ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ޕީޕީއެމުން މޯލްޑިވިއަންގެ ބޯޓުތަކުގައި ދަތުރުކުރުމަށް ފަހު ނުދައްކާ އޮތް 3.8 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ކޯޓުގައި ދައުވާކޮށްފިއެވެ.
މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގެ ތެރެއިން ޕީޕީއެމް އިން ބޭއްވި "ސައިޒު ދައްކާލާ ބޮޑު ޖަލްސާ"އަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވައިގެ މަގުން ސަޕޯޓަރުން މާލެ ގެނައުމަށް މީހުން ގެނެސް، 4.8 މިލިއަން ރުފިޔާ އައިލެންޑް އޭވިއޭޝަނަށް އޮތީ ނުދައްކައެވެ.
އެ ވާހަކަ މީޑިއާގައި ދައުރުވުމުން ޕީޕީއެމުން ވަނީ އެއް މިލިއަން ރުފިޔާ ދައްކާފަ އެވެ.
މޯލްޑިވިއަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރިޒްވީ "ސަން" އަށް ވިދާޅުވީ މިހާތަނަށްވެސް ޕީޕީއެމުން 3.8 މިލިޔަން ރުފިޔާ ދައްކާފައި ނުވާކަމަށާއި އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ވަނީ ދަތުރުތައް ކުރުމަށް ފަހު ޕީޕީއެމް އިން ދައްކަން ޖެހޭ ފައިސާ އެޕާޓީގެ ބަޖެޓުން އުނިކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި ވެސް އެދިފަ އެވެ. ނަމަވެސް އީސީ އިން ބުނެފައި ވަނީ ޕާޓީގެ ބަޖެޓުން އެގޮތަށް ފައިސާ އުނި ނުކުރެވޭނެ ކަމަށެވެ.
ޕީޕީއެމުން ސައިޒު ދައްކަންވެގެން ބޭއްވި ބޮޑު ޖަލްސާއަށް 2،000 މީހުންނަށް ޓިކްޓްދީގެން ވަނީ މާލެ ގެނެސްފަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ޖަލްސާ އަށް 2،000 މީހުން ގެނެސް އަނބުރާ ފޮނުވުމަށް 4.8 މިލިއަން ރުފިޔާ ހަރަދުކޮށް، އެ ބިލް ކްރިޑިޓަށް ޕީޕީއެމް އަށް ދިނެވެ.