނިންމާފައިނުވާތީ ކުންފުނި ޖޫރިމަނާކޮށް 2008 ވަނަ އަހަރު މަސައްކަތް ހަވާލު ކުރީ ހާފް ޑިގްރީ ކިޔާ ކުންފުންޏަކާއެވެ. ނަމަވެސް އެ ކުންފުންޏާ ހަވާލުކުރި މަސައްކަތްވެސް ކުރިއަކަށް ނުދިޔައެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހަންޑެކެ މިހާތަނަށްވެސް އެއްވެސް މިންވަރަކަށް ތަރައްގީކުރެވިފައި ނުވާތީ، އަދި އެ ބިމުން ސަރުޚާރަށް އަދި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުލިބި ދިގު މުއްދަތެއް ފާއިތުވެގެން ގޮސްފައިވާ ކަމަށެވެ.

އަދި ހޮޓާ ތަރައްގީކުރެވިފައި ނުވަނީ އެއްބަސްވުމުގައި ބަޔާންކުރާފަދަ، އެ ފަރާތުގެ އަމިއްލަ ބާރު ނުފޯރުވޭ ކަމެއްގެ ސަބަބުން ކަމަށް ނުފެންނަކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން މިއީ ހަންކެޑޭގެ ލީސް އެގްރިމެންޓާ ހިލާފުވުންކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އަދި މިނިސްޓްރީއަށް ލިބިފައިވާ އިހްތިޔާރުގެ ދަށުން ޑޮލަރޓަން ޕްރައިވެޓް ލިމިޓެޑާއެކު މިނިސްޓްރީން ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ ކުންފުންޏާ ހަތް ދުވަހުގެ ނޯޓިސްއެއް ހަވާލުކޮށްފައިވާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މި މަހުގެ ކުރީކޮޅު އައްޑޫ ސިޓީއަށް ވަޑައިގެންނެވި ދަތުރުފުޅުގައި ވަނީ، ޖެނުއަރީ މަސް ނިމުމުގެ ކުރިން ހަންކެޑެ މަޝްރޫއާމެދު ގޮތެއް ނިންމަވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

ހަންކެޑެއަކީ އައްޑޫ ސިޓީގެ މަރަދޫއާއި ހިތަދޫއާ ދޭތެރޭގައި އޮންނަ ފަޅުރަށްތަކުގެ ތެރެއިން ރަށެކެވެ.

comment ކޮމެންޓް