އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން އާއިޝަތު ފިފްޝީން އަލީ މިއަދު ވަކިކޮށްފައެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން "ސަން"އަށް ބުނީ، ފިފްޝީން އެ މަގާމުން ވަކިކުރީ ސަރުކާރުން އެ ކޯޕަރޭޝަނަށް އެންގުމުން ކަމަށާއި އޭނާ ވަކިކުރީ އެކަން ކުރިއަށް ގެންދާ މަރުހަލާގެ ދަށުންކަމަށެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބެއް އެ ބޯޑުން ހާމައެއް ނުކުރެއެވެ.
އެސްޑީއެފްސީގެ އެމްޑީގެ މަގާމަށް ފިފްޝީން އައްޔަން ކުރީ މިދިޔަ އަހަރުގެ ޖަނަވަރީ މަހެވެ.
ފިފްޝީން ވަނީ އިނގިރޭސިވިލާތުގެ ކާޓިން ޔުނިވާސިޓީން ބެޗްލާ އޮފް ކޮމާސް ހާސިލްކުރައްވައިފައެވެ. އަދި އޭނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އެޑިތް ކޮވަން އިން، ބިޒްނެސް އެޑްމިނިސްޓްރޭޝަން އިން މާސްޓަސް ހާސިލްކުރައްވާފައެވެ.
މީގެ އިތުރުން 20 އަހަރަށްވުރެ ދިގު މުއްދަތަކަށް އޭނާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި މަސައްކަތްކުރައްވާފައިވާއިރު، ބޭންކުގެ ހެޑް އޮފް ކާޑްސް، ހެޑް އޮފް ޗެނަލް މެނޭޖްމެންޓު އަދި ހެޑް އޮފް އެކުއަރިން އެންޑް ޑިޖިޓަލް ޕޭމެންޓްސްގެ މަގާމު އަދާކުރައްވާފައިވެއެވެ.
އެސްޑީއެފްސީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީ ލުއި އިންޓްރެސްޓް ރޭޓުތަކުގައި ފަސޭހަކަމާއެކު ދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.