ދިވެހި ނޫސްވެރިކަން ކުރިއަރުވައި، ދެމެހެއްޓުމަށް ދިގު މުއްދަތެއްގައި ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އަށް ބޭފުޅަކަށް ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އަރުވައިފިއެވެ.
ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުމާއި މިދިޔަ އަހަރު އެކި ދާއިރާތަކުން އެންމެ ފަހަގަކުރެވޭ ނޫސްވެރިންނަށް އިނާމު ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި ރަސްމިއްޔާތުގައި ޝަރަފުގެ އަލިމަސް ގަލަން ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ލިބިވަޑައިގެންނެވި ފަރާތްތަކުގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ހަވީރު ނޫހުގެ ބާނީ ޑރ. އަހްމަދު ޒާހިރު ހުސައިނާއި، އާފަތިސް ނޫހުގެ މަސްއޫލިވެރިޔާ އައްބާސް އިބްރާހީމާއި ދިވެހި ބަހުގެ އުސްތާޒު އަބްދުﷲ ސޯދިގުވެސް ހިމެނިވަޑައިގަންނަވައެވެ.
ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ލިބިވަޑައިގެންނެވި ބޭފުޅުން:
- ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް (ނޢޣވ)
- ހަވީރު ނޫހުގެ ބާނީ ޑރ. މުހައްމަދު ޒާހިރު ހުސައިން (ނޢޢވ)
- އާފަތިސް ނޫހުގެ ބާނީ އައްބާސް އިބްރާހިމް (ނޢޢވ)
- މަގުބޫލު ކޮލަމިސްޓް (ސީނާ) އަހްމަދު ޒާހިރު (ނޢޢވ)
- ހަވީރު ނޫހުގެ ފުރަތަމަ އެޑިޓަރު އަބްދުﷲ ސޯދިގު (ސޯދުބެ)
- ހަވީރު ނޫހުގެ ފުރަތަމަ މެނޭޖިންގް އެޑިޓަރު (ކޮޕީ) މުހައްމަދު ރަޝީދު
- އިބްރާހިމް ރަޝީދު މޫސާ
- ކޮލަމިސްޓު އަބްދުﷲ ފާރޫގު ހަސަން
މި ރަސްމިއްޔާތުގައި ދިވެހި ނޫސްވެރިކަމުގެ އަލިމަސް ގަލަން އަށް ބޭފުޅަކަށް، އަދި ރަން ގަލަން ނުވަ ބޭފުޅަކަށް ވަނީ ދީފައެވެ.
ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ޒަމާނީ ޑިމޮކްރަސީތަކުގައި ނޫސްވެރިކަން ކުރަނީ ސެލްފް ރެގިއުލޭޓުކުރާ ނިޒާމެއްގެ ދަށުން ކަމަށެވެ. އަދި ދިވެހި ނޫސްވެރިކަމަށް އެންމެ މަސްލަހަތު ހުރި ގޮތަކީ ނޫސްވެރިންގެ އިންތަކާއި މިންތައް ނޫސްވެރިން އަމިއްލައަށް ކަނޑައެޅުން ކަމަށެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފަނު ގަބޫލުކުރައްވާ ގޮތުގައި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ސަރުކާރެއް އޮތުމަށްވުރެ ނޫސްވެރިކަން އޮތުން މުހިންމު ކަމަށެވެ.
"ނޫސްވެރިކަމާއި ނުލައި ސަރުކާރެއް އޮތުމަށް ވުރެން ސަރުކާރަކާއި ނުލައި ނޫސްވެރިކަން އޮތުން ވެސް ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި އަޅުގަނޑަށް މުހިންމު،" ނޫސްވެރިކަމުގެ ދާއިރާއިން ވަޒީފާގެ މާހައުލަށް ނިކުންނެވި ރައީސް ސޯލިހު ވިދާޅުވިއެވެ.
މިދިޔަ އަހަރު އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ނޫސްވެރިންނަށްވެސް އެވޯޑު ދިން އިރު، އެންމެ އުންމީދީ ނޫސްވެރިޔާގެ މަގާމަށް ހޮވުނީ އަވަސް ނޫހުގެ ސަބް އެޑިޓަރު ނާޒިމް ހަސަނެވެ. އަދި ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިވަޑައިގަތީ ރާއްޖޭގައި ނެރުނު ފުރަތަމަ ނޫސް "ސަރުކާރުގެ ޚަބަރު" އަދި ރާއްޖޭގެ ފުރަތަމަ ދުވަހު ނޫސް "ވިޔަފާރި މިއަދު" ނޫހުގައި މަސައްކަތްކުރެއްވި، އަދި ހަވީރު ނޫހުގެ ފުރަތަމަ އެޑިޓަރުކަންވެސް ކުރެއްވި އަބްދުﷲ ސޯދިގު (ސޯދުބެ)އަށެވެ.